އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) މައުލޫމާތު ދެއްވަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 ޖެނުއަރީ 2024 - 19:03
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ބަލާފައި ކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން އިއްޔެ ވަނީ ރައީސް ޑރ. މުއިއްޒު ވަކިކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފަ އެވެ.
މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ބިގޭ ވިދާޅުވީ، އިތުބާރު ނެތް ކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ވެސް މެންބަރުން މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.
ނަމަވެސް ގަރާރު ހުށަހަޅާނެ ވަކި ވަގުތެއް ނުނިންމާ ކަމަށާއި އެކަން ކުރާނީ އެންމެ ރަނގަޅު ވަގުތު ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހުށަހެޅުން އަދި ހުށަހަޅާނީ މާދަންތޯ އަނެއް ދުވަހުންތޯ އަޅުގަނޑުމެން މިދަނީ ވަގުތާއި ހާލަތަށް ބަލާފައި، އެ ހުށަހެޅުން ހުށަހަޅަން ޖެހޭ އެންމެ ރަނގަޅު ވަގުތުގައި އަޅުގަނޑުމެން ހުށަހަޅާނީ،" ބިގޭ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީން ފާސްކޮށްފައި އޮތް ކަމެއް ކުރާނެ ކަމަށާއި އެހެން ކަމުން މި ދައުރު ނިމުމުގެ ކުރިން އެކަން ކުރަން ޖެހޭނެ ކަމަށް ބިގޭ ވިދާޅުވި އެވެ. ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ފަހު ދައުރު ހަމަވާނީ މެއި 27 އަށެވެ.
އޭނާ މިއަދު ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހަޅާނީ ސަރުކާރަށް ނިސްބަތްވާ މެންބަރުންގެ ވެސް ތާއީދާއެކުގަ އެވެ. މިހާރު ވެސް ބައެއް މެންބަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވިދާޅުވިނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހެޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.
މަޖިލީހުގެ ގަވައިދު މީގެ ކުރިން އޮންނަ ގޮތުން ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހިމަނައިގެންނެވެ.
ނަމަވެސް ގިނަ މެންބަރުންތަކެއް މަގާމް ދޫކުރައްވައި ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ވަނީ ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެންބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވާއިދު ބަދަލު ކޮށްފަ އެވެ.
އެ ބަދަލާއެކު މިހާރު ރައީސްގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 53 މެންބަރުންނެވެ.
އެމްޑީޕީގައި މިހާރު ތިއްބަވަނީ 44 މެންބަރުންނެވެ. އަދި ޑިމޮކްރެޓްސްގައި 13 މެންބަރުން ތިއްބަވަ އެވެ. އެހެންވެ ދެ ޕާޓީގެ ވޯޓުން އެކަނި ރައީސް މަގާމުން ދުރު ކުރެވިދާނެ އެވެ.
ސަރުކާރުން ވަނީ އެ މާއްދާ ބާތިލް ކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މހއމ
01 February 2024
އެމްޑީޕީގެ ހުރިހާ ކަމަކަށް ތާއިދު ނުކުރިޔަސް ކުރިން ހީކުރަނީ، އެމްޑީޕީގެ އަސްލަކީ އަބަދުވެސް ދިވެހިންނާއި ދިވެހިރާއްޖެއަށް ގެއްލުމެއްނުދިނުން ކަމަށް، އެހެނަސް ކަންތައްތައް މިހާރު ހިނގާދާގޮތުން، އަސްލު އެ ޕާޓީއާއި ކުރިންވެސް އަދިވެސް ޕާޓީގެ އިސްވެރިންގެ މަގުސަދަކީ ދިވެހިރާއްޖޭގެ މަސްލަހަތަށްވުރެ އެހެން ގައުމެއްގެ މަސްލަހަތުކަން ޔަގީންވެއްޖެ، ކުރިން އެމްޑީޕީއަށް އެއްފަހަރަށްވުރެ ގިނައިން ވޯޓް ދިނިން. މީގެ ފަހުން ދުވަހަކުވެސް ނުދޭނަން ވަރަށް ސަލާމް.
މާކުންބޭ
31 January 2024
އިންޑިއާ މީހުންނާ ޤައުމަށް ޤައްދާރު އެމްޑީޕީ ކިބައިން ޤައުމު ސަލާމަތްކުރަންޖެހޭ
އަމްޝާދު އަޒީޒް
31 January 2024
ތިދުވަސް ވެދާނެ އެމްޑީޕީގެ ތާއިދު މުޅިން މިގައުމުން ދާނެ ދުވަހަަށްވެސް. ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ގެނައި ވެރިކަމެއް މިއީ. ބޭނުންހާ އެއްޗެއް ހެދިޔަކަ ނުދޭނެ.
ރިފާއު އައްބާސް
31 January 2024
ކުރުކޮށް ފޮނިކޮށް މިބުނަނީ. މިވެރިކަމާ ތޮޅެން ނަހަދާތި. މިއީ ވަރަށް ބުރަ މަސައްކަތުން ގެނައި ވެރިކަމެއް.
ސިއްބަތު އަޒީޒް
31 January 2024
ހެހެ. ސްޓްޕް ޑޭ ޑްރީމިން.
ޙިނި
31 January 2024
މިހާރު މީ ބަރުލަމާނީ ނިޒާމެއްތަ؟ ކޮންފާޑަކައް ތިއުލޭނީ، ވެރިކަން ގެއްލި ޒާތީވެގެން ނިޒާމީ ވޯޓު ނަގާކައްވެސް ނުކެރުނު.
ރިފާއު އައްބާސް
31 January 2024
ވެރިކަން ގެެއްލުނަސް ތިހާ ހަޑިކޮށް އުޅޭކަށް ނުވާނެދޯ؟ ލަދު ދެން.
އައުސަމް
31 January 2024
އެމްޑީޕީ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި. އާމީން.
އަސްލަމް މުހައްމަދު
31 January 2024
އިންޑިޔާ އަޑީގަ އޮވެގެން މިގައުމުގެ ވެރިކަން ބަދަލްކުރަން ކުރާ ކަންތައް ކާމިޔާބެއް ނުވާނެ. އިންޝާﷲ
އިގްބާލް މުހައްމަދު
31 January 2024
ލާހިކައެއް ނޫން ތިކަން ކުރާކަށް.