ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ މަޝްރޫއުގެ ތެރެއިން ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެ ކަމަށާއި އަދި އެ ކުންފުންޏާ އެކު ސޮއިކުރާ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ބޭރު މީހުންނަށް ޕްރޮޕަޓީތައް ވިއްކާ ގޮތަށް ރާވާފައިވާ މަޝްރޫއުގެ މައުލޫމާތު ފުރިހަމައަށް ސަރުކާރުން ހާމަނުކުރާ ކަމުގެ ކަންބޮޑުވުން ބައެެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
އެކަމަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިއަލް އެސްޓޭޓް ޓޫރިޒަމްއާ ގުޅޭ ހާއްސަ ގާނޫނެއް ހެދުމަށް ބިލެއް މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށާއި އަދި އެ ބިލަށް ހިޔާލު ހުށަހަޅަން މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އީގަލް ހިލްސްއާ އެކު ހަދާ އެއްބަސްވުން ވެސް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ޒިންމާދާރުކަމާއެކު ހިންގާ ސަރުކާރެއްގައި މިއަށްވުރެ ފުރިހަމައަކަށް މިކަމެއް ނުކުރެވޭނެ. ރައްޔިތުން މަންދޫބުން ހޮވާފައި ތިބި ތަނަކީ ރައްޔިތުންގެ މަޖިލިސް. އެހެންވީމަ ރައްޔިތުންނަށް އެ އޮތީ އެގްރިމެންޓް ފޮނުވިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ފާޑުކިޔާ ސިޔާސީ ފަރާތްތަކުގެ އިހުލާސްތެރިކަމެއް ނެތެވެ. އަދި އެމީހުން ދައްކާ ވާހަކައަށް ފަރުވާލެއް ނެތް ނަމަވެސް ގައުމު ދެކެ ލޯބިވާ އަދި ކަންކަން ސާފުކުރަން ބޭނުންވާ ރައްޔިތުން ވެސް އުޅޭތީ އެ ފަރާތްތަކަށް އޭގެ ޖަވާބު ދީ، ކަންކަން ސާފުކޮށްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއުއަކީ އެއްވެސް ގޮތަކަށް ރައްޔިތަކު ކަންބޮޑުވާންޖެހޭ ކަމެއް އޮތް މަޝްރޫއުއެއް ނޫން ކަމަށާއި އަދި އެކަމުގައި މުޅިން ވެސް އޮތީ ފައިދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަސްމާލޭގައި ބޭރު މީހުންނަށް ދިރިއުޅުނު ނަމަވެސް، އެތަނުގައި ރަލާއި އޫރުމަހާއި ކެސިނޯތައް ނުހުންނާނެ ކަމަށާއި އަދި އެތަނަކީ ފަސް ވަގުތު ބަންގި ގޮވައި، މިސްކިތްތައް ހުންނާނެ ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނެއް. އަޅުގަނޑު ހަމަ ޔަގީނުން ވެސް ފުރުސަތު ދޭނެ ކަމެއް ނޫން އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގާނެ ކަމަކަށް. އެހެންވީމަ ގާނޫނީ ގޮތުން ވެސް އެގްރިމެންޓްގައި ވެސް ހިމަނާނަން މި ދެންނެވި ހުރިހާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެތަނަކީ ރާއްޖޭގެ ބިމަކަށް ވާއިރު އެތަނުގައި ހިނގާނީ ރާއްޖޭގެ ގާނޫނީ އުސޫލުތަކެވެ. އަދި އެތަނުގައި ދިވެހި ފުލުހުންގެ ބާރު ވެސް އޮންނާނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"އެތަނަކީ ހުރިހާ ގޮތަކުން، އަސްކަރީގެ ގޮތުން ވިޔަސް ލޯ އެންފޯސްމެންޓްގެ ގޮތުން ވިޔަސް ދައުލަތުގެ ތަނެއް. ދައުލަތުގެ މުއައްސަސާތަކުގެ ބާރު ހިނގާނީ،" ރައީސް ވިދާޅުވި އެވެ.
"މި ދައްކާ ވާހަކަތަކަކީ (އިދިކޮޅުން ދައްކާ ވާހަކަތައް) އެއްވެސް އަސާސެއް ނެތް ބިރު އުފައްދަން މި އިންވެސްޓްމެންޓް އަޔަނުދިނުމަށް ދައްކާ ވާހަކަތަކެއް."
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭން ޕްރޮޕަޓީތައް ގަތުމަށް ޝައުގުވެރިކަން ހުރީ ވެސް އަރަބި އިސްލާމީ ގައުމުތަކުގެ މުސްލިމުންނެވެ. އެހެންވެ، ރަސްމާލޭގައި ތިބޭނީ ދިވެހިންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިފަދަ ތަނެއްގެ ހިތްހަމަޖެހުން ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ. އެހެންވީމަ މިތަނަކީ މި ދެންނެވި ފަދަ ތަނެއް. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮންނާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭން ޕްރޮޕަޓީތައް އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ގަނެވޭނީ 25 ޕަސެންޓަށެވެ. އަދި އޭގެ އިތުރުން އިޒްރޭލްގެ ރައްޔިތަކަށް އެއްވެސް ތަނެއް ވިއްކުމާއި ކުއްޔަށް ދިނުން މުޅިން މަނާވާނެ ކަމަށާއި އަދި އެންމެ ދުވަހަކަށް ވެސް އިޒްރޭލްގެ ރައްޔިތަކަށް އެތަނަށް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.