ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ގުޅޭ ގޮތުން އެކި ފަރާތްތަކުން އުފައްދާ ސުވާލުތަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޖަވާބު ދެއްވައި، އެ މަޝްރޫއާ ގުޅިގެން ރާއްޖެއަށް ކުރާނެ ފައިދާތައް ވިދާޅުވެދެއްވައިފި އެވެ.
މިނިސްޓަރު ލިންކްޑްއިންގައި ޝާއިއު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއަށް ރަސްމާލޭގެ މަޝްރޫއު ވާއިރު ބައެއް ފާޑުކިޔުންތަކާއި ކަންބޮޑުވުންތައް އަމާޒުވަމުންދާ ކަމަށާއި އެކި ފަރާތްތަކުން އުފައްދާފައިވާ ގިނަ ސުވާލުތަކަކީ ހަގީގީ ސުވާލުތަކެއް ކަމަށް ވާތީ، އެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވަން ބޭނުންވާ ކަމަށެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫއުގައި ސަރުކާރުން ބަރޯސާ ވަނީ ސޮއިކުރާ ދުވަހު ލިބޭ ޗެކަކަށް ނޫނެވެ. އޭގެ ބަދަލުގައި، ދައުލަތަށް ލިބޭ އާމްދަނީއަށެވެ. އޭގެ ތަފްސީލުތައް ހިއްސާ ކުރެއްވި އެވެ:
- ޓީޖީއެސްޓީ: ކޮންމެ ހޮޓަލެއްގައި މަޑުކުރުމުން، ކޮންމެ ކެއުމަކުން އަދި މި މަޝްރޫއުގެ ތެރޭގައި ހިންގާ ކޮންމެ ފިހާރައަކާއި ހިދުމަތަކުން ނެގޭ ޓީޖީއެސްޓީ - މިއީ އެއްވެސް އިނާޔަތެއް ނެތި، ރާއްޖޭގެ ކޮންމެ ރިސޯޓަކުން ވެސް ދައްކާ ކަހަލަ ޓެކްސް.
- ރެވެނިއު ޝެއާ: މާސްޓަ ޑިވެލޮޕަރުގެ އާމްދަނީގެ 10 ޕަސެންޓުގެ ހިއްސާއެއް.
- ޕްރޮޕަޓީ ޓްރާންސެކްޝަން: މުދާ ގަނެވިއްކުމުގެ ކޮންމެ މުއާމަލާތަކުން ހަތަރު ޕަސެންޓް.
މި މަޝްރޫއުގެ ދަށުން ކޮންމެ ވިއްކުމެއްގެ ފައިސާ ބަހައްޓާނީ ރާއްޖޭގެ އެސްކްރޯ އެކައުންޓެއްގައި ކަމަށް ވާތީ މިއީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ޑޮލަރު ލިބުމުގެ ދަތިކަން ދިގު މުއްދަތަކަށް ތަޖުރިބާކުރަމުންދާ ގައުމަކަށް މިއީ ވަރަށް ބޮޑު ކަމެއް. އަދި މިއީ މަޝްރޫއުގެ ތެރެއިން ސަރުކާރަށް ލިބޭ ޑޮލަރުގެ އާމްދަނީގެ އިތުރުން ލިބޭނެ އެއްޗެއްކަން ފާހަގަކޮށްލަން،" މުއްތަލިބު ވިދާޅުވި އެވެ.
މަޝްރޫއު އެއްކޮށް ނިމި ފުރިހަމަވާ ހިސާބަށް ދާއިރު ކޮންމެ އަހަރަކު މަދުވެގެން އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މަޝްރޫއު ތަރައްގީ ކުރަމުންދާ މުއްދަތުގެ ތެރޭގައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ކުރާއިރު، އިގްތިސާދަށް 54,000 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން އެއްވެސް ލޯނެއް ނުނަގާ. އެއްވެސް ސޮވެރިން ގެރެންޓީއެއް ދޭކަށް ނުޖެހޭ، އަދި އެއްވެސް ޓެކުހެއްގެ ލުޔެއް ވެސް ނުދެން. މީގެ އިތުރުން، މަޝްރޫއުގެ ހުރިހާ ފައިސާއެއް ދައުރު ވާނީ ދިވެހި ބޭންކުތައް މެދުވެރިކޮށް،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.
އިނގިރޭސި ބަހުން އާންމު ކުރެއްވި ލިޔުމުގައި މިނިސްޓަރު ވިދާޅުވީ ރިސޯޓެއްގައި މަސައްކަތްކުރާ މީހާ އަހަރުގެ ގިނަ ދުވަސްތަކުގައި އާއިލައާ ދުރުގައި އުޅެންޖެހޭ ކަމަށެވެ. ނަމަވެސް ރަސްމާލެއަކީ މާލެއިން ސްޕީޑްބޯޓެއްގައި އެންމެ 17 މިނިޓުގެ ދުރުމިނުގައި އޮތް ތަނެއް ކަމަށް ވާތީ އެ ތަނުގައި ގާއިމުކުރާ ހޮޓާތަކާއި މެރީނާ އާއި ސްކޫލްތަކާއި ކްލިނިކްތަކުން ލިބޭ ވަޒީފާތަކަކީ ރަސްމާލޭގައި ނުވަތަ މާލެ ސަރަހައްދުގައި ދިރިއުޅޭ ދިވެއްސަކަށް މަސައްކަތް ނިންމާފައި ކޮންމެ ދުވަހަކު ވެސް ގެއަށް ގޮސް އާއިލާއާ އެކު ވަގުތު ހޭދަކުރެވޭނެ ފަދަ ވަޒީފާތަކެއް ކަމަށް ވިދާޅުވި އެވެ.
