މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ އިންޓަނޭޝަަނަލް ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް، ހާމަކަން ބޮޑުކޮށް ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ވަޑައިގެން އުޅުއްވަމުން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ އޭނާގެ އުސޫލަކީ ހާމަކަންބޮޑު ގޮތަކަށް މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށާއި ރާއްޖެއަށް ރޭ ވަޑައިގެންނެވީ ވެސް އެހެންވެ ކަމަށެވެ.

އީގަލްހިލްސްއިން ރާއްޖޭގައި ހިންގަން އުޅޭ މަޝްރޫއުގައި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔެ [މިހާރު] އޮތީ ވަރަށް ބޮޑަށް ހުޅުވިފައި. އެތިކަލް އުސޫލު ނޫން އެހެން ގޮތެއް ނޯންނާނެ،" ޑުސިޓްތާނީ ރިސޯޓުގައި "މިހާރު" އާ ވާހަކަ ދައްކަވަމުން އަލައްބާރު ވިދާޅުވި އެވެ.

މުޅި ދުނިޔޭގައި ވެސް މިހާރު ކަންތައްތައް ކުރަނީ ހާމަކަން ބޮޑުކޮށް ކަމަށާއި އީގަލް ހިލްސްގެ މަޝްރޫއުތައް 20 ގައުމެއްގައި އޮޕަރޭޓް ކުރާއިރު ހުރިހާ ކަމެއް އޭނާ ވަރަށް ގާތުން ބައްލަވާ ކަމަށް ވިދާޅުވި އެވެ އެހެންވެ، އަލައްބާރު ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ނުފޮރުވޭނެ އެވެ.

"ހުރިހާ ކަމެއް ވެސް ހުރިހާ ވަގުތެއްގައި ވެސް މީހުން ބަލާނެ. އެއްވެސް ކަމެއް ނުއެއް ފޮރުވޭނެ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިދިޔަ 29 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު ކާމިޔާބު މަސައްކަތްތަކާއި ނާކާމިޔާބު މަސައްކަތްތައް ވެސް ކޮށްފައި ވެދާނެ. އެކަމަކު އެ ހުރިހާ ކަމެއް ވެސް އަޅުގަނޑު ކޮށްފައި ވާނީ ހާމަކަން ބޮޑުކޮށް،" އަލައްބާރު ވިދާޅުވި އެވެ.

އަލައްބާރު ސިފަކުރެއްވި ގޮތުގައި އޭނާ އިސްވެ ހުންނަވައިގެން އެކި ގައުމުތަކުގައި މިހާތަނަށް ހިންގި ހުރިހާ މަޝްރޫއަކުން ވެސް އެ މަޝްރޫއުތައް ހިންގާ މުޖުތަމައުތަކަށް ވަނީ ބޮޑެތި ފައިދާތަކެއް ކޮށްފަ އެވެ. އެ ތަންތަނުގައި ވަޒީފާތައް އުފައްދައި، ދިރިއުޅޭ ސަހަރުތަކާ މެދު ފަހުރުވެރިވާނެ ފުރުސަތު މީހުންނަށް ހޯދައިދީފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާ އެކު ތަކުރާރުކޮށް ވިދާޅުވީ އެެއްވެސް ކަމެއް ނުފޮރުވޭނެ ކަމަށެވެ.

"އެހެންވެ އަޅުގަނޑު ދިވެހިރާއްޖެއަށް މި އައީ. އަޅުގަނޑާ ވާހަކަ ދައްކަން [މައުލޫމާތު ހޯދަން] އަންނަ ކޮންމެ މީހަކާ އަޅުގަނޑު ވާހަކަ ދައްކާނަން. ފޮރުވާނެ އެއްވެސް ކަމެއް ނެތް،" އަލައްބާރު ވިދާޅުވި އެވެ.

ރަސްމާލޭގައި މަޝްރޫއެއް ހިންގަން އުޅުއްވަނީ ހަމަ މަޝްރޫއެއް ހިންގުމުގެ ބޭނުމުގައި ނޫން ކަަމަށާއި މަޝްރޫއުތައް ވަރަށް ގިނައިން ހިންގަވައިފި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާގެ ސީދާ ބެއްލެވުމުގެ ދަށުން މިހާތަނަށް 450 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގާފައިވާނެ ކަމަށް އަލައްބާރު ވިދާޅުވި އެވެ.

މަޝްރޫއުތައް ހިންގުމުގައި އޭނާގެ މައިގަނޑު ފަލްސަފާއަކީ އެ މަޝްރޫއެއް ހިންގާ މުޖުތަމައަށް ވީހާ ވެސް ބޮޑު ފައިދާއެއް ލިބިދިނުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު މި ކުރާ ކަމަކީ ﷲ ދެއްވި ނިއުމަތުން ހޭދަކުރުން. އަޅުގަނޑު އެދެނީ ކަންތައްތައް ރަނގަޅަށް ކުރަން، މުޖުތަމައަށް އެހީވާން، މީހުންނަށް އެހީތެރިވާން. ޓެކްސް ދައްކަން. ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ހޯދަން،" އަލައްބާރު ވިދާޅުވި އެވެ.

އަލައްބާރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ނުވަތަ އެހެން ގައުމެއްގައި ވެސް މިފަދަ މަޝްރޫއެއް ހިންގާ އިރު އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ގަންނާނީ އެ ގައުމެއްގެ މީހުންގެ އަތުންނެވެ. ވަޒީފާ އާއި ތަމްރީނު ފުރުސަތުތައް ދޭނީ ވެސް އެ ގައުމެއްގެ މީހުންނަށް ކަމަށް ވިދާޅުވި އެވެ. 

އަލައްބާރު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.
އަލައްބާރު "މިހާރު" އާ މިއަދު ވާހަކަ ދައްކަވަނީ.

ރާއްޖެއަށް ކުރައްވާ ދަތުރުގައި އޭނާ މިއަދު ބައެއް ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވި އެވެ. 

އެ ބައްދަލުވުމުގައި ވިދާޅުވީ ރަސްމާލޭގައި ހިންގަން ތައްޔާރުވަމުން އަންނަ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށާއި އެ މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫއުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ދިވެހި މުޖުތަމައަށް ފައިދާ ނުކުރާ މަޝްރޫއެއް ހިންގަން އޭނާގެ ޝައުގުވެރިކަން ނެތް ކަމަށާއި ރާއްޖޭގައި ހިންގާ މަޝްރޫއަކުