ހައި ކޯޓު: ބައެއް މައްސަލަތައް އިސްތިއުނާފް ކުރިޔަސް އޭގެ މުއާމަލާތް ކެނޑޭއިރު ވެސް ޝަރީއަތް ނުފެށޭ
15 ފެބުރުއަރީ 2017 - 06:49
ކޯޓެއްގެ ނިންމުމެއް އިސްތިއުނާފް ކުރުމަކީ އެ ނިންމުމެއްގެ ސަބަބުން ހައްގެއް ގެއްލޭ ކަމަށް ގަބޫލު ކުރެވޭ ފަރާތަށް ޝަރުއީ މަރުހަލާގައި ދީފައި އޮންނަ މުހިންމު ފުރުސަތެކެވެ. ދަށު ކޯޓަކުން މީހަކާ މެދު ނުވަތަ ބަޔަކާ މެދު އެޅި ފިޔަވަޅު ތަންފީޒުވެގެން ނިމޭއިރު ވެސް ނުވަތަ އޭގެ މުއާމަލާތް ކެނޑޭއިރު ވެސް އިސްތިއުނާފް މަރުހަލާއިން ގޮތެއް ނުނިމި އޮންނަން ވެއްޖެ ނަމަ އިސްތިއުނާފް މަރުހަލާގެ ބޭނުމެއް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަހަށް ޖަލަށް ލާން ކުރި ހުކުމް އިސްތިއުނާފް ކުރެއްވިޔަސް ޝަރީއަތުގެ އަޑުއެހުމެއް ހައި ކޯޓަށް ނުބޭއްވިގެން އުޅެނިކޮށް އެ ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބަލައި ނިމޭއިރު، ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށް ނިންމައި އެ ހުކުމް ބާތިލްކޮށްފި ނަމަ އޭގެ މާނައަކީ ހަ މަސް ވަންދެން މަހްލޫފް ޖަލުގައި ބެހެއްޓީ "ނުހައްގުން" ކަމެވެ. އެކަމަކު އޭރު އޮންނާނީ މާ ލަސްވެފަ އެވެ. މަހްލޫފަށް އެ ލިބިވަޑައިގަތީ އިއާދަ ނުކުރެވޭނެ ގެއްލުމެކެވެ. އޭނާގެ ހައްގު ގެއްލުމުގެ އިތުރުން އޭނާ ތަމްސީލުކުރައްވާ ދާއިރާގެ ރައްޔިތުންނަށް އެ މީހުންގެ ބަސް މަޖިލީހުގައި އިއްވަން އޮތް ފުރުސަތު ވެސް "ނުހައްގު ގޮތެއްގައި" ހަ މަހަށް ބަންދުވީ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ތެޔޮ ގަތުމަށް މެރީޑިއަމް ސާވިސްއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރި މައްސަލާގައި އެ މައްސަލަ ސިވިލް ކޯޓުން ނިމެންދެން އެއްބަސްވުން ދަމަހައްޓަން އެ ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އެ އަމުރު އެމްޕީއެލް އިން އިސްތިއުނާފް ކުރި އެވެ. އެކަމަކު އަސްލު މައްސަލަ ސިވިލް ކޯޓުން ބަލައި ނިމުނުއިރު ވެސް ވަގުތީ އަމުރުގެ އިސްތިއުނާފް ހައި ކޯޓުގައި އޮތީ ނުފެށި އެވެ. އެހެންވެ އިސްތިއުނާފްގެ މައްސަލަ އެ ހިސާބުން ބޭކާރުވީ އެވެ.
