ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއަކީ ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކުރަން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތައް ދޮގުުކުރައްވައި، އެފަދަ ކަމެއް ވިޔަނުދޭން ސަރުކާރުން އަޅާނެ ފިޔަވަޅުތަކުގެ ލިސްޓެއް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު އާންމުކުރައްވައިފި އެވެ.
ލިންކެޑްއިންގައި އިނގިރޭސި ބަހުން އާންމުކުރެއްވި ލިޔުމެއްގައި މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގައި ޔަހޫދީންގެ އާބާދީއެއް "އުފައްދާނެ" ކަމަށް ބުނެ އުފައްދާ ބިރަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބައެއް މީހުން ފާޅުކުރަމުން ގެންދާ ކަންބޮޑުވުންތަކުގެ ބޮޑު ބަޔަކީ ރަސްމާލޭގެ ބިން އަގުކުރާ ގޮތާއި ކުއްޔަށް ދިނުމުގެ އުސޫލުތަކާ މެދުގައެއް ނޫނެވެ. އެ ކަންބޮޑުވުންތައް އޮތީ ފަލަސްތީނާ މެދުގަ އެވެ. ފަލަސްތީނު މީހުންނަށް ލިބެމުންދާ އަނިޔާއަކީ އޭނާ ވިދާޅުވިގޮތުގައި އިސްތިސްނާއެއް ނެތި އެންމެހާ ދިވެހިންނަށް ފުންއަސަރު ކުރުވާ ކަމެކެވެ.
މުއްތަލިބު ވިދާޅުވީ އެ ކަންބޮޑުވުންތަކަށް ސީދާ ޖަވާބު ދޭންޖެހޭ ކަމަށާއި އެކަމަށް އަަޅާނުލައި ދޫކޮށްލައިގެން ނުވާނެ ކަަމަށެވެ. އެއާ އެކު، އިޒްރޭލުގެ އެއްވެސް މަސްލަހަތެއް ރަސްމާލެ މަޝްރޫއުގެ ތެރެއަށް ނުވަދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިނިސްޓަރު ތަފްސީލް ކޮށްދެއްވި އެވެ. އެއީ:
- ޕްރޮޕަޓީއެއް ގަނެ ވިއްކުމުގެ އެއްވެސް މަރުހަލާއެއްގައި އިޒްރޭލުގެ ބައިވެރިވުން މަނާކުރުން: މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، ހަގީގީ މަންފާ ލިބޭ ވެރިއެއްގެ (ބެނެފިޝަލް އޯނަރު) ގޮތުގައި، ހިއްސާދާރެއް ނުވަތަ ފައިނޭންސްކުރާ ފަރާތެއްގެ ގޮތުގައި ވެސް އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އަދި އެ ގައުއުމުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ބައިވެރި ނުވެވޭނެ ގޮތް ސަރުކާރުން ހަދާނެ އެވެ.
- ނިސްބަތްވާ ހުރިހާ ގައުމުތަކެއް ހާމަކުރުން ލާޒިމުކުރުމާއި މުދާ ދައުލަތަށް ނެގުން: ޕްރޮޕަޓީއެއް ގަންނަ ކޮންމެ މީހަކު ވެސް އެ މީހަކު ނިސްބަތްވާ ހުރިހާ ގައުމުތަކެއް ސާފުކޮށް ހާމަކުރަންޖެހޭނެ އެވެ. އެއްވެސް މައުލޫމާތެއް އޮޅުވާލައިފި ނަމަ އެއްބަސްވުން ވަގުތުން ބާތިލުކޮށް، އެ މުދަލަކާއި ފައިސާ ދައުލަތަށް ނަގާނެ އެވެ.
- ދާއިމީ ރަށްވެހިކަން ނުދިނުން: ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުން ވެސް އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމާއި ހަރުދަނާ ސްކްރީނިން މަރުހަލާތައް ހިންގާއިރު ރަސްމާލެ މަޝްރޫއުގެ އެއްވެސް އިންތިޒާމެއްގެ ދަށުން ރާއްޖޭގެ ދާއިމީ ރަށްވެހިކަމެއް ނުވަތަ ރައްޔިތުކަމެއް ނުދޭނެ އެވެ.
- ބިމުގެ ދާއިމީ މިލްކުވެރިކަން ދިވެހިންނަށް އެކަނި އޮތުން: ބިން ދާއިމީކޮށް މިލްކުވާ (ފްރީހޯލްޑް) އުސޫލުން ރަސްމާލޭގެ އެއްވެސް ތނެއް އެއްވެސް ބޭރު ފަރާތަކަށް ދުލެއް ނުކުރާނެ އެވެ. ކުލީގެ މުއްދަތު ދާއިމީވާނެ އެއްވެސް ޖާގައެއް ވެސް ނުދޭނެ އެވެ.
