ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއުއަކީ އެއްގޮތަކަށް ވެސް ހުއްޓާލައިގެންވާނެ މަޝްރޫއެއް ނޫން ކަމަށާއި އޭގެން ގެއްލުމެއްވާ ނަމަ، އެކަމެއް ރައްޔިތުންގެ މަޖިލީހުން ޖެހޭނީ ކުޑަކުރަން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ތޯރިގު ވަނީ އެކި ސަރުކާރުތަކުގައި ހިންގި ބޭރުގެ މަޝްރޫއުތަކާއި ސަރުކާރުތަކުން ނެގި އެކި ލޯނުތަކުން އިގްތިސާދަށް ވަމުންދިޔަ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަވައި، ރަސްމާލެ މަޝްރޫއުގެ ޒަރިއްޔާ އިން ރާއްޖެ އަށް ލިބެން އޮތީ ބޮޑު އެސެޓެއް ކަމަށް ވިދާޅުވެފަ އެވެ. 

ތޯރިގު ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއަކީ ދިވެހި ދައުލަތަށް ކުރިއަށް ގެންދެވޭނެ އެންމެ ފައިދާ ހުރި މަޝްރޫއެވެ. އެއީ، ރާއްޖޭގެ އިގުތިސާދު އޮތް ގޮތާއި އަދި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށްޓަކައި، އެހެން ދިމާލަކަށް ގެންދިއުމަށްޓަކައި އެތައް މަސައްކަތެއް ކުރަމުންދަނިކޮށް ލިބުނު ފެހި ސިގުނަލެއް ކަމަށް ވިދާޅުވި އެވެ. 

"...ރަސްމާލެ ޕްރޮޖެކްޓެއް ނޫން، ކޮންމެ ޕްރޮޖެކްޓަކާ އެކު ވެސް އައިސްފާނެ ނެގެޓިވްސް ކަންތައްތަކެއް ހުންނާނެ. އެ ކަންތައްތައް އަޅުގަނޑުމެން ޖެހޭނީ މިނިމައިޒްކުރަން ނުވަތަ މެނޭޖުކުރަން. އެއީ ގާނޫނުން ކޮންޓްރޯލުކުރަން ޖެހޭ އެއްޗެހި ގާނޫނުން ކޮންޓްރޯލުކުރަންޖެހޭނީ،" ތޯރިގު ވިދާޅުވި އެވެ. 

"އިގުތިސާދީ ގޮތުން ރާއްޖެއަށް އޭގެން ގެއްލުމެއް ލިބޭ ކަމަށް ވަންޏާ އެ ކަންކަން ވެސް އެ އޮންނަ ކޮމާޝަލް އެގްރީމެންޓްސްތަކުގެ ތެރޭގައި އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނު ތެރެއިން އެ ކަންކަން މިނިމައިޒްކުރެވޭތޯ އަޅުގަނޑުމެން ޖެހޭނީ މަސައްކަތްކުރަން." 

ތޯރިގު ވިދާޅުވީ ރަސްމާލެ މަޝްރޫއާ އެކު ދިވެހި ރައްޔިތުންނަށް 500 މިލިއަން ޑޮލަރުގެ ހައުސިން ޕްރޮޖެކްޓް ހިންގާނެ ފައިނޭންސާ އެކު އެ ތަން ސިޓީއެއްގެ ގޮތުގައި އާބާދުކުރާ އިރު މީގެ އޮތީ ގެއްލުންތޯ ނުވަތަ ފައިދާތޯ ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ. 

"...ދެން އޮތީ ގާނޫނާ ހިލާފުވާނެ ކަމަށް ނުވަތަ ގާނޫނާ ހިލާފުތޯ. އަޅުގަނޑުމެން މި ރައްޔިތުންގެ މަޖިލީހުން ފާސްކުރިން ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ބޮޑު ބަދަލެއް ވެސް. އެ [ގާނޫނު] އަސާސީއަށް ބަދަލުގެނައި އިރު ބޭރު މީހުންނަށް ބިން މިލްކުރެވޭ އިސްލާހު ވެސް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ގެނައިން. މިހާރު ވެސް އެންމެ ފެށުނީއްސުރެ ވެސް ގާނޫނުއަސާސީގައި އޮންނާނީ ރާއްޖެއިން ބޭރުގެ ބަޔަކަށް ބިން ދެވޭނީ 99 އަހަރަށް ކަމަށް،" ތޯރިގު ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުގެ ކޮމާޝަލް އެގްރީމެންޓްސްތަކާ އެއްކޮށް އަދި ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި ހާއްސަ ގާނޫނެއް ފާސްކޮށްފި ނަމަ، ރައްޔިތުންގެ މަޖިލިސް ތެރެއިން އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރެވިއްޖެ ނަމަ، ތޯރިގު ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއުއަކީ ދިވެހި ދައުލަތަށް ކުރެވޭނެ އެންމެ ފައިދާހުރި މަޝްރޫއު އެވެ. 

