ޒައިނިޒަމްއާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރަން ކެރުނު ހަމައެކަނި ރައީސަކީ އެމަނިކުފާނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ"އަކީ ޒައިނިސްޓުންނަށް ރާއްޖޭން ފުރުސަތު ދޭން ހިންގާ މަޝްރޫއުއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
އެކަމަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖެނޮސައިޑްގެ ވާހަކަ ދައްކައި، ޒައިނިޒަމްއާ ދެކޮޅަށް ފާޅުގައި ވަކާލާތު ކުރާ ރައީސަކު އެމަނިކުފާނު ނޫނިއްޔާ މީގެކުރިން ވަޑައިގެންފައި ނެތް ކަމަށެވެ.
"ފުރަތަމަ ދުވަހުން ފެށިގެން...ޓްރާންސިޝަން މަރުހަލާގައި އަޅުގަނޑު އެންމެ ފުރަތަމަ މިކަމުގައި ރާއްޖޭގެ ސްޑޭންޑް ހާމަކޮށް ޓްވީޓެއްކުރީ. އަމަލީ ގޮތުން ދައްކަމުން މި އަންނަނީ. އިޒްރޭލް މީހުންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ޕާސްޕޯޓް ބޭން ކުރަން ކެރުނު މީހަކު އެބަހުރިތޯ؟،" ރައީސް ވިދާޅުވި އެވެ.
"މުޅިން ވެސް ހިހޫ ތަނުން ކައިގެން އުޅުނު މީހުން ނޫންތޯ ކުރިން ފެނުނީ."
ރައީސް ވިދާޅުވީ މި ސަރުކާރުން އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން އުޅުމުން ޓޫރިޒަމް ދާއިރާގެ އެތައް ބޭފުޅުންނާއި ޕީއެންސީގެ ތެރެއިން ވެސް ބައެއް ބޭފުޅުން އެކަން ނުކުރަން އެދުނު ކަމަށެވެ. ނަމަވެސް، އެކަން ކުރީ ގައުމަށްޓަކައި ކަމަށާއި އެކަމުން ރާއްޖެއަށް އެއްވެސް ގެއްލުމެއް ނުވާކަން ރައީސް ފާހަގަކުރެއްވި އެވެ.
"އިޒްރޭލުން ހިންގަނީ ޖެނޮސައިޑެއް ކަން އދ.ގައި އިއުލާން ކޮށްލަން ކެރުނު މީހަކީ ހަމައެކަނި އަޅުގަނޑު ނޫންތޯ ރާއްޖޭގެ ފަރާތުން. މީގެކުރިން އެއްވެސް ރައީސަކު ކުރެއްވި ކަމެއް ނޫން އެއީކީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ދިވެހިންގެ ވިންދާ އެއްގޮތަށް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެހެންކަމުން އިޒްރޭލްގެ މީހުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރަސްމާލެ މަޝްރޫއުއަކީ އެއްވެސް ގޮތަކަށް ރައްޔިތަކު ކަންބޮޑުވާންޖެހޭ ކަމެއް އޮތް މަޝްރޫއުއެއް ނޫން ކަމަށާއި އަދި އެކަމުގައި މުޅިން ވެސް އޮތީ ފައިދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަސްމާލޭގައި ބޭރު މީހުންނަށް ދިރިއުޅުނު ނަމަވެސް، އެތަނުގައި ރަލާއި އޫރުމަހާއި ކެސިނޯތައް ނުހުންނާނެ ކަމަށާއި އަދި އެތަނަކީ ފަސް ވަގުތު ބަންގި ގޮވައި، މިސްކިތްތައް ހުންނާނެ ތަނެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނެއް. އަޅުގަނޑު ހަމަ ޔަގީނުން ވެސް ފުރުސަތު ދޭނެ ކަމެއް ނޫން އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގާނެ ކަމަކަށް. އެހެންވީމަ ގާނޫނީ ގޮތުން ވެސް އެގްރިމެންޓްގައި ވެސް ހިމަނާނަން މި ދެންނެވި ހުރިހާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭން ޕްރޮޕަޓީތައް ގަތުމަށް ޝައުގުވެރިކަން ހުރީ ވެސް އަރަބި އިސްލާމީ ގައުމުތަކުގެ މުސްލިމުންނެވެ. އެހެންވެ، ރަސްމާލޭގައި ތިބޭނީ ދިވެހިންނާއި އެހެން ގައުމުތަކުގެ މުސްލިމުންކަން ވަރަށް ބޮޑަށް ޔަގީންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިފަދަ ތަނެއްގެ ހިތްހަމަޖެހުން ހޯދަން ބޭނުންވާ މުސްލިމުން ވަރަށް ގިނަ. އެހެންވީމަ މިތަނަކީ މި ދެންނެވި ފަދަ ތަނެއް. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮންނާކަށް ނުޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭން ޕްރޮޕަޓީތައް އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނައިން ގަނެވޭނީ 25 ޕަސެންޓަށެވެ. އަދި އޭގެ އިތުރުން އިޒްރޭލްގެ ރައްޔިތަކަށް އެއްވެސް ތަނެއް ވިއްކުމާއި ކުއްޔަށް ދިނުން މުޅިން މަނާވާނެ ކަމަށާއި އަދި އެންމެ ދުވަހަކަށް ވެސް އިޒްރޭލްގެ ރައްޔިތަކަށް އެތަނަށް ނުދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.