މިދިޔަ 50 އަހަރު ތެރޭގައި، ޒުވާނުން ރިސޯޓުތަކަށް ފޮނުވަމުން އައި ގައުމަކަށް މިއީ ކުޑަކުޑަ ކަމެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ދެން މިނިސްޓަރު ޖަވާބު ދެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސުވާލަކަށެވެ. އެއީ ރަސްމާލޭގެ ބަދަލުގައި ހުޅުމާލޭގައި އާންމުންނަށް ހައުސިން މަޝްރޫއުތައް ހިންގުން މާރަނގަޅުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަށެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެ ދެން ކަން ވެސް ކުރަމުން އަންނަ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، އީގަލް ހިލްސްއިން ދިވެހި އާއިލާތަކަށް ހުޅުމާލޭގައި ތިން ކޮޓަރީގެ 5,000 އެޕާޓްމަންޓް ބިނާކޮށްދޭނެ ކަމަށާއި މިއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހިނގާނެ ކަމެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
"އެއީ ރަސްމާލެއިން އެއްވެސް ޑޮލަރެއް ލިބުމުގެ ކުރިން، ކުރިއާލައި ފައިނޭންސް ކޮށްގެން ހިންގާ މަޝްރޫއެއް. ސަރުކާރުގެ ބަޖެޓުން އެއްވެސް ފައިސާއެއް ހަރަދު ކުރުމެއް ނެތި އަދި އެއްވެސް ދަރަންޏަކަށް ނުވަތަ ސޮވެރިން ގެރެންޓީއަކަށް ނުގޮސް މިކަން ކުރެވެނީ، ބިން ގަތުމުގެ އަގެއް ނަގައި، އޭގެ ބަދަލުގައި އާމްދަނީގެ 10 ޕަސެންޓް ހިއްސާވާ ގޮތަށް އެއްބަސްވެފައިވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.
މި އެޕާޓްމެންޓްތަކުގެ ހަރަދު ކެނޑިގެންދާނީ ސަރުކާރަށް ލިބޭ އާމްދަނީގެ ހިއްސާއިން، އާމްދަނީ ލިބެމުންދާ ވަރަކަށް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަސްމާލޭގެ ދެބައިކުޅަ އެއްބައި ކަމަށްވާ 500 ހެކްޓަރު ބިން ޚާއްސަ ކޮށްފައިވަނީ ހަމައެކަނި ދިވެހިންނަށް ކަމަށެވެ. އެ ވަރުގެ ބިމެއްގައި 150,000 މީހުންގެ އާބާދީއަކަށް ނުވަތަ އެ އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިދާނެ ކަމަށާއި ނަމަވެސް އެފަދަ ބޮޑު ސިޓީއަކަށް ވަޒީފާތަކާއި ހިދުމަތްތައް ލިބޭނެ މަގު ފަހިވެފައި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"...ނޫން ނަމަ އެއީ ހަމައެކަނި ނިދާ ރަށަކަށް ވެގެންދާނެ. ރަސްމާލޭގެ އަނެއްބައި ތަރައްގީ ކުރުމަކީ ދިވެހިން ދިރިއުޅޭ ބައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަގުފަހިކޮށްދޭ ކަމެއް،" މުއްތަލިބު ވިދާޅުވި އެވެ.