"މިއީ އެއްގޮތަކަށް ވެސް ހުއްޓައިލާފައިދާ ކަހަލައިގެ ޕްރޮޖެކްޓެއް ނޫން ނުވަތަ ފުރުސަތެއް ނޫން އަޅުގަނޑުމެން ލިބިގެން މި ދަނީކީ،" ތޯރިގު ވިދާޅުވި އެވެ. 

މަހިބަދޫ ދާއިރާގެ މެންބަރު ތޯރިހު
މަހިބަދޫ ދާއިރާގެ މެންބަރު ތޯރިހު

ތޯރިގު ވިދާޅުވީ މިހާރު ވެސް އޮތީ ،2014 2015 ހިސާބުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ސަރުކާރަށް މަޖިލީހަށް އެންގުމަކާ ނުލައި ލޯނުތައް ނެގޭ ގޮތަށް ކަމަށާއި އަދި އޭގެ ފަހުން އެ މައުލޫމާތު ސަރުކާރުން މަޖިލީހަށް ހިއްސާކުރާ ގޮތަށް ކަމަށެވެ. 

ނަމަވެސް، ލޯނުތައް ސަރުކާރުގެ ބަދަލުގައި ރައްޔިތުންގެ މަޖިލިސް ތެރެއަށް ގެނެސްގެން ނެގޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އޭނާ މިދިޔަ ދައުރުގައި މަސައްކަތްކުރި ކަމާއި އެކަން ކާމިޔާބުނުވި ކަން ތޯރިގު ފާހަގަކުރެއްވި އެވެ. 

"ދެން އޮތް ސުވާލަކީ މިގޮތަށް ކަންތައްތައް ދިޔައިމަ މިހާރު މި ބިލާ މި ގުޅޭ ހިސާބަކީ ސަރުކާރެއްގެ އަތުގައި އެހާ ބޮޑު ބާރެއް އޮވެފައި މަޖިލީހުގެ މެޖޯރިޓީ އޮވެފައި މި ގޮތަށް ކަންތައްތައް ދާ އިރުގައި މި ޝައްކުކުރެވޭ ކަންތައްތައް ފިލުވައިލުމަށްޓަކައި އޭގެ އެންމެ ރަނގަޅުގޮތަކީ އޭގެ ހާމަކުރެވެން ހުރި މައުލޫމާތުތައް ކުރީބައިގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން،" ތޯރިގު ވިދާޅުވި އެވެ. 

ތޯރިގު ވިދާޅުވި ގޮތުގައި މަޖިލިސް ތެރެއިން ރައްޔިތުންނަށް އަދި ހާމަކުރެވެން އޮތް މިންވަރަކަށް ހާމަކޮށްފައި، އޭގެ ފަހުން ކަންކަން ކުރިއަށް ގެންދިޔުމުން މައްސަލަތަކަށް ހައްލު ލިބޭނެ އެވެ.

އެފްއޭއެމްގެ ރައީސްކަން ވެސް ކުރައްވާ ތޯރިގު އޭނާގެ މަޖިލީހުގެ 13 އަހަރުގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ދައުލަތުން ކުރާ ހަރަދު ބޮޑުއިރު، ރަސްމާލެ ފަދަ މަޝްރޫއުއަކަށް ސަރުކާރަށް ފައިނޭންސް ނުކުރެވޭ ކަމަށެވެ. 

"މަޝްރޫއު ހިންގާ އިރު ކިހިނެއްތޯ ފައިނޭންސްކުރާނީ، ކިހިނެއްތޯ އަޅުގަނޑުމެން؛ އަޅުގަނޑުމެން މި ވެރިކަން އައި އިރު އަޅުގަނޑު މި ދިޔަ ދައުރުގައި ވެސް މި ވާހަކަ ދެއްކިން. ،400 500 މިލިއަން ޑޮލަރު ސުކޫކު ނެގި އިރު މި މަޖިލީހުގައި ހަމަ އެންމެ އަޑުހަރުކޮށް އަޅުގަނޑު ވެސް ވާހަކަދެއްކިން،" ތޯރިގު ވިދާޅުވި އެވެ. 

ސުކޫކަށް ނެގި ހުރިހާ ލާރިއެއް ބަދަލުކުރީ މުސާރަ ދިނުމަށް ކަމަށާއި އޭގައި ހަރު އެއްވެސް އެސެޓެއް، ރާއްޖެއަށް އާމްދަނީ ލިބޭ އުފެއްދިފައެއް ނެތް ކަން ތޯރިގު ފާހަގަކުރެއްވި އެވެ.

