ލޯނެއް ނުވަތަ މަޝްރޫއަކާ މެދު އުފެދޭ ޝައްކުތައް ފިލުވާލަން އެންމެ ރަނގަޅު ގޮތަކީ އެކަމަކާ ގުޅޭ ގޮތުން ހާމަކުރެވެން އޮންނަ މައުލޫމާތުތައް ކުރީބައިގައި ރައްޔިތުންގެ މަޖިލީހަށް ހާމަކުރުން ކަމަށް މަހިބަދޫދާއިރާގެ މެންބަރު އަހުމަދު ތޯރިގު މިއަދު ވިދާޅުވެއްޖެ އެވެ. 


ކުށްކޮށްގެން ހޯދާފައިވާ މުދަލާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ތޯރިގު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނެތި ސަރުކާރަށް ލޯނު ނުނެގޭ ގޮތަށާއި ރާއްޖޭގެ މުހިއްމު ސްޓްރެޓީޖިކް އެސެޓްތައް  ނުވިއްކޭ ގޮތަށް މާލިއްޔަތު ގާނޫނު ކުރިން ބަދަލުކުރި ކަމަށެވެ. ކުރީގެ ރައީސް މުަހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު އިދިކޮޅު ޕާޓީ ޑީއާރްޕީގެ މެޖޯރިޓީ މަޖިލީހުގައި އޮވެގެން އެގޮތަށް ބަދަލުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދޭން އުޅޭތީ އާއި ތަންތަން މޯގޭޖްކޮށްފައި ލޯނުތައް ނަގަމުންދާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަން ބަދަލުކޮށް، މަޖިލީހުގެ ބަހެެއް ނެތި އެފަދަ ނިންމުންތައް ނިންމުމުގެ ބާރު އަނބުރާ ސަރުކާރަށް ނެގީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮވެގެންކަން ތޯރިގު ފާހަގަކުރެއްވި އެވެ. އެކަން އެގޮތަށް ބަދަލުކުރުމުން އޭރުގެ އިދިކޮޅު ޕާަޓީ އެމްޑީޕީން ކަންބޮޑުވުން ފާޅުކުރި ނަމަވެސް  އެ ޕާޓީއަށް ވެރިކަން ލިބުމުން އެ ގާނޫނު ބަދަލެއް ނުކުރެ އެވެ.

"ދެން އުފެދޭ ސުވާލަކީ ސަރުކާރެއްގެ އަތުގައި އެހާ ބޮޑު ބާރެއް އޮވެފައި، ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ އޮވެފައި، މިގޮތަށް ކަންތައްތައް ފިލުވާލުމަށްޓަކައި އޭގެ އެންމެ ރަނގަޅު ގޮތަކީ، އޭގެ ހާމަކުރެވެން ހުރި މައުލޫމާތުތައް ކުރީބައިގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން،" ތޯރިގު ވިދާޅުވި އެވެ.

އެގޮތަށް ފޮނުވާ މައުލޫމާތު ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށްް ރައްޔިތުންނަށް ހާމަކޮށްގެން އެކަމެއް ކުރިއަށް ގެންދާ ނަމަ، އެކަމެއްގައި ދިމާވެދާނެ މައްސަލަތަަކަށް ހައްލު  ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ވާހަކައަށް ފަހު އޭނާ ވަނީ ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ މަޝްރޫއުގެ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ރަސްމާލެ ހިއްކަން ސަރުކާރުން ފުރަތަަމަ މަސައްކަތްކުރީ ދައުލަތުގެ ބަޖެޓުން ކަަމަށާއި އެކަމާ ފުރަތަމަ ދެކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް 18 ވަަނަ ރައްޔިތުންގެ މަޖިލީހުން ކަމަށެވެ.

ރަސްމާލެ މަޝްރޫއު އެހެން މޮޑެލަކަށް ބަދަލުކުރަން ޖެހުނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.