މި ފާހަގަކޮށްލީ މީޑިއާގެ ސުރުޚީތަކުން ޖާގަ ހޯދި ދެ މައްސަލައެކެވެ. މިފަދަ އެހެން މައްސަލަތައް ވެސް ހުންނާނެ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެކި ފަހަރުމަތިން ވިދާޅުވެފައިވާ ގޮތުން ޝަރުއީ ދާއިރާގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަވަހަށް އަދި ފަސޭހައިން އިންސާފު ހޯދައި ދިނުމެވެ. ތެދެކެވެ. އޭގެ ވަރަށް ގިނަ މަސައްކަތްތައް ފާއިތުވެދިޔަ ދެތިން އަހަރު ޝަރުއީ ދާއިރާއިން ކުރަން ވެސް ކުރި އެވެ. މާލޭގެ ކޯޓުތަކުގައި ހުރި ގިނަ ދުވަސް ވެފައިވާ އެތައް މައްސަލައެއް ނިންމި އެވެ. އަތޮޅުތަކުގެ ކޯޓުތަކުގައި ހުރި ދުވަސް ވީ މައްސަލަތައް ނިންމަން ވަފުދުތައް ފޮނުވައިގެން ވެސް އެކަން ކުރި އެވެ. ކޯޓުތަކުގައި ހުރި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ މައްސަލަތަކުގެ ނިސްބަތް ވަރަށް ބޮޑު ތަން ދަށްކުރި އެވެ.
އެގޮތުން ހައި ކޯޓުން ވެސް ދުވަސް ވީ ގިނަ މައްސަލަތަކެއް ނިންމި އެވެ. މިހާރު ވެސް ބައެއް މައްސަލަތައް އަވަހަށް ނިންމަ އެވެ. މިސާލަކަށް ބަންދު އަމުރުގެ މައްސަލަތަކަކީ އަވަސްކުރަން ޖެހޭތީ ހައި ކޯޓުން ކޮންމެ ދުވަހަކު ހެން އަޑުއެހުންތައް ބާއްވައި، ހަފުތާއެއް ތެރޭގައި ނިންމަ އެވެ.
އެކަމަކު ހަގީގަތަކީ އެކަށީގެންވާ ސަބަބުތަކެއް ނެތި، ބައެއް މައްސަލަތައް އިސްތިއުނާފް މަރުހަލާގައި ކުރިއަށް ނުގޮސް އެބަހުރި ކަމެކެވެ. ލަސްވާ މައްސަލަތައް އެ ލަސްކަންމަތީ ކުރިއަށް ނުދަނީ އެވެ. ސަބަބުތަކެއް ހުރެގެން ކަމަށް ވިޔަސް އިސްތިއުނާފްގެ ބައެއް މައްސަލަތައް ހިންގުމުގައި ނުވަތަ ނިންމުމުގައި "ފަހަތު ފަޔަށް ބަރުވެފައި" ހުންނަ މަންޒަރު ފެނެ އެވެ.
ދަށު މަރުހަލާގެ ކޯޓުތަކުން މައްސަލަތައް ނިމުން ލަސްވުމުގައި އެންމެ ބޮޑު ސަބަބަކަށް ދައްކަނީ ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރު ނުކުރެވުން ފަދަ އުޒުރުތަކެވެ. ތެދެކެވެ. ދަށު ކޯޓަކީ ފުރަތަމަ މަރުހަލާ ކަމަށް ވާތީ ކޮންމެ މައްސަލައެއްގައި ވެސް ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރު ކުރުމާއި އިތުރަށް ސާފުކުރަން ޖެހޭ ކަންކަން ހުރި ނަމަ އެކަންކަން ސާފުކޮށްފައި ނޫނީ ހުކުމާ ހަމައަކަށް ނުދާނެ އެވެ. އެކަމަކު އިސްތިއުނާފް މަރުހަލާ އޮންނާނީ އެއަށް ވުރެ ލުއި ނުވަތަ ފަސޭހަކޮށެވެ.
