ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސްއިން ހިންގަން ނިންމާފައިވާ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ އާންމު ވޯޓަކަށް ދިޔުމަށް އިދިކޮޅު އެމްޑީޕީން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ރަސްމާލޭގެ 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދިނުމަށް ހިންގާ މުއާމަލާތުގައި ސަރުކާރުން މިހާތަނަށް އަމަލުކުރަމުންދާ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
އެ މުއާމަލާތާމެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށާއި ފުރިހަމަ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ފަސްޖެހެމުންދާ ކަމަށް ވެސް އެމްޑީީޕީން ބުނެ އެވެ. އަދި ނުރައްކާތެރިކަމުގެ ނިޝާނެއް ކަމަށް އެ ޕާޓީގެ ބަޔާނުގައި ވެ އެވެ.
ރާއްޖެއަށް އެހާމެބޮޑު ފައިދާއެއްވާން އޮތް ކަމެއް ނަމަ، މި ކަމުގެ ތަފްސީލު ހާމަނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ބަޔާނުގައި ފާހަގަކުރި އެވެ.
އެމްޑީޕީގެ ބަޔާނުގައި ގޮވާލާފައިވަނީ:
- ކުންފުންޏާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ ލިޔުމުގައި ހިމަނައިފައިވާ ޝަރުތުތަކާއި އެންމެހައި ކަންކަން ދިވެހިރައްޔިތުންނަށް އަވަހަށް ހާމަކުރަން
- އެއްބަސްވުން ދެމިގެންދާނެ މުއްދަތާއި، ދިވެހި ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި، އުފުލަންޖެހޭ މާލީ އިލްތިޒާމުތަކާއި، ބޭރުގެ ފަރާތަށް ދޭ މާލީ ލުއިތަކާއި އިސްތިސްނާތަކާއި، އަދި އެ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެންމެހައި ޒިންމާތައް ރައްޔިތުންނަށް ސާފުވާނެހެން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ އެންމެހައި ކަންކަމުގެ ތަފްސީލުތައް ހާމަކުރަން
- ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ އެއްވެސް އުސޫލަކަށް އެއްބަސްވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރުކޮށްދޭން
- މަޝްރޫއުގެ ދަށުން ހިންގާ އެއްވެސް މުއާމަލާތެއްގެ ސަބަބުން، މުސްތަގުބަލުގައި ދިވެހި ބިމުގެ މައްޗަށް ބިދޭސީންގެ ދާއިމީ މިލްކުވެރިކަމުގެ ހައްގެއް އުފަންވެދާނެފަދަ އެއްވެސް ކަމެއްވެސް ހިމެނިފައިވާކަން ނުވަތަ ނޫންކަން ސާފުކޮށްދޭން.
އެމްޑީޕީން ބުނީ ރާއްޖޭގެ ބިން ބިދޭސީންނަށް މިލްކުވާނެ ފަދަ އެއްވެސް ސިޔާސަތެއް އެކަށައެޅުމުގެ ބާރު ނުވަތަ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު ސަރުކާރަކަށް ނޯންނާނެ ކަމަށާއި އެ ކަމާ މެދު ގޮތެއް ނިންމާ ނަމަ އެކަން ނިންމަން ވާނީ ސީދާ ދިވެހި ރައްޔިތުން ކަމަށެވެ.
ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި، އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައިފައިވުމުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް މެދުވެރިކޮށް، ރައްޔިތުން އެ ކަމުގައި ދެކޭގޮތް ބެލުމަށްފަހުގައި ނޫނީ، ރައްޔިތުންގެ ނަމުގައި މިފަދަ މުއާމަލާތްތަކަށް ނުވަނުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
ރަސްމާލެ މަޝްރޫއުއަށް އިދިކޮޅުން ދެކޮޅު ހަދަމުންދާއިރު ސަރުކާރުން އަންދާޒާކުރާ ގޮތުގައި އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.
މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
އަދި މި އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ބުންޏެވެ.