ހިޔާ ފްލެޓްތައް ހަވާލުކުރި އިރު އެޕާޓްމަންޓް ހަވާލުކުރުމުން މީހަކު ތަޅުދަނޑި ހިފައިގެން ދަނީ. -- ފޮޓޯ: މިހާރު
13 ފެބުރުއަރީ 2024 - 14:21
މި ސަރުކާރުން ގެންނަން މަސައްކަތްކުރާ ބޯހިޔާވަހިކަމުގެ ގާނޫނު ވުޖޫދަށް ގެނައުމުން ސިޔާސީ ނުފޫޒުން ފްލެޓާއި ގޯތި ހޯދުން ނިމުމަކަށް ގެނެވި، އިންސާފާއި ހަމަހަމަކަމާ އެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަށަވަރުކުރެވޭނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރެގިއުލޭޓުކުރުމަށް، ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ހިމަނާފައިވެ އެވެ.
މި މަސް ތެރޭ އެ ބިލް މަޖިލީހަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެއްތުމަށް ހުށަހަޅާ ފުރަތަމަ ބިލާ ގުޅޭ ގޮތުން "މިހާރު" އަށް އުޝާމް ވިދާޅުވީ މި ބިލަކީ އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ބިލް ކަމަށާއި މި ބިލްގެ ބޭނުމަކީ ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުންނަށް ދައުލަތުގެ ތަނަވަސްކަން ހުރި މިންވަރަކުން ގެދޮރު ފޯރުކޮށްދޭނެ އުސޫލުތަކާއި ހަމަތައް ކަނޑައެޅުން ކަމަށެވެ.
ބިލް ޑްރާފްޓް ކޮށްފައިވަނީ ސަރުކާރުން ހިންގާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ކައުންސިލްތަކުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ޕްރައިވެޓް ކުންފުނިތަކަށް ހަވާލުކޮށްގެން ހިންގާ މަޝްރޫއުތައް ވެސް ގާނޫނުގައި ބަޔާންކުރާ މިންގަނޑު ތެރޭގައި ހިނގަން ޖެހޭ ގޮތަށެވެ.
ގާނޫނުން ކަނޑައެޅިގެން މި ދަނީ ހައުސިން ލިބޭނެ ޝަރުތުތައް. ކޮންމެ ސަރުކާރަކުން އައިސް ޝަރުތުތައް ކަނޑައެޅުން މީގެ ސަބަބުން ނިމުމަކަށް އަންނާނެ. އަންނަ ކޮންމެ ސަރުކާރަކުން ވަކި ޝަރުތުތަކެއް ކަނޑައެޅުމުން އެންމެ ބޭނުން ޖެހޭ މީހާއަކަށް ނޫން ގިނަ ފަހަރަށް ގެދޮރު ފޯރުކޮށްމިދެވެނީ. ހަމަހަމަ އިންސާފުވެރި ގޮތަކަށް ނޫން އެކަން ކުރިއަށް ދަނީ: އުޝާމް
ބަންޑާރަ ނައިބު ވިދާޅުވީ ބޯހިޔާވަހިކަމުގެ ކެޓަގަރީތައް ވެސް ބިލްގައި ހުންނާނެ ކަމަށާއި ސޯޝަލް ހައުސިން އާއި އެފޯޑަބަލް ހައުސިންގެ އެންމެ އަސާސީ ސިފަތައް ބަޔާންކޮށްފައި ހުންނާނެ ކަމަށެވެ. އަދި އެ ހައުސިން ފްލެޓްތަކަށް ކުރިމަތިލެވޭނެ ޝަރުތުތައް ވެސް ކަނޑައަޅާފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"ގާނޫނުން ކަނޑައެޅިގެން މި ދަނީ ހައުސިން ލިބޭނެ ޝަރުތުތައް. ކޮންމެ ސަރުކާރަކުން އައިސް ޝަރުތުތައް ކަނޑައެޅުން މީގެ ސަބަބުން ނިމުމަކަށް އަންނާނެ. އަންނަ ކޮންމެ ސަރުކާރަކުން ވަކި ޝަރުތުތަކެއް ކަނޑައެޅުމުން އެންމެ ބޭނުން ޖެހޭ މީހާއަކަށް ނޫން ގިނަ ފަހަރަށް ގެދޮރު ފޯރުކޮށްމިދެވެނީ. ހަމަހަމަ އިންސާފުވެރި ގޮތަކަށް ނޫން އެކަން ކުރިއަށް ދަނީ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"ހައްލު ލިބެން އޮތް ގާނޫނެއްގައި މިގޮތަށް ލިޔެގިން. ދެން ބޯހިޔާވަހިކަން ލިބޭނީ ގާނޫނުގައި ބުނާ ޝަރުތުތަކަށް ފެތޭ ބަޔަކަށް."
