ރަސްމާލޭގައި ސަރުކާރުން ހިންގަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން ގޯއްޗާއި ފްލެޓް ހޯދަން އެދެން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ރަސްމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވިއިރު 58،505 ފޯމު ހުށަހަޅާފައިވެ އެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ. އެ ފޯމްތައް ދިރާސާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ"ގެ ސަބަބުން، ދިވެހިންނަށް ހާއްސަކޮށް ހިންގާ ބޯހިޔާވަހިކަމުގެ އެއްވެސް ކަމަކަށް ހުރަހެއް ނެތް ކަމަށެވެ.
"މިތަނަށް ބޯހިޔާވަހިކަން ހޯދަން ގޯތި ހޯދަން ހުށަހެޅި ރައްޔިތުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް މި ތަނުން ބޯހިޔާވަހިކަން ކަށަވަރުވާނެ އިނގޭތޯ. އެހާ ޖާގަ އެބައޮތް. އަޅުގަނޑު ހަމަ ނަންބަރު ޗެކްކޮށްފައި މި ދެންނެވީ... އެހެންވީމަ ކާކުތޯ ބާކީވީ؟،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގެ 500 ހެކްޓަރު ބިމުގައި އީގަލް ހިލްސްއިން ހިންގާ މަޝްރޫއުއާ އެކު މުޅި ރަސްމާލެ ތަރައްގީވެގެންދާނެ ކަމަށާއި އެއީ އިންވެސްޓްމެންޓް ބައްޓަންކޮށްފައި އޮތީ އެގޮތަށް ކަމަށެވެ. މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދޭން ޝައުގުވެރިވާ ކުންފުނިތައް އެބަހުރި ކަމަށާއި އެމއީ އެމީހުން އިންވެސްޓްކުރާ އެއްޗެއް އަނބުރާ ފަސޭހައިން ލިބެން އޮތުން ކަމަށެވެ. ރަސްމާލޭ މެރީނާ މަޝްރޫއު ހިނގަން ނިންމާފައި އޮތީ ކަރަންޓާއި ފެން ފަދަ ހިދުމަތްތައް ސަރުކާރުން ގަންނަން ޖެހޭ ގޮތަށެވެ.
"އެހެންވީމަ ބާކީ އޮތް 650 ހެކްޓަރު ތަރައްގީކުރަން އަޅުގަނޑުމެން މަޑެއް ކުރާކަށް ނުޖެހޭ ހުޅުމާލެއަށް ވެފައި އޮތް ގޮތަކަށް. ހުޅުމާލެއަށް 30 އަހަރުވީއިރު ވެސް އަދިވެސް މި އުޅެނީ ފެނާއި ނަރުދަމާ ކަރަންޓެއް އަޅާ ނުނިމޭ، ހުޅުމާލެ ހުޅުމާލެއަކަށްވީ ވެސް ބްރިޖު އެޅުނީމަ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެންމެ ގިނަވެގެން 10 އަހަރުގެ ތެރޭގައި ރަސްމާލެ އެންމެ ވައިބްރެންޓް ސިޓީއަކަށް ވެގެންދާނެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދަނީ ރައްޔިތުންނަށް މި ކަންކަން ފުރިހަމަވިޔަ ނުދިނުމަށްޓަކަ އެވެ. މަޝްރޫއު ހުއްޓުވަން އުޅެނީ މި ސަރުކާރުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ވައުދު ފުއްދައިދޭނެތީ، އެކަން ވިޔަ ނުދިނުމަށްޓަކަ އެވެ.
މިއަހަރުގެ ތެރޭގައި ގޯތި ލިބޭ ހުރިހާ އެންމެންގެ ލިސްޓު ވެރިފައިކޮށް ނިންމައި އެ ފަރާތްތަކަށް ލިބޭނެކަން އެނގިގެންދާނެ ކަން ރައީސް އިއުލާން ކުރައްވާފައިވާއިރު، މާލޭ ސަރަހައްދުގައި އަޅާ ފްލެޓުތަކުގެ 2028 ގެ މެދަކާ ހިސާބުގައި ނިމޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރު ވެގެންދާނީ ދައުރުގެ ތެރޭގައި މަޝްރޫއު ފަށައި، ރައްޔިތުންނަށް އެ ބޯހިޔާވަހިކަން ފޯރުކޮށްދެވޭ ފުރަތަމަ ސަރުކާރަށެވެ.