އާންމު އުސޫލުން އިސްތިއުނާފް މަރުހަލާގައި އޮންނަނީ ދަށު ކޯޓުގައި ޝަރީއަތް ހިނގާ މަރުހަލާ އަށް ވުރެ ކުރު ނުވަތަ ޝަރީއަތް ހިންގަން ލުއި އިޖްރައާތުތަކެކެވެ. އިސްތިއުނާފް މަރުހަލާގައި އޮންނާނީ ދަށު ކޯޓަށް ހުށަހެޅި ކަންކަމާއި ދެކެވުނު ވާހަކަތަކަށް ބަލައި، ދަށު ކޯޓުން ނިންމި ނިންމުން ނުވަތަ އެ ނިންމުމަށް ވާސިލްވި އަސާސް ރަނގަޅުތޯ ނުވަތަ ނޫންތޯ ބެލުން (ރިވިއު) ކުރުމެވެ. ވަރަށް މަދު މައްސަލަތަކެއްގައި، ކޮންމެހެން ހާޒިރުކުރަން ޖެހޭ މީހުން އިސްތިއުނާފް މަރުހަލާގައި ހާޒިރުކޮށް ނުވަތަ ކުރިން ސާފުނުވެ އޮތް ކަމެއް ސާފުކުރަން ވަގުތުތަކެއް ހޭދަވިޔަސް އެއީ އާންމުކޮށް ކޮންމެ މައްސަލައެއްގައި ހިނގާނެ ކަމެއް ނޫނެވެ.
މިހާތަނަށް އިސްތިއުނާފް މައްސަލަތަކުގައި ރާއްޖޭގައި ކަން ހިނގަނީ ވެސް އެގޮތަށެވެ. އާދައިގެ މައްސަލައެއް ނަމަ އެންމެ އަޑުއެހުމެއް ބޭއްވުމަށް ފަހު، އިތުރު ކަމެއް ސާފުކުރަން ނުޖެހިއްޖެ ނަމަ ހުކުމް އިއްވަ އެވެ. ތަންކޮޅެއް ބޮޑު މައްސަލައެއް ނަމަ ދެތިން އަޑުއެހުމެއް ބޭއްވުމަށް ފަހު ހުކުމް އިއްވަ އެވެ. އެކަމަކު ކުރިން ވެސް ފާހަގަކުރި ގޮތަށް، ދަށު މަރުހަލާގައި މައްސަލަ ބަލާއިރު ފުރިހަމަ ކުރަން ޖެހޭ ފަދަ ދިގު އިޖްރާއަތުތަކެއް އިސްތިއުނާފް މަރުހަލާއަކު ނޯވެ އެވެ.
އިސްތިއުނާފް ޝަރީއަތް ހިންގުން މިހާ ފަސޭހަކޮށް އޮންނައިރު ބައެއް މައްސަލަތަކުގައި އިސްތިއުނާފް ކުރިއަށް ނުގޮސް ޕާކް ކޮށްފައި ހުރުމަކީ ހައްގުތަކެއް ގެއްލުމެވެ. ޝަރުއީ ދާއިރާއާ މެދު ތުހުމަތުތަކެއް ކުރެވި އަދި ފާޑުކިޔުންތައް އަންނަމުން ދާ ދަނޑިވަޅެއްގައި އެފަދަ ކަންކަން ހިނގާ ނަމަ އެއީ މައްސަލައެކެވެ.
މެމްބަރު މަހްލޫފް: އޭނާގެ ޖަލު ހުކުމެއް ތަންފީޒުކޮށް ނިމުނުއިރު ވެސް އިސްތިއުނާފް މަރުހަލާ ނުފެށޭ - ފޮޓޯ: ފޭސްބުކް/މަހްލޫފް
އިސްތިއުނާފްގެ ހުރިހާ މައްސަލައެއް ވެސް އެއް މިންގަނޑަކުން ނުވަތަ އެއް ސްޕީޑެއްގައި އަވަސްކޮށް ހިނގަމުންދާ ނަމަ އެ އިސްތިއުނާފެއް ރައްދުވާ ފަރާތަށް ވެސް އެއީ ވަރަށް ބޮޑު ފަސޭހައެކެވެ. އަދި އެ މައްސަލައަކާ ގުޅުން ހުރި ދެން ތިބި ފަރާތްތަކަށް ވެސް ލިބޭ ފަސޭހައެކެވެ.
