ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން ނިންމައިފި އެވެ.

އެމްޑީޕީގެ ދެ މެންބަރަކު "މިހާރު" އަށް ކަށަވަރު ކޮށްދިން ގޮތުގައި މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައި ރައީސް މަގާމުން ދުރުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ އަދަދަށް މިހާރު ސޮއި ހަމަ ކޮށްފައިވާ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

މިދިޔަ ނޮވެމްބަރުގައި ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެމްޑީޕީން މި ފެށީ އެމަނިކުފާނުގެ ކެބިނެޓަށް ރުހުން ނުދީ، ގިނަ ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ޕާޓީން ނިންމުމާ އެކު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ.

މި ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތްކުރައްވާ ވަޒީރުން ހިމެނޭ ގޮތަށް ރުހުން ނުދޭން ނިންމީ، ސަރުކާރަށް ދަތިކުރަން ކަމަށް ބުނެ ޕީޕީއެމާއި ޕީއެންސީން ވަނީ މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ހުރަސްއަޅައިފަ އެވެ.

ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލައެއް ހުށަހަޅިދާނެ އެވެ. އަދި ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓާއެކު ރައީސް މަގާމުން ދުރުކުރެވޭނެ އެވެ.

މަޖިލީހުގެ ގަވައިދު މީގެ ކުރިން އޮންނަ ގޮތުން ޖުމްލަ މެންބަރުންގެ އަދަދު ގުނާނީ 19 ވަނަ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން ހިމަނައިގެންނެވެ.

އެހެން ނަމަވެސް ގިނަ މެންބަރުންތަކެއް މަގާމް ދޫކުރައްވައި ސަރުކާރުގެ ކެބިނެޓަށް ވަޑައިގަތުމުން އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ވަނީ ޖުމްލަ އަދަދު މިހާރު މަޖިލީހުގައި ހިމެނޭ މެންބަރުން އެކަނި ގުނަން ޖެހޭ ގޮތަށް ގަވައިދު ބަދަލު ކޮށްފަ އެވެ.

އެ ބަދަލާއެކު މިހާރު ރައީސްގެ މައްސަލަ ފާސް ކުރަން ބޭނުން ވާނީ 53 މެންބަރުންނެވެ.

އެމްޑީޕީގައި މިހާރު ތިއްބަވަނީ 44 މެންބަރުންނެވެ. އަދި ޑިމޮކްރެޓްސްގައި 13 މެންބަރުން ތިއްބަވަ އެވެ. އެހެންވެ ދެ ޕާޓީގެ ވޯޓުން އެކަނި ރައީސް މަގާމުން ދުރު ކުރެވިދާނެ އެވެ.

ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާ ވަކި ކުރަން ހުށަހެޅޭނެ ތިން ސަބަބެއް ބަޔާން ކޮށްފައިވެ އެވެ. އެއީ؛

1. އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވުމުންނެވެ.

2. ރައީސްގެ މަގާމުގައި ނުވަތަ ރައީސްގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުން.

3. ރައީސް ނުވަތަ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލްވުން.

ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމިއިރު، އެއީ ސީދާ ކޮން ސަބަބަކާ ގުޅިގެން ކަމެއް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިހާތަނަށް ނުބުނެ އެވެ.

މީގެކުރިން ވެސް ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމުގެ ވާހަކަތައް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ބައެއް މެމްބަރުން ދެއްކެވި އެވެ. އެކަމަކު، އެއީ ވަކި މެމްބަރުންގެ ހިޔާލު ކަމަށާއި އެފަދަ ނިންމުމެއް ޕީޖީ ގްރޫޕުން ނުނިންމާ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.