ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގެ ފޭސް ތިނެއްގައި ތަރައްގީކުރަން ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓް ހާއްސަކުރަން ވިސްނަނީ ޒުވާނުންނާއި މަސައްކަތްތެރިންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި އީގަލް ހިލްސް ކުންފުންޏަށް ދީގެން ހިންގަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ދިވެހި އާއިލާތަކަށް ތިން ކޮޓަރީގެ 5,000 ފްލެޓް ބިނާކުރަން ވަނީ ނިންމައިފަ އެވެ.
އެއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އެ މަޝްރޫއުގެ ބައެއް ތަފުސީލުތައް ދެއްވަމުން ޕީއެސްއެމްގެ "ނިއުސް ޗެޓް" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ 5،000 ހައުސިން ޔުނިޓްގެ މަޝްރޫއުއަށް އީގަލް ހިލްސްއިން ހަރަދުކުރަނީ ރަސްމާލެ މަޝްރޫއުގެ ފަސްޓް ސޭލްގެ ތެރެއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 10 ޕަސެންޓްގެ އާމްދަނީގެ ބައެއް އަޕްފްރޮންޓްކޮށް ކަމަށެވެ.
އެކަމަށް 500 މިލިއަން ޑޮލަރު އީގަލް ހިލްސްއިން ހަރަދުކޮށްދެނީ ސަރުކާރުން އެދުނު ގޮތަށް ހައުސިންއަށް ކަމަށާއި އަދި އެ ފައިސާ ރާއްޖޭގެ ރިޒާވްގައި ބަހައްޓަން އެދުނު ނަމަ، އެކަން ވެސް އެ ކުންފުނިން ކޮށްދިނީސް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ޑިސައިޑްކުރީ ރިޒާވަކު ނޫނޭ އެ ފައިސާ ބަހައްޓާނީ. އެ ފައިސާ ރައްޔިތުންނަށް އެންމެ މުހިންމު ބޯހިޔާވަހިކަމަށޭ ހަރަދުކުރާނީ،" ރައީސް ވިދާޅުވި އެވެ.
އެގޮތުން ހުޅުމާލޭގައި އޮތް ބިމުގައި 5،000 ހައުސިން މަޝްރޫއުއާ އެކު، އެހެން އުމްރާނީ ވަސީލަތްތައް އީގަލް ހިލްސްއިން ގާއިމްކޮށްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ފެނާއި ކަރަންޓާއި ނަރުދަމާ ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ ބަދަލުގައި ސަރުކާރުން އެއްވެސް އެއްޗެއް ދޭން ނުޖެހޭނެ ކަމަށާއި އަދި ލޯނެއް ވެސް ބޮލުގައި އަޅަން ނުޖެހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ހައުސިން ޔުނިޓްތައް ސަރުކާރުން ބޭނުންވާ އަގަކަށް ބޭނުންވާ ބަޔަކަށް ދޫކުރެވޭނެ އެވެ. އަދި އެ ޔުނިޓްތަކުގެ ސްޓްރަކްޗާތައް ނިމި، ބޭރުގެ ފިނިޝިންގެ މަސައްކަތްތައް 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު ނިމިފައި ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާނައަކީ ލީގަލީ އެތަންތަން ރަޖިސްޓްރީ ހަދާފައި އެހާއިރަށް އަޅުގަނޑުމެންނަށް ދެވޭނެއޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި 5،000 ހައުސިން ޔުނިޓް އަޅާ ސަރަަހައްދަކީ ވަރަށް ހިތްގައިމު ސަރަހައްދެއް ކަމަށާއި އަދި އެ ތަން ހާއްސަކުރަން އެމަނިކުފާނު ވިސްނަވަނީ ޒުވާނުންނާއި އެކިއެކި މަސައްކަތްތެރިންނަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވިސްނަމުން މި ދަނީ މި ހައުސިން ޔުނިޓްތަކުގެ ގިނަ އަދަދެއް ކަނޑައަޅާނީ ޒުވާނުންނާއި ރިސޯޓްތަކާއި މަސްވެރިކަމާއި އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް. އޭގެ ތެރެއިން ވެސް ބޯހިޔާވަހިކަން އަދި ލިބިފައިނުވާ މީހުންނަށް އިސްކަންދީގެން،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން ރައްޔިތުންނަށް ލިބިގެން މިދަނީ ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް ކަމަށާއި އަދި ރައްޔިތުންނަށް އޮތީ ހެވާއި ލާބަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.