ދުނިޔެ / އެމެރިކާ

ޓްރަމްޕަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެތޯ ސުޕްރީމް ކޯޓުން ކަނޑައަޅަނީ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

06 ޖެނުއަރީ 2024 - 08:33

2 comments

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވޭނެތޯ އެ ގައުމުގެ ސުޕްރީމް ކޯޓުން ކަނޑައަޅަން ނިންމައިފި އެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އެކި މައްސަލަތަކާއި ގާނޫނު ހަދާ މަޖިލީހަށް މީހުން ފޮނުވައި ހަމަނުޖެހުން ހިންގި މައްސަލަ އާއި ދައުލަތުގެ ސިއްރުތައް އަމިއްލަ ބޭނުމަށް ނެގުމާއި ޓްރަމްޕާ ގުޅުން ބޭއްވި ހަށިވިއްކާ އަންހެނަކަށް ފައިސާ ދީގެން އެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކެމްޕެއިން ފައިސާ ބޭނުންކުރުން ފަދަ މައްސަލަތައް ޓްރަމްޕާ ދެކޮޅަށް އެބަހުއްޓެވެ. މީގެ ތެރެއިން، ގާނޫނު ހަދާ މަޖިލީހުގައި ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ޓްރަމްޕް ނަގަން ޖެހޭ ކަމަށް ނިންމައި ކޮލޮރާޑޯ ސްޓޭޓްގެ ސުޕްރީމް ކޯޓުން ވަނީ ޓްރަމްޕަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މިދިޔަ މަހު އެ ކޯޓުން މިގޮތަށް ނިންމީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

މި ނިންމުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަމުގައި ގޮތެއް ނިންމަން ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމައިފަ އެވެ. މިހާރު ޓްރަމްޕާ ދެކޮޅަށް އޮތީ ސްޓޭޓް ކޯޓަކުން ނިންމާފައިވާ ނިންމުމެއް ނަމަވެސް މިކަމުގައި ސުޕްރީމް ކޯޓުން ނިންމާ ގޮތަކަށް މުޅި ގައުމުގައި އަމަލުކުރަން ޖެހޭނެ އެވެ.

އެމެރިކާގެ ގާނޫނުއަސާސީ ބުނާ ގޮތުން ދައުލަތާ ދެކޮޅަށް ނުވަތަ ރަސްމީ އިދާރާއަކާ ދެކޮޅަށް ޣައިރު ގާނޫނީ ގޮތުން ތެދުވެ އެތަނެއްގެ ޒިންމާ އަދާކުރުމަށް ހުރަސް އަޅައިފި މީހަކަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެކަމަކު ޓްރަމްޕުގެ ވަކީލުން ވިދާޅުވީ މިއީ ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކާ ދެކޮޅަށް ބޭނުންކުރެވޭނެ މާއްދާއެއް ނޫން ކަމަށެވެ. މި މާއްދާގެ ދަށުން ޓްރަމްޕާ ދެކޮޅަށް ކުރި ހުކުމް ވެފައި ވަނީ އޭގެ ދަށުން ރިޔާސީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރި ފުރަތަމަ ފަހަރަށެވެ. އަދި މިއީ އެމެރިކާގެ ސުޕްރީމް ކޯޓުން މި މާއްދާ މާނަކުރާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕް އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި

ޓްރަމްޕްގެ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ކޮލޮރާޑޯ ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ކޮލޮރާޑޯގެ އެތައް މިލިއަން ބައެއްގެ ވޯޓުގެ ހައްގު ގެއްލޭނެ ކަމަށާއި އަދި އެ ނިންމުން އަސްލަކަށް ބަލައިގެން އެހެން ސްޓޭޓްތަކުން ވެސް ނިންމުންތައް ނިންމަފާނެ ކަމަށެވެ. އެހެންވެ މިއީ ގާނޫނުއަސާސީ ހިލާފް ނިންމުމެއް ކަމަށް ކަނޑަޅައިދޭން ވަނީ އެދިފަ އެވެ.

މި މައްސަލައިގެ އިތުރުން ޓްރަމްޕްގެ ފަރާތުން ވަނީ ޓްރަމްޕެ ނަން ވޯޓު ކަރުދާހުގައި ނުހިމެނޭނެ ކަމަށް މެއީން ސްޓޭޓްގެ އިލެކްޝަންސް އޮފިޝަލުން ނިންމާފައި ވާތީ އެ ނިންމުން ވެސް އިސްތިއުނާފް ކުރައްވައިފަ އެވެ.

ޓްރަމްޕަކީ ނޮވެމްބަރު 5 ގައި ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި، މިހާރުގެ ރައީސް ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑެންއާ ދެކޮޅަށް ރިޕަބްލިކަން ޕާޓީން ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ކެންޑިޑޭޓެވެ.

މިނެސޯޓާ އާއި މިޝިގަން އިން ވަނީ ރިޔާސީ އިންތިހާބުގައި ޓްރަމްޕަށް ވާދަ ނުކުރެވޭނެ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލަަތައް ބޭރުކޮށްލައިފަ އެވެ. އޮރެގަންގައި މިހާރު ވެސް މީގެ މައްސަލަތައް އަދި ނުނިމި އެބަ އޮތެވެ.

އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ތިން ބޭފުޅުންނަކީ ޓްރަމްޕުގެ ވެރިކަމުގައި އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ. އެކަމަކު 2020 ވަނަ އަހަރު ޓްރަމްޕުގެ މައްޗަށް ބައިޑެން ކާމިޔާބުކުރެއްވި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޓްރަމްޕް ހުށަހެޅުއްވި ގިނަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމީ ޓްރަމްޕާ ދެކޮޅަށެވެ.

ޓްރަމްޕަށް އިންތިހާބުގައި ވާދަކުރެއްވޭނެތޯ ކަނޑައެޅުމުގެ މައްސަލަ ސުޕްރީމް ކޯޓުން އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ނިންމައި އަންނަ މަހު 8 ގައި އަޑުއެހުންތައް ފަށަން ވަނީ ނިންމައިފަ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮބާ

07 January 2024

ވާދަކުރެވެންވާނެ. މިއީ ރައްޔިތުންގެ ޑިމޮކްރަސީ

The name is already taken The name is available. Register?

ދޮންމަމްސް

06 January 2024

މިއީ އެމެރިކާގެ ރައީސް ޔާމީނު. މީނާގެ ހުސް ގޮނޑި ދައްކަންޖެހޭނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454