ޔުނައިޓެޑް އަރަބް އެމިރޭަޓްސްގެ "އީގަލް ހިލްސް" އިން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން 20 ބިލިއަން ޑޮލަރުގެ މަޝްރޫއު ރާވާފައި ވަނީ ޑޮލަރު ލިބުމުގައި ދިމާވާ ދަތިތައް ހައްލުވާ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަސްމާލޭގައި ހިންގާ އެ މަޝްރޫއުގައި ތަރައްގީކުރާ ތަންތަނުގެ ލީސް ރައިޓްސް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ކުންފުނިން މިހާރު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެ ގޮތަށް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ފުރަތަމަ ވެސް ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާ އެކު ގާއިމްކުރާ އެސްކްރޯ އެކައުންޓަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ޕްރޮޖެކްޓުން އަންނަ ހުރިހާ ރެވެނިއުއެއް ވެސް ލީސް ރައިޓް ވިއްކާ ހިސާބުގައި އެސްކްރޯއެކައުންޓަކަށް ޖަމާ މި ކުރެވެނީ. ރާއްޖޭގެ ބޭންކެއްގައި، ރާއްޖޭގެ ސަރުކާރާ އެކީގައި ސަރުކާރުން އެގްރީވާ ބޭންކެއްގައި،" ޒަރީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދުގެ ތެރެއަށް މިހާރު އަހަރަކު ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު ވަންނައިރު އޭގެ ބޮޑުބައެއް ރާއްޖޭން ބޭރަށް ދާ ކަމަށެވެ. ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ރާއްޖެއަށް ނައިސް ރާއްޖޭން ބޭރަށް، އެކި ދިމަދިމާލަށް ދާކަން މަރުކަޒީ ބޭންކް އެމްއެމްއޭ އިން ފާހަަގަކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ މި ޕްރޮޖެކްޓްގައި އަޅުގަނޑުމެން ވަރަށް ބޮޑަށް، އެކަން އެހެން ނުވާނެ ގޮތަށް ކަންކަން ރާވާފައި ހުންނާނީ. އެކަން އެންޝުއާ ކޮށްފައި ހުންނާނީ. އެހެންވީމާ އަޅުގަނޑު މި ދެންނެވީ އެސްކްރޯ ކުރެވިގެން ރާއްޖޭގެ ބޭންކްތަކަަށް މި ޑޮލަރު [ވަންނާނެ ގޮތަށް] އަދި ރާއްޖޭގެ އިގްތިސާދަށް، ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވާނެ ގޮތަށް މި ޕްރޮޖެކްޓް ރޭވިފައި މިއޮތީ. އެހެންވީމާ ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ޒަރީރު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ފުރަތަމަ އަހަރު ރާއްޖެއަަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށާއި އޭގެ ފަހުން އަހަރަކު ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފުރަތަމަ އަހަރު އެެ އަދަދަށް އާމްދަނީ ލިބޭނީ އޭނާ ވިދާޅުވި ގޮތުގައި އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ ތަންތަނުގެ ލީސްރައިޓްސް ވިއްކައިގެންނެވެ. އޭގެ ފަހުން އާމްދަނީ ލިބޭނީ އެތަންތަން ހިންގައިގެން ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންނަށް ވިސްނައިގަނެވޭ ވަރަށް ވުރެ ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ، އިގުތިސާދަށް ބޮޑެެތި ބަދަލުތަކެއް އަންނާނެ ޕްރޮޖެކްޓެއް މިއީ،" ޒަރީރު ވިދާޅުވި އެވެ.
ހައުސް މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި މި މަޝްރޫއުގައި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ދައްކާނީ ދިވެހިރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތައް މެދުވެރިކޮށެވެ. އަދި ޔުނިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ މުއާމަލާތްތައް ހިންގާނީ މިހާރު އެކުލަވާލައި ހުށަހަޅަން ތައްޔާރުވަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން، ރާއްޖޭގައި ބަލަހައްޓާ އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށް ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވެފައި ވަނީ އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ ޓެކްސް އިސްތިސްނާއެއް ނުހިމެނޭ ގޮތަށް އަދި ރަސްމާލޭގައި ހިންގާ ހުރިހާ ހަރަކާތްތަކުން ރާއްޖޭގެ އާންމު ގާނޫނުތަކުގެ ދަށުން ޓެކްސް ވެސް ނަގާ ގޮތަށެވެ.
މިހެން ހެދުމުން، މަޝްރޫއުގެ ފައިސާގެ ދައުރުވުން ދިވެހި ބޭންކިން ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ލިބޭނެ އެވެ. އަދި ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުޢާމަލާތަކުން 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ލިބޭނެ އެވެ.
މަޝްރޫއު ހިންގާ އީގަލް ހިލްސް އަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ކާމިޔާބު އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު އަކީ ދުނިޔޭގެ އެންމެ އުސް ބިނާ ކަމަށްވާ ބުރްޖް ޚަލީފާ އާއި ޑައުންޓައުން ދުބާއީ ފަދަ މަޝްހޫރު ބިޔަ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ހިންގި އިމާރް ޕްރޮޕަޓީޒްގެ ވެސް ބާނީ އެވެ. މީގެ އިތުރުން، މިހާރުވެސް އެ ކުންފުނިން ދަނީ ދުބާއީގައި "ދުބާއީ އެސްޓޭޓް" އާއި "ދުބާއީ ކްރީކް ހާބަ" ފަދަ ބިލިއަން ޑޮލަރުގެ ސިޓީތައް ތަރައްގީކުރަމުންނެވެ.