އިސްތިއުނާފް ބައެއް މައްސަލަތައް މިހާރަކަށް އައިސް ލަސްވާ ލަސްވުމުގެ ވާހަކަ ފާހަގަކުރާއިރު އެކަމަށް ކޮންމެވެސް ވަރެއްގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ: އިސްތިއުނާފް މަރުހަލާގައި އެންމެ ގިނަ މައްސަލަ ބަލާ މާލޭގެ ހައި ކޯޓުގައި ފަނޑިޔާރުން މަދުވުމެވެ. ހައި ކޯޓުގެ ދެ ގޮތްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި އުފައްދަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، މާލޭގެ ހައި ކޯޓުގައި ތިބި ފަނޑިޔާރުން އެ ގޮފިތަކަށް ބަހަން ޖެހުމެވެ.
އެ އިސްލާހާ ގުޅިގެން އައްޑޫގައި ހެދި ދެކުނު ގޮފީގެ މަސައްކަތް ފެށި، މާލޭގެ ހައި ކޯޓުގައި ތިބި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު އެ ގޮތްޕަށް ފޮނުވަން ޖެހުނެވެ. އޭގެ ފަހުން އިތުރު ދެ ފަނޑިޔާރަކު އިސްތިއުފާ ދެއްވުމުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް މާލޭގައި ތިއްބަވަނީ އެންމެ ހަތަރު ފަނޑިޔާރުންނެވެ.
ނުވަ ފަނޑިޔާރުން ތިބެން ޖެހޭ ހައި ކޯޓުގެ ބެންޗުން ދެ މަގާމެއް ހުސްކޮށް އޮތުމުން އުތުރު ގޮތްޕަށް އަދި ފަނޑިޔާރުން ކަނޑައެއް ވެސް ނާޅަ އެވެ. އެ ދެ މަގާމަށް ފަނޑިޔާރުން ހަމަޖެއްސުމުން މާލޭގެ ހައި ކޯޓުގައި ފަނޑިޔާރުންގެ ތެރެއިން ކޮންމެވެސް ތިން ފަނޑިޔާރަކު އުތުރު ގޮތްޕަށް ކަނޑައަޅާނެ އެވެ. އޭރުން މާލޭގައި ވެސް އަދި ކޮންމެ ގޮތްޕެއްގައި ވެސް ތިބޭނީ ތިން ފަނޑިޔާރުންނެވެ. އޭރުން މިއަށް ވުރެ ވެސް މައްސަލަ ލަސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ކޮންމެ ގޮތްޕެއްގައި ވެސް ތިން ފަނޑިޔާރުން ތިބުމުން އިސްތިއުނާފް ހުރިހާ މައްސަލައެއް ވެސް ބަލަން ޖެހޭނީ އެ ތިން ފަނޑިޔާރުންނެވެ. އެއިން އެންމެ ފަނޑިޔާރަކު ރަށުން ބޭރަށް ނުވަތަ ޗުއްޓީއަށް ވަޑައިގަތަސް ޝަރީއަތްތައް ހުއްޓުމަކަށް އައީ އެވެ.
އެހެންވެ، މިސާލަކަށް މާލޭގެ ހައި ކޯޓުން 500 އެއްހާ އިސްތިއުނާފް މައްސަލަ ކޮންމެ އަހަރަކު ބަލާއިރު މިހާރު ތިބި ހަތަރު ފަނޑިޔާރުން (ކުރިއަށް އޮތް ތަނުގައި ތިން ފަނޑިޔާރުން) އެ ހުރިހާ މައްސަލައެއް ބަލައި ނިންމުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ. ފަނޑިޔާރަކު ޗުއްޓީ ނުވަތަ ސަލާމް ބުންޏަސް އެ ފަނޑިޔާރު އަންނަންދެން އެ ހިސާބުން ކޯޓުގެ ހުރިހާ މައްސަލައެއް ހުއްޓުނީ އެވެ. ދާދި ފަހުން މާލޭގެ ހައި ކޯޓުގައި އެކަން އެގޮތަށް ދިމާވި އެވެ.
