ޒިޔާދު: އޭނާގެ މައްޗަށް ކުށް ސާބިތު ނުވި މައްސަލާގެ އިސްތިއުނާފު ޕީޖީން ވަނީ އަނބުރާ ގެންގޮސްފައި
24 ޖެނުއަރީ 2024 - 10:04
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޒިޔާދުގެ މައްޗަށް ދައުލަތުން ކުރީ ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލައިގަ އެވެ.
އެ މައްސަލައިގެ ޝަރީއަތް ހިންގުމަށް ފަހު 2021 ވަނަ އަހަރު ތެރޭ ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ ހުކުމް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ޝަރީއަތް ފެށި އެވެ.
ހައި ކޯޓުގައި ޝަރީއަތް ކުރިއަށް ދަނިކޮށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ މައްސަލަ އަލުން ރިވިއުކޮށް، އިސްތިއުނާފު އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފަ އެވެ. އެކަން އެ އޮފީހުން އިއްޔެ ވަނީ ހައި ކޯޓަށް އަންގައިފަ އެވެ.
އެ އެންގުމާ އެކު ހައި ކޯޓުން ވަނީ އިސްތިއުނާފު މައްސަލާގެ ފޯމް ބާތިލްކޮށް، މައްސަލަ ފައިލްކޮށްފަ އެވެ.
ޒިޔާދުގެ މައްސަލަ އަނބުރާ ގެންދަން ދައުލަތުން ނިންމިއިރު ސިޔާސީ ކަންކަމުން ދުރަށްޖެހިވަޑައިގެން ހުންނެވުމަށް ފަހު އޭނާ ވަނީ މި ސަރުކާރު އިންތިހާބު ކުރުމަށް ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވައިފަ އެވެ. އަދި ސަރުކާރު ބަދަލުވުމުގެ އިންތިގާލީ މަރުހަލާގައި ޓްރާންސިޝަނަލް ކޮމިޓީގައި ވެސް ޒިޔާދު ބައިވެރިވެވަޑައިގަތެވެ.
ކްރިމިނަލް ކޯޓުން ޒިޔާދުގެ މައްސަލާގައި ކުރި ހުކުމުގައި ވަނީ އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި އޭނާ ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަން ހެކިންގެ ބަހުން އެނގޭއިރު، އެއްބަސްވުމުގައި ކުށެއް އޮއްވައި އެއްބަސްވުމުގައި ސޮއިކުރި ކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫއު ހިންގުން ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުން އެސްޖޭ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޭން ޖެހުމުން ދައުލަތަށް ގެއްލުންވި ކަމަށް ދައުލަތުން ބުންޏަސް، އެކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ، ޒިޔާދަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެ އެއްބަސްވުން މިދިޔަ ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ބަދަލު ހޯދަން ދައުވާކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫޓޫ
27 January 2024
ޝަމީމް އިސްތިއުފާ ސަރީއަތް ނުހިނގާ ބަންދުގަޖަލުގަ 4 އަހަރުވެފަމީހުން 3200އަށްވުރެގިނަ މީހުންސަރީއަތްނިމެންދެން ހުކުމްނުކޮއް ޖަލުގަ
ބަރުބާދު
25 January 2024
ޖުޑިސަރީއައް އަތްނުބޭނިއަކަސް ބާނާނެއެއްޗެހި މަދެއްނޫންހެން ހީވަނީ!!!!!!.
ޓެރޭސް
24 January 2024
މަޑުމަޑުން ހުންނަ މީހާގެ ބޮލަށް ކަންކަން ކަނޑާލަން ފަސޭހަވާނެތީ މިހެން މިވަނީ. ޑރ ޒިޔާދުގެ ވަޒީރު ކަމުގައި ކައިރީގައި އެނބުރުނީ ހުސް ވަގުން. ބޮނޑިއެޅީ އެބޭފުޅާއަށް.
ކަކުނިބޯ
24 January 2024
ޥަގުން ގުޅޭނީވެސް ވަގުންނާ... ރުގްޔާކޭސް އެއީ ވައްކމެއްނޫންތަ. ޢެސް ޖޭ އަށް ކާންދިނީ އަތުންލަވާގެން ބޮއިހަލާކު
ބަރުބާދު
24 January 2024
ސަރުކާރާމެދު ކުރެވުނުފޮނި ހުރިހާ އުންމީދެއް ބިލާހަކައްވެ ނިމެނީބާ؟.
ޕްރޭމްޗޯޕްރާ
24 January 2024
އަހަރެން ވަޒީފާއިން ކެނޑިމައްސަލަ ސަރުކާރުން ހައިކޯޓަށް އިސްތިއުނާފުކޮށްގެން އުޅޭތާ 5އަހަރު އެވެސް އަނބުރާގެންގޮސްދޭންވީނުން.
ބުރުގާ
24 January 2024
މީގެން އެއްވެސް މީހަކައް އިންޗިއެއްހާ ބާރު ލިބުނަސް މިހިރަ އުޅެލާގޮތް ދޯ.