ރައީސް އާ ގާސިމް ރައީސް އޮފީހުގައި މީގެ ކުރިން ބައްދަލުކުރައްވަނީ: ގާސިމް ވިދާޅުވީ ރައީސް މަގާމުން ވަކިކުރުމަށް ކުރާ މަސައްކަތް ބަލައިނުގަނެވޭ ކަމަށް -- ފޮޓޯ: ރައީސް އޮފީސް
31 ޖެނުއަރީ 2024 - 11:32
ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކިކުރުމަށް މަސައްކަތް ކުރުމަކީ ދިވެހިންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައިވާތީ ކުރެއްވި ޓުވީޓެއްގަ އެވެ. މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ ބަދަލާ އެކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ވޯޓުން ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރެވިދާނެ އެވެ.
ގާސިމް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވިތާ ދެ މަސްވެފައި ވަނިކޮށް، ނިމެމުންދާ މަޖިލީހުގެ ދައުރެއްގެ ތެރެއިން މިފަދަ ކަމެއް ކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ރައީސް ޑރ. މުއިއްޒު ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވާހާ ހިނދަކު، އަދި ރައީސް ކަމުގެ ޝަރުތެއް އުނިނުވާހާ ހިނދަކު ރައީސްގެ މަގާމުން ވަކިކުރުމަކީ ދިވެހިންގެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށް ދެކޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މަޖިލީހުގެ މެޖޯރިޓީ އޮތަތީވެ، ހަމަ ތިބެފައި ޖެއްސުމަށް ކޮށްލާ ކަމަކަށް މިފަދަ ކަންކަން ކުރުމަކީ ގައުމުގެ ދުސްތޫރީ ހަމަތަކާއި ޑިމޮކްރަސީގެ އުސޫލުތަކާ ވެސް މުޅީން ހިލާފު އަމަލެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ގައުމަށް ލިބެގެން ދާނީ އިތުރު ހިތާމަ އާއި ނިކަމެތި ކަމެވެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވަނީ ރައީސް ޑރ. މުއިއްޒު މަގާމުން ވަކިކުރުމަށް އިދިކޮޅުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ނަސޭހަތްތެރިވެވޑައިގެންފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުއިއްޒު މިހާތަނަށް ވެރިކަން ކުރައްވަމުން ގެންދަވަނީ ދިވެހި ގައުމާއި ދިވެހިންނަށް ކުރިއެރުން ހާސިލު ކޮށްދެއްވުމަށެވެ. އެހެންވެ، ރައީސަށް ގާނޫނީ ވެރިކަން ހިންގުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީހާންްް
01 February 2024
އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ގެއްލުނީމާ އޭގެ ރުޅި ރައްޔިތުންނަށް ބާލާނެ ކަމެއް ނެތް.
ތަޒްމީލް
01 February 2024
ގާސިމްގެ ބަސްކޮޅަށް ފުރިހަމަޔަށް ތާއިދުކުރަން. ބަޔަކަށް ބަލި ހަޖަމްނުވެގެން މިއުޅެނީ ގައުމު ފުނޑާލަން
ޖައުފަރްް
01 February 2024
މިވެރިކަން ނިންމުމަށް ބައާވާތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ރައްޔިތުންގެ ފުރިހަމަ އަގްލަބިއްޔަތުން ހޮވުނު ވެރިކަމަށް އެ ވެރިކަމަށް ހައްޤު ދައުރު ދޭންވާންވާނެ. ޑިމޮކްރަސީގެވެސް ރިވެތި އުސޫލް ހިޔާރުކުރަންޖެހޭ. ހަސަދަވރިކަމާ ބޮޑާކަން އެއްކިބާކޮށް ގައުމާދޭތެރޭ ވިސްނުން އިސްކުރަންޖެހޭ. ތިމާމެން ކުރާ ކަމެއްގެ ސަބަބުން އެ ދެވެނީ ކިހާބޮޑު ގެއްލުމެއްތޯ ބަލަންޖެހޭ.
ޝާރިގްް
01 February 2024
ގާސިމަކަސް ތިޔަ ބުނީ ވަރަށް ރަނގަޅު ވާހަކަޔެއް. އަޒުލުކުރުމާ ދިވެހިން ދެކޮޅު.
މަ ބުނީ
31 January 2024
ފޮނަދޫ ނުވަތަ ދޫނިދޫ ނުވަތަ އާރަށް މިލްކުވެއްޖެ ސުކުރިއްޔާ.
ސިލްމާ ޒާހިރު
31 January 2024
“ނަސީބެއްނު މިލިޓަރީއާ ނުލާ މިކަން ނިމުނުކަން. އަލްޙަމްދު ލިﷲ” ޤާސިމް އިބްރާހިމް، 7 ފެބުރުވަރީ 2012
ޢެމެރިކާ
31 January 2024
އެމްޑީޕީޔަ ގައުމު ތަރައްގީ ނުކުރެވުނީމަ. މި ސަރުކާރު ރާއްޖެ ތަރައްގީ ކުރާތީ އެމްޑީޕީން ހަސަދަވަނީ.
އަލިކަލޯ
31 January 2024
ރައީސް ޑރ.މުޢިއްޒުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަންއުޅެނީ ނަގަން އެމްޑީޕީ އާއި ޑިމޮކްރެޓްސް ފޫގަޅައިގެން ކުޅެންއުޅޭ ކުޅީގެ އަޑީގައި ތިބީ ކޮންބައެއް. ބޭނުމަކީކޮބާ
ފަހުދު.
31 January 2024
މިފަހަރު ކޯންޗެއް ބާ ދަމައި ގަންނާނީ
ސިމާހު،
31 January 2024
އެމުޑީޕީގެ އާންމު މެންބަރެއްގެ ހައިސިއްޔަުުތުންވެސް ވެރިކަން ވައްޓާލުމަކައް ތާޢީދެއް ނުކުރުން