ފަނޑިޔާރުންގެ އަދަދު އިތުރުކުރަން ކިތަންމެ ބޭނުންވިޔަސް، މިހާރު ހުސްކޮށް އޮތް ދެ މަގާމަށް ވުރެ އިތުރަށް އެ ކޯޓުގެ ބެންޗަށް ފަނޑިޔާރުން ނެގޭކަށް ނެތެވެ. ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ހައި ކޯޓުގައި އެންމެ ގިނަވެގެން ވެސް ތިބޭނީ ނުވަ ފަނޑިޔާރުންނެވެ. އެއަށް ވުރެ އިތުރަށް ފަނޑިޔާރުން ނެގެން އޮތީ ގާނޫނު އިސްލާހު ކޮށްގެންނެވެ.
އިސްތިއުނާފު މަރުހަލާގެ ބޭނުން ކެނޑޭ ފަދަ މިންވަރަށް އިސްތިއުނާފް މަރުހަލާގައި މައްސަލަތައް ލަސްވެގެން ނުވާނެ އެވެ. މިކަން މިހެން ނުވާނެ ފަދަ ގޮތެއް ޝަރުއީ ނިޒާމުގައި އޮންނަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޯ
15 February 2017
ހަމަހައް ހުކުންކުރާމީހާގެ އިސްތިޢުނާފުގެ ފުރަތަމައަޑުއެހުން ހަތްވަނަމަހު ބޭއްވިޔަސް ހިއެއްނުވޭ އެވަރުލަސްވާހެން މުސާރަމަދުވީމަ ގިނަފަހަރު މިޖެހެނީ އެހެންތަނެއްގެ މަސަތްކަތެއްކޮއްލަން މީމިވާގޮތަކީ މިކަމުގެ ހައްލަކީ އަދިވެސް މުސާރަބޮޑުކުރުން
އިންޞާފު
15 February 2017
މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަން އިޢްލާނުކުރިތާ މިހާރު ގާތްގަނޑަކަށް 8 މަސް ދުވަސްވަނީ، ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިޢްލާނުކުރިތާ މިހާރު ގާތްގަނޑަކަށް 5 މަސް ދުވަސް ވަނީ، މިފަދަ ދުވެއްޔެގައި އިދާރީ ކަންތައްތައް ހިނގާ ޖުޑިޝަރީއަކުން ރައްޔުތުންނަށް އަވަސް ޢަދުލު އިންޞާފެއް ހޯދައިދިނުމަކީ ވުމަށްވުރެން ނުވުން ދުރުކަމެއް. ކޯޓުތަކަށް އެކަށީގެންވާ ވަރަށް ފަނޑިޔާރުން ހަމަނުޖައްސާ އަވަސް ނިޔާތަކެއް ރައްޔިތުންނާއި ހަމައަކަށް ނުފޯރާނެ.