- ދިވެހި ރައްޔިތުންނަށް އިސްކަންދިނުން: މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގެ ދަށުން އިމާރާތްކުރާ ޔުނިޓްތައް، ދިވެހި ރުފިޔާއިން އަގުދައްކާ ގޮތަށް ގަތުމުގެ ފުރަތަމަ ފުރުސަތު ދިވެހިންނަށް ދޭނެ އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި "ޒަޔަނިޒަމް ޕްރޮޖެކްޓް" އަކީ ތާރީހީ ގޮތުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބާދުކުރަން ހިންގާ ކަމެކެވެ. މުޅި އެ ހަރަކާތުގެ އަމާޒަކީ އެހެން ގައުމުތަކުން ޔަހޫދީން ގެންގޮސް ފަަލަސްތީނުގައި ވަޒަންވެރިކުރުވުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އިޒްރޭލުގެ އާބާދީތައް ފަތުރާލާފައި ވަނީ އަސްކަރީ ބާރު ބޭނުންކޮށްގެން ގަދަކަމުން އަތުލައި، ބާރުގެ ބޭނުންކޮށްގެން ދަމަހައްޓާ ސަރަހައްދުތަކުގައި. [އެއީ] ހިފާފައިވާ ފަލަސްތީނުގެ ބިންތަކާއި ގޯލާންގެ އުސްބިންތަކާއި މިސްރަށް އަނބުރާ ދޫކޮށްލުމުގެ ކުރީގައި ސީނާ [ސަހަރާ]،" ލިއުމުގައި މުއްތަލިބު ވިދާޅުވި އެވެ.
ސަރަަހައްދީ ރޮނގު އަމިއްލައަށް ބަަލަހައްްޓައި ވިސާ އާއި ބިން އަމިއްލައަށް ކޮންޓްރޯލްކުރާ މިނިވަން ގައުމަކުން ބޭރު މީހުން "ސެކަންޑް ހޯމް" ގެ ގޮތުގައި ގެ ގަތުމާއި ދިގުމުއްދަތަށް ކުއްޔަށް ހިފުން ފަދަ ކަންތައްތަކުގެ ތެރެއިން ތަނެއް އަތުލި ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދުނިޔެއަށް މިހާތަނަށް ފެންނަން އޮތީ މިހެން ކަމަށް ވާއިރު މި ނޫން ގޮތަކަށް ވާހަކަ ދައްކައި، މީހުން އެ ކުރާ ކަަމަކީ ވުޖޫދުގައި ނެތް ބިރެއް އުފެއްދުން. އަދި އެ ކުރާ ކަމަކީ ފަލަސްތީނުގެ މީހުންގެ ގުރުބާނީ އާއި ދިވެހިންގެ އިހުސާސްތައް ފަލަސްތީނު މީހުންގެ ބަހެއް ނެތި ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދުން،" މުއްތަލިބު ވިދާޅުވި އެވެ.
ޔަހޫދީ އާބާދީތައް ހެދުމުގައި އިޒްރޭލުގެ ޒަޔަނިސްޓް ޕްރޮޖެކްޓް ކުރިއަށް ގެންދާ ގޮތުގެ ވާހަކަ އޭނާ ގެންނެވީ އެ ކަންބޮޑުވުންތަކަށް ދެއްވި ޖަވާބު ފެށްޓެވުމުގެ ގޮތުންނެވެ.
ރަސްމާލޭ މެރީނާ މަޝްރޫއާ އެކު، ރާއްޖޭގައި ޔަހޫދީ އާބާދީއެއް ގާއިމްކޮށްފާނެ ކަމުގެ ކަންބޮޑުވުން ނެތް ދެވަނަ ސަބަބެއްގެ ގޮތުގައި ލިޔުމުގައި މިނިސްޓަރު ފާހަގަކުރެއްވީ އިޒްރޭލު ޕާސްޕޯޓް ރާއްޖޭގައި މަނާކޮށްފައި އޮތުމެވެ.
އެއީ ކުރީގެ އެއްވެސް ސަރުކާރަކުން އަޅާފައި ނުވާ ފިޔަވަޅެއް ކަަމާއި މި ސަރުކާރުން އެ ފިޔަވަޅު އެޅީ އެކަން އެގޮތަށް ނުކުރަން ފިއްތުންތައް ކުރިމަތިކުރަމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ މި ސަރުކާރުން [އިޒްރޭލު ޕާސްޕޯޓް މަނާކުރި ސަރުކާރުން] ޕްރޮޕަޓީ ޑީލެއްގެ ތެރެއިން ސިއްރުން އެ ސިޔާސަތު ކޮމްޕްރޮމައިޒް ކުރާނެ ކަމަށް ބުނުން އެއީ ބުރަދަނެއް ހުރި ވާހަކައެއް ނޫން،" މުއްތަލިބު ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުތަކަށް ތަބާވާނެ ކަމަށް އީގަލް ހިލްސް އިން ބުނެފައިވާ ކަން ވެސް މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި މަނާކޮށްފައިވަނީ އިޒްރޭލު ޕާސްޕޯޓް ކަމަށާއި އިޒްރޭލު މީހުން އައުން ނޫން ކަމަށް ވާއިރު އެހެން ގައުމުތަކުގެ ޕާސްޕޯޓްތަކުަގައި އިޒްރޭލް މީހުން މިހާރު ވެސް ރާއްޖޭގެ ކޮންމެ ރިސޯޓަކަށް ވެސް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ، އެއީ ހަމައެކަނި ރަސްމާލޭން އުފެދޭނެ ފުރުސަތެއް ނޫންކަން ފާހަގަކުރެއްވި އެވެ.