މީގެ އިތުރުން ބިލްގައި، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ދިރާސާތަކެއް ކުރަން ހައުސިން މިނިސްޓްރީގެ މައްޗަށް ލާޒިމް ކޮށްފައިވާނެ ކަމަށާއި އެ ދިރާސާތަކަށް ފަހު ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލަން ޖެހޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ. އެ ދަފްތަރުގައި، މާލީ ތަނަވަސްކަން ނެތް މީހުންނާއި ކުދި ތަންތަނުގައި އުޅޭ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަދި އެކަނިވެރިން މައިންނާއި ބަފައިންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުން ޖެހިފައިވާ މީހުން އެނގެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދަފްތަރަކީ އަހަރަކު އެއް ފަހަރު އަޕްޑޭޓް ކުރަމުންދާން ޖެހޭނެ އެއްޗެއް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
"މި ގާނޫނާ އެކު ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ވަރަށް ބޮޑަށް ހައްލުތަކެއް އަންނާނެ. އިންސާފުވެރި ރަނގަޅު ހައްލެއް. އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރެވިގެންދާނެ،" އުޝާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީވާ ގައުމެއް
13 February 2024
ނުކުޅެދޭ ކުއްޖަކު ހުންނަ މީހާއަށް ފުލެޓް ލިބިފަ ކުޅެދޭ ދެކުދިން ތިބި މީހާއަށް ފުލެޓް ނުލިބިފަ އެބަހުރި މިގައުމުގަ ބޯހިޔާވަހިކަން ހޯދަންޏާ އެބަޖެހޭ ނުކުޅެދޭ ކުއްޖަކުވެސް ހޯދަން މީ މައްސަލައެއް
ގަދަ
13 February 2024
ކޮންމެވެސް ބަޔަކު ތިފާސްވެސް ކުރަންޖެހޭނެދޯ
ރަނގަޅުކަމެއް
13 February 2024
ރަނގަޅު ނިޔަތެއްގައި ކުރެވިއްޖެނަމަ ރަނގަޅުވާނެ. މިއީ މިސަރުކާރުން ކުރަންއުޅޭ ރަނގަޅުކަމެއް.
ނަނާހުވަފެން
13 February 2024
މި އީ ހުސްފޮނި ކަނޑާބަޔެއް، ރަތްޔަތަކައް އެއްކަމެއްވެސް ނުކޮއްދޭނެ، މިމީހުންގެ ޖީބުބޮޑުވާނީ، ފެށުންވެސް ގޯސް، ދޮގުހަދާބަޔެއްކަން ސާފު
އޮނަރަބްލް އަފީފު ދީދީ
13 February 2024
ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް "ފުލެޓާއި ގޯތިން ވައްކަންކުރުން ހުއްޓުވަން" ޕްރޮޕަޓީޤާނޫނެއް ވުޖޫދުކޮށް ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފްރީކޮށް އޭނާމިލްކުކުރާ 2 ވަނަ ބިމާއިފުލެޓުން %50 އަދި އިތުރަށްހޯދާ ކޮންމެ ފުލެޓަކާއިބިމުން %100 ޖީއެސްޓީ އާއި ލަޤްޒަރީޓެކްސް ދައުލަތަށްނަގާން ކަޑައަޅާ ސޯޝަލް ހައުސިންގ ސްކީމަށް ދޮގުމައުލޫމާތު ދިނުމާއި އެފަދަ އެއްވެސް ކަމަކަށް އެހީތެރިވުމަކީ ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅާ. ކީއްވެ މިކަމަށް ފަސްޖެހެނީ!؟ .
ކިރު ސައި
13 February 2024
ރޯދަ މަހަށް ކަރާ ފަޅަން ފެއްޓީދޯ. ގެދޮރު ވެރިކަމުގެ ޝަރުތުތަކަކީ އެ ދުވަސް ވަރަކާއި، ޑިމާންޑާއި، ޕްލެޓްގެ ފެންވަރާއި އާމްދަނީއާއި މިހެންގޮސް އެތައްކަމެއްގެ މައްޗަށް ބިނާވެފަ އޮންނަން ޖެހޭ ބަދަލުވަމުން ދާ އެއްޗެއް. އަނގައެއް އޮތަތީވެ ބޭނުން ވާހަކައެއް ދެއްކިދާނެ.
ހިބިރިންބެއްޔާގެ ކުޑަސޮރު
13 February 2024
ގާނޫނު މިގައުމުގާ މަދެއްނޫން. މައްސަލައަކީ ގާނޫނަށް ބޯނުލަނބާތީ. ބޯނުލެނބިއަސް އަޅާނުލާތި. އެފްރިކާގެ ޖަންގައްޔެކޭ މިތަނެކޭ ތަފާނެއްނެތް.