އއއ
15 February 2017
ހައިކޯޓްގެ ފަޑިޔާރުން މަދުވިއަސް ސަރުކާރު ބޭނުންވާ މައްސަލަތައް އެއްދުވަހުން އެބަހުރި ނިންމާފަ. އަދި ސަރުކާރު ބޭނުންނުވާ މައްސަލަތައް ހަމަ ހަރުގަނޑުގައި އެމީހެއްގެ ޙުކުމްތައްފީޒުކޮށް ނިމޭއިރުވެސް ހިރަފުސް ބުރަން އޮންނަނީ ބާއްވާފަ. އާޅެ ތަންކޮޅެއް އިންސާފުވެރިވެބަލަ. ތިބާމެން ލަދެއްވެސް ނުގަނޭތަ؟
މުޙައްމަދު
15 February 2017
ޢަދުލު އިންސާފުގެ ދާއިރާ މިދަނީ ދުވަހު ނުދެކޭފަދަ ނިކަމެތިކަމެއް ތަޖްރިބާ ކުރަމުންނެވެ. ހައިކޯޓުގެ ގޮފިތަކެއް ހެދި މަޤްސަދު މިޤައުމުގެ ރައްޔިތުންނަށް ސާފު ނުވޭތޯއެވެ. ޤާނޫނުން އުތުރުގައި ގާއިމް ކުރަން މުއްދަތު ކަނޑައެޅި ހައިކޯޓުގެ ގޮފި ކޮބައިތޯއެވެ. ގިނަ ކަންކަން ނިމި ދަނީ ކޮންމެވެސް ޒާތީ ޖަޒްބާތެއްގެ ތެރެއިންނެވެ. ޖޭއެސްސީއަށް ހައިކޯޓަށް ފަނޑިޔާރުން ކަނޑަ ނޭޅިގެން މިއުޅެނީ ޤާނޫނުން އެބާރާއި ވަސީލަތްތައް ޖޭއެސްސީއަށް ނުލިބިގެންތޯއެވެ. ނޫނީ ހަމަ ނިކަމެތިކަމާއެކު ޒިންމާ އަދާ ނުކުރެވިގެން ތޯއެވެ. ހައިކޯޓުން ޖޭއެސްސީއަށް އައްޔަން ކުރަންޖެހޭ މެމްބަރު އައްޔަން ނުކުރެވި މިދަނީ ކީއްވެގެން ތޯއެވެ. ކުރިން ހުރި މެމްބަރު މުއްދަތު ހަމަވިތާ ކިތައް މަސްވެއްޖެތޯއެވެ. މިއީ މިއަދުގެ ޤައުމުގެ ހާލަތެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ޤާނޫނުއަސާސީ ގެ ބައެއް މާއްދާތަކަށް ޢަމަލު ކުރާ ފަދައިން މުޅި ޤާނޫނުއަސާސީއަށް ޢަމަލު ކުރެވެން ޖެހޭ ނޫންތޯއެވެ.
އަލީ
15 February 2017
ކޮރަޕްޝަނާ ފަސާދައިގެ ހާއްޔަކަށް ދިވެހިރާއްޖޭގެ ޖުޑިޝަރީވެފައިވާކަމަށް ދިވެހިންގެ ގިނަބަޔަކު ބުނަމުންދާއިރު،، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ އެއްކަމަކީ ކަމަކީ،ކޮރަޕްޝަނާއި ފަސާދައަކީ ހަމައެކަނި ދިވެހިރާއްޖޭގެ ޖުޑިޝަރީގައި އޮތްކަމެއްނޫންކަމާއި، ކޮރަޕްޓްވެފައިވާ މުޖުތަމައެއްގައި ނޫނީ ކޮރަޕްޓް ޖުޑިޝަރީއެއްވެސް އަދި ގާނޫނު ހަދާ މަޖިލީހެއްވެސް އަދި ސަރުކާވެސް ނޯންނާނެކަމާއި،ކޮރަޕްޝަނާއި ފަސާދަ މުޖުތަމައުގައި ފެތުރިފައިވާ މުޖުތަމައަކުން ނިކުންނާނީ ކޮރަޕްޓް މީހުންކަމާއި، ކޮރަޕްޓް މީހުންގެ މައްޗަށް އެކުލާވާލެވޭ ޖުޑިޝަރީއެއްވެސް މަޖިލީހެއްވެސް ސަރުކާރެއްވެސް އޮންނާނީ ކޮރަޕްޓް ވެފައިކަމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ގާނޫނީ ދީނީ އަދި ގައުމީ ޒިންމާ އުފުލޭތޯ މަސައްކަތް ކުރައްވާށެވެ.
