ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭަޓްްސް (ޔޫއޭއީ)އާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި މިހާރު ވެސް ރިސޯޓްތައް ހިންގަން 99 އަހަރަށް ރަށްރަށް ކުއްޔަށް ދޭ އުސޫލުން ރަސްމާލޭން ބިން ކުއްޔަށް ދިނުމުގެ އެއްބަސްްވުމެއް ކަމަށެވެ. އެގޮތަށް ރަށްތައް ކުއްޔަށް ދީފައިވާ ތަންތަނުގައި ބޭރުގެ އިންވެސްޓަރުން މިހާރު ވެސް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި ވަރަށް ގިނަ އިންވެސްްޓާސް ވަރަށް ގިނަ ޕްރޮޕަޓީސްތައް މިހާރު ވެސް އެބަ ހިންގާ. ރިސޯޓުތައް ވެސް އެބަ ހިންގާ، ބޮޑެތި، 200-300 ޑޮލަރުގެ ރިސޯޓް ޕްރޮޕަޓީތައް އެބަ ޑިވެލޮޕްކުރޭ. އެ ޕްރޮޕަޓީތައް ވެސް މި ޑިވެލޮޕް ކުރެވެނީ ގާތްގަނޑަކަށް 99 އަހަރާ ހަމައަށް، ރާއްޖޭގެ މިހާރުގެ ލީގަލް ފްރޭމްވޯކް ތެރެއިން 99 އަހަރާ ހަމައަށް ލީސްކޮށްގެން މި ޑިވެލޮޕްެމެންޓަކީ ވެސް ހަމައެ އުސޫލުން [ހެދި އެއްބަސްވުމެއް] އެއްވެސް ގޮތަކަށް މިއީ ރާއްޖޭގެ އެއްވެސް ބިމެއް، އެންމެ ބިންކޮޅެއް ވެސް ވިއްކާލެވޭނެ ގޮތަށް ހިންގޭ ޕްރޮޖެކްޓެއް ނޫން،" ޒަރީރު ވިދާޅުވި އެވެ.
ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއް ވެސް ބޭރު ބަޔަކަށް ވިއްކާނުލައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ކަމަށާއި އެ އުސޫލު އަބަދުވެސް ދެމެހެއްޓޭނެ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.
"އެހެންވީމާ މި ޕްރޮޖެކްޓްގައި ވެސް، އެންމެ އިންޗިއެއް ވެސް ވިއްކައެއް ނުލެވޭނެ،" ޒަރީރު ވިދާޅުވި އެވެ.
އީގަލް ހިލްސްއާ ހަވާލުކުރި އެ މަޝްރޫއުގައި ތަރައްގީ ކުރާ ތަންތަނުގެ ވެސް މިލްކުވެރިކަން އޮންނާނީ ރާއްޖެއަށް ކަމަށާއި އެ ކުންފުންޏަށް ލިބޭނީ ޓޫރިޒަމްގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް "ލީސް ރައިޓްސް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމާލޭގައި ހިންގާ އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގައި ތިން ރިސޯޓަކާއި މެރީނާއަކާއި އެހެން ގިނަ ހިދުމަތްތަކެއް ގާއިމްކުރާނެ އެވެ. އެ ހުރިހާ ތަނެކުން ވެސް ޑިވެލޮޕަރަށް ލިބޭނީ ލީސް ރައިޓްސް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމާ އެ ލީސް ރައިޓް ހޯލްޑްކޮށްގެން އެ ލީސް ރައިޓާ އެއްގޮތަށް އެ ބަޔަކު އެ ތަނެއްގައި ދިރިއުޅުމުގެ ފުރުސަތު ނުވަތަ އެތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެން މިދަނީ،" ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ހިންގާ މަޝްރޫއުން ގާއިމްކުރާނީ ހަމަ އެކަނި ވިޔަފާރިއަށް ބޭނުންކުރާ ތަންތަނެއް ނޫނެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތައް ގާއިމްކުރުން ވެސް އެ މަޝްރޫއުގެ އެއްބަސްވުމުގައި ވާނެ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.