ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ދޭން ނިންމާފައިވާ އެއްވެސް ބޯހިޔާވަހިކަމެއް މަދެއް ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލެ މަޝްރޫއުއިން ރައްޔިތުންގެ އުއްމީދުތައް ވަރަށް ފުރިހަމައަށް ހާސިލުވެގެންދާނެ ކަމަށާއި އެ މަޝްރޫއު ކުރިއަށް ދަނީ އެންމެ ފުރަތަމަ ދުވަހު ވެސް ޕްލޭންކުރި ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ޕްލޭންގެ ދަށުން ވޯޓަފްރޮންޓް އެންޑް މެރީނާއެއް ތަރައްގީކޮށް ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް ސިޓީއެއް ތަރައްގީކުރަން އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޭން ވަނީ ނިންމައިފަ އެވެ.
ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ އީގަލް ހިލްސްގެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލަކަށް ގެންގޮސް، ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުއަކީ ރަސްމާލެއަށް ބޭނުންވާ ގިނަ ކަންކަން ހާސިލުކުރަން ހިންގާ މަޝްރޫއުއެއް ކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ދިވެހިންނަށް އެހާ ބޮޑު މަންފާތަކެއް ލިބެން އޮއްވާ އެ މަޝްރޫއުއަށް ހުރަސްއަޅަން ބައެއް ފަރާތްތަކުން ވާހަކަ ދެއްކުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި ނަމަވެސް، އުއްމީދަކީ މަޝްރޫއުއަށް އެއްވެސް ހުރަހެއް ކުރިމަތި ނުވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްވެސް ވަރަކަށް މި މަޝްރޫއަށް ސޮވެރިން ގެރެންޓީއެއް ދީ ނުވަތަ ސަރުކާރުން ނަގާފައިވާ ލޯނެއް ނުވަތަ ޓެކްސް އިސްތިސްނާއެއް އެއްވެސް އެއްޗެއް ވެސް ނުދެން. ޑިއުޓީ އިސްތިސްނާއެއް ވެސް ނުދެން،" ރައީސް ވިދާޅުވި އެވެ.
"މިތަނުގެ ބިން ހަމައެކަނި ކުއްޔަށް މި ދެވެނީ، ލީސް މި ކުރެވެނީ. މިލްކެއް ވެސް ނުކުރެވޭނެ."
ރައީސް ވިދާޅުވީ އީގަލް ހިލްސްގެ މަޝްރޫއުގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.
ރަސްމާލޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ 500 ހެކްޓަރު ބިން ޚާއްސަ ކޮށްފައިވަނީ ހަމައެކަނި ދިވެހިންނަށެވެ. އަދި އެވަރުގެ ބިމެއްގައި 150,000 މީހުންގެ އާބާދީއަކަށް ނުވަތަ އެ އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
"މިއީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެންނާނެ ކަމެއް. ހަމައެކަނި އިގުތިސޯދީ ގޮތަކުން ނޫން އިޖުތިމާއީ ގޮތުން ވެސް އުމްރާނީ ގޮތުން ވެސް މުޅި ގައުމުގެ ފެންވަރު ވެސް ހުރިހާ ގޮތަކުން ވަރަށް މަތިކޮށްދޭނެ މަޝްރޫއުއެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް ރަސްމާލެއަށް ބޭނުންވާ ބިން އެއްކޮށް ހިއްކާ ނިމޭނެ ކަމަށާއި އަދި މިހާރު ވެސް 70 ޕަސެންޓް ބިން ހިއްކިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އޭރަށް އެއީ 1،100 ހެކްޓަރުގެ ބިން ކަމަށާއި އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ބިމަށްވާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
އިގުތިސޯދީ ހަރަކާތްތައް އޮތް ސަރަަހައްދެއްގައި އެހާ ބޮޑު ބިމެއް އުފެއްދުމަކީ އަންނަން އޮތް ޖީލުތަކަށް ވެސް ހޯދަައިދެވުނު ބޮޑު ރައުސުލްމާލެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ތަނުގައި ތަރައްގީ ކުރާ އިކޯ، ސްމާޓް ސިޓީން ދޫކުރަން ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް މިހާރު ހުޅުވާލާފައިވާއިރު، ޝަރުތު ހަމަވެެގެން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ކޮންމެ މީހަކަށް ވެސް އެކަން ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއްވެސް މީހަކަށް ދޭން އޮތް ގޯއްޗެއް ކެންސަލްކޮށްފައެއް ނޫން މި ތަނުގައި މިހިނގާ އެއްވެސް ކަމެއް މި ހިނގަނީއެއް. އަޅުގަނޑަށް ހަމަ ވަރަށް ޔަގީންކަން އެބައޮތް ވަރަށް ގިނަ ރައްޔިތުންނަށް މި ތަނުން ގޯތި ދޭންޖެހޭ އެންމެންނަށް ވެސް ގޯތި ދެވޭނެ. ފްލެޓް އަޅަން ޖެހޭ ސަރަަހައްދުގައި ފްލެޓް އަޅާނެ ޖާގަ ވެސް އޮންނާނެ،" ރައީސް ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި އެމަޝްރޫއު ތަރައްގީ ކުރަމުންދާ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާއިރު، 54,000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.