ގޮނާނީޑް
15 February 2017
މަތީ ކޯޓް ތަކުގައި އެބަހުރި މަދަނީ ވަރަށް ގިނަ މައްސަލަތައް އިސްތިއުނާފުގެ މަރުހަލާ ގައި ތާށިވެފައި. 5 އަހަރުވީ މައްސަލަ ތައް ވެސް އެބަހުރި ކަމަށް ވަނީ. މިދެން ތަންކޮޅެއް ބޮޑު ވަރު ވަނީ އެވެ. މިލިޔުމުގައި ސިޔާސީ މީހުންގެ އިސްތިއުނާފުގެ މައްސަލަ ސަމާލު ކަމަށް ގެނައި ނަމަވެސް ވަރަށް ގިނަ މަދަނީ މައްސަލަ ތައް ވަނީ ވަރަށް ބޮޑަށް ލަސްވެފައި އިސްތިއުނާފުގެ މަރުހަލާ ގައި. ކަން މިހެން ހުރުމުން މިފަދަ ކަންކަން ރަނގަޅު ކުރަން ސްޕްރީމް ކޯޓުން އިސް ނަގައިގެން މިފަދަ ކަންކަން ރަނގަޅު ނުުކުރަނީ ކީއްވެ އަދި ޖުޑިޝަލް ސާރވިސް ކަމިޝަން ތީ ގޮނޑި ހޫނު ކުރަން ތިބޭ ބަޔެއްތޭ. މިފަދަ ކަންކަން އެބަޖެހޭ ރަނގަޅު ވާން. އައި އޭމް ގޮނާ ނީޑް ސަމް ކައިންޑް އޮފް ގުޑް ސައިން.
ލަހީ
15 February 2017
ވެދާނެ ބައެއް މައްސަލަތައް ކޮންމެވެސް ފަރާތަކުން އަންގައިގެން ލަސްކޮށްލަނީކަމަށްވެސް.
އަޙުމަދު
15 February 2017
ހައިކޯޓް 3 ގޮތްޕަށް ބަހާ ފޮތި ފޮތި ކުރިއިރު ގާނޫނު ހަދާ މަޖުލިސް ގެ މެމްބަރުންގެ ގަމާރުކަން ތީން އެނގުނީ. މާލޭގެ ހުރި ހައިކޯޓަކީ އެންމެ ބާރުބޮޑުވާނެ ކޯޓްކަން އެމެމްބަރުންނަށް ނޭގި ތިބެ ގާނޫނު ތަކަށް އިސްލާޙު ގެނައިމާ ވާނެ ގޮތް ތިވަނީ.
އެމްއެމްޕީއާރުސީ
15 February 2017
ނޭނގިގެން ވައްކަންވެސް ކުރެވުނީ. ގޯނީގައި ލާރި ބެހީމަ ހިފުނީ. އެކައުންޓަށް ޖަމާވީމަ ކެވުނީ
ތެދެއް
15 February 2017
ތިޔަކަމުގެ ހުރިހާ ޛިންމައެއް އެޅެނީ މިހާރު އަޣްބިއްޔަތުއޮތް ރައްޔިތުންގެ މަލިސްގެ ޕާޓީއާއި ޖުޑީޝަރީއާއި ރައީސުލް ޖުމްހޫރިއްޔާ ބޮލުގައި:
އަހަންމާ
15 February 2017
ނޯ ކޮމެންޓް. އެއީ ކޮމެންޓް ކޮށް ލިޔެ ހެދިޔަސް ރޯމާ ދުވާލު ކުރާ ކަންކަން ވީމަ އެންމެނަށް އިގޭނެ ހަޤީޤަތް. ހައްޕު ކިޔައިގެން ބިރުން ތިއްބަސް ވޯޓު ކަރުދާސްކޮޅު އަތަށް އެރީމަ މިފަހަރު ދައްކާނެ.