ރާއްޖެއިން ބޭރު މީހުންނަށް ގެދޮރު ވިއްކުމުން ގައުމުގެ ސިޔާސަތަށް ވާނީ ކިހިނެއްތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި ޖަވާބަކީ "އެއްވެސް ބަދަލެއް ނާންނާނެ" ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިތަނުގައި އެއްވެސް ވަރަކަށް މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ ކަމަށާއި ކޮންމެ ރިސޯޓެއްގައި ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ހިނގާ ފަދައިން، މި މަޝްރޫއުގެ ކޮންމެ ތަނެއްގައި ވެސް ކޮންމެ ވަގުތަކު ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމާލެއަށް މުދާ ގަނެވޭނީ ސަރުކާރުން ހުއްދަދޭ ފަރާތްތަކަށެވެ. ވިސާ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮންނާނެ އެވެ. މުދަލެއް މިލްކުކުރުމުން ދާއިމީ ރެޒިޑެންސަށް ނުވަތަ ރައްޔިތުކަމަށް ބަދަލުވުމުގެ އެއްވެސް މަގެއް ނެތް ކަމަށާއި ކުރިމަގުގައި ވެސް އެފަދަ މަގެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން މީހެއްގެ ވިސާ ބާތިލުކޮށްފި ނަމަ، އެ މީހަކު ރާއްޖެއިން ފައިބައިގެން ދާންޖެހޭނެ. އެ މީހުންގެ މިލްކުވެރިކަމުގައިވާ މުދާ އެ މީހުންގެ ލަގެޖަށް ލައިގެން ގެންދެވޭކަށް ނޯންނާނެ. އެ ތަކެތި ހުންނާނީ މި ބިމުގައި، ދިވެހި ގާނޫނުގެ ދަށުން، އެހެން ހުއްދަ އޮތް ފަރާތަކަށް ވިއްކާލެވޭ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރަސްމާލެ ހިމެނޭ ގޮތަށް ބޮޑެތި މަޝްރޫއުތައް މި ވަގުތު ހިންގުމަކީ ބޭކާރު ކަމެއް ކަމަށް ސިފަކުރައްވައި އެކަން ހުއްޓާލުމަށް ގޮވާލައްވާލައްވައިފަ އެވެ. އެ ކަންބޮޑުވުންތައް އުފެދޭ ސަބަބު ވިސްނޭ ކަމަށް ވިދާޅުވެ، މިނިސްޓަރު އެކަމަށް ވެސް ޖަވާބު ދެއްވި އެވެ.
މިނިސްޓަރު މުއްތަލިބު ވިދާޅުވީ ރަސްމާލެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ޒަމާނީ ސިޓީއެއް ބިނާކުރުމަށް ބޭނުންވާ ކެޕިޓަލް ލިބޭނެ ކަމަށާއި ދިވެހިންނަށް ރަނގަޅު ހިދުމަތްތަކާއި ފުރުސަތުތައް ފޯރުކޮށްދިނުމަށް ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ ވަރުގަދަވާނެ ކަމަށެވެ.
އިގްތިސާދު ސިންދަފާތު ނުކޮށް އަދި އާމްދަނީ އިތުރުނުކުރާ ނަމަ މި ސަރުކާރަށް ވިޔަސް ނުވަތަ ފަހުން އަންނަ ސަރުކާރަކަށް ވިޔަސް، ދައުލަތުގެ ހަރަދުތައް ބަލަހައްޓައި ދަރަނި ކުޑަކުރުމަކީ ދަތިކަމަކަށް ވާނެ ކަމަށާއި ޒިންމާދާރު ސަރުކާރަކުން ކުރިއަށް އޮތް ޖީލަށްޓަކައި މި މިސްރާބު ބަދަލުކުރަންޖެހޭ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. ދައުލަތަށް އިތުރު އާމްދަނީ، ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް އަދި ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"...ދުބާއީ އާއި ސިންގަޕޫރު މިއަދު އެ އޮތް ހިސާބަށް ދިޔައީ ސޮއިކުރާ ދުވަހު ނެގުނު ފައިސާއަކުން ނޫން. އެ ގައުމުތައް އެ ހިސާބަށް ދިޔައީ އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ފެށުނު އިގްތިސާދީ ހަރަކާތްތަކުގެ ސަބަބުން. ވިޔަފާރިތަކާއި ޓޫރިސްޓުންނާއި ކުންފުނިތަކާއި ވަޒީފާތަކާއި އަދި އެ ހުރިހާ ކަމަކުން ކޮންމެ އަހަރަކު ލިބުނު ޓެކުހުގެ ސަބަބުން. އަޅުގަނޑުމެން މި މަޝްރޫއުގައި އެއްބަސްވެފައިވަނީ މިފަދަ އުސޫލަކަށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ އަދި އިގުތިސޯދީ އަދި އިޖުތިމާއީ މަންފާ ބޮޑުވާ އުސޫލަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ޑައުންޓައުން ދުބާއީ، ބެލްގްރޭޑް ވޯޓަފްރޮންޓް އަދި ދުނިޔޭގެ ތިން ބައްރެއްގައި މަޝްރޫއުތައް ހިންގި އީގަލް ހިލްސް އާއި މުހައްމަދު އަލައްބާރަކީ މިކަން ކޮށްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ބައެއްކަން ސާބިތުވާ ކަމަށެވެ. ދުނިޔޭގެ ރިއަލް އެސްޓޭޓް ދާއިރާގެ އެންމެ ނަން މަޝްހޫރު އެއް ޝަހުސިއްޔަތު ކަމަށްވާ އަލައްބާރު ވަނީ މިކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވިދާޅުވި އެވެ.
"...މި މަސައްކަތް ވީހާ ވެސް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެމުން، ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ އަޅުގަނޑުމެންނަށް އިތުބާރުކޮށް، މިކަން އަމަލީ ގޮތުން ދެއްކުމުގެ ފުރުސަތު ދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"ސުވާލަކީ މިކަން ކުރާނެތޯ ނޫންތޯއެއް ނޫން. ނަމަވެސް މިކަން އެންމެ ފުރިހަމަ ގޮތަށް ކުރާނީ ކިހިނެއްތޯ."