އޭގެ ބަދަލުގައި ރައްޔިތުންނަށް ލިބުނު ނުވަތަ ރައްޔިތުން ދެއްކި ހުރިހާ ޓެކުހެއް ސުކޫކަށް ދައްކަން މަޖުބޫރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. 

"ދައުލަތް ޑިފޯލްޓުވާއިރު ދަރުމަވަންތަ ހޮސްޕިޓަލު ދަނީ ދުބާއީގައި އޮންނަ ސުކޫކަށް، އަމީނިއްޔާ ސުކޫލު ދަނީ ސުކޫކަށް ރަހުނުކޮށްފައި އޮތީމަ. އޮލިމްޕަސް ދަނީ ސުކޫކަށް ރަހުނުކޮށްފައި އޮތީމަ. އިސްކަންދަރު ސުކޫލު، ވެލާނާގެ ބިލްޑިން ހުރީ ސުކޫކަށް ރަހުނުކޮށްފައި. އެހެންވީމާ އިސްކަންދަރު ސުކޫލާއި އަމީނިއްޔާ ސުކޫލާއި ދަރުމަވަންތަ ހޮސްޕިޓަލު ދިވެހި ދައުލަތުގެ ބާރުން ބޭރަށް އެހެން ބަޔަކަށް ދާތީ ދައުލަތުން ލިބޭ ޑޮލަރު ނަގައި ސުކޫކަށް ދައްކަން މަޖުބޫރުވީމާ އެ ސުކޫކު ދެއްކީ،" ތޯރިގު ވިދާޅުވި އެވެ. 

"އެހެންވީމާ ރާއްޖޭގެ ދަރަނިތައް ދައްކަން މަޖުބޫރުވީމާ ދައުލަތުގެ އަތުގައި ފައިސާ ނެތީ. ދެން އޮތީ އަޅުގަނޑުމެން ކިހިނެއްތޯ ފައިނޭންސް ހޯދާނީ؟."

މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު
މަހިބަދޫ ދާއިރާގެ މެންބަރު ތޯރިގު

ހައުސިން މަޝްރޫއުތައް ހިނގަން ފައިނޭންސް ހޯދުމަށް މި ސަރުކާރު ހަވާލުވިއިރު އުނދަގޫތައް ކުރިމަތިވި ކަމަށާއި އެއީ ސިޔާސީ ބޭފުޅުން ކަންތައް ހުންނަ ގޮތުން ކަމަށް ވިދާޅުވި އެވެ. 

"ފުރަތަމަ ރައީސް ޔާމީނުގެ ވެރިކަން ތެރޭގައި ހިޔާ ފުލެޓު އެޅުމަށްޓަކައި އެ ނެގި ލޯނެއް ޗައިނާގެ އެގްޒިމް ބޭންކުން ނުވަތަ ޗައިނާ ސަރުކާރުން ނަގާފައި އޮތް ލޯނު ދެއްކުމަށް ޓަކައި ދައުލަތަށް އުނދަގޫވި. އަޅުގަނޑު އަޑުއެހިން މިދިޔަ ރައްޔިތުންގެ މަޖިލިސް ތެރޭގައި އޭރުގައި މިނިސްޓަރު އަސްލަމް ވާހަކަފުޅުދައްކަވަމުން ވިދާޅުވި ހިޔާ ފުލެޓުގައި ގާތްގަނޑަކަށް ތިރީހަކަށް ސާޅީސް ޕަސެންޓު ހިޔާ ފުލެޓަށް ފައިސާ ނުދައްކައޭ. ވީމާ އެ ފައިސާ މި ދައްކަންޖެހެނީ ދައުލަތުން އެ ލޯނު އެޗްޑީސީއަށް ދެއްކީމާ ބޭރު ގައުމަށް،" ތޯރިގު ވިދާޅުވި އެވެ. 

"ޗައިނާއަށް ވެސް އެނގޭ ސަރުކާރުންކަން މި ފުލެޓަށް މި ދައްކަނީ މި ކޮމާޝަލީ މީތި ވައިބަލްނުވާކަން. ވީމާ ލޯނު ދޭނެ ޕާޓީއެއް ނެތް ރާއްޖޭގެ ދަރަނިތައް ހުރިގޮތުން ބޭރު ގައުމަކުން ލޯނެއް ދޭގޮތަކަށެއް ނޫން ތިބީކީ ހާއްސަކޮށް ހައުސިން ޕްރޮޖެކްޓަކަށް." 

އެހެންވެ، ތޯރިގުގެ ސުވާލަކަށްވީ ރާއްޖޭގެ ޕްރޮޖެކްޓެއް ހިންގާނެ ގޮތާއި އެއަށް ފައިސާ ހޯދާނެ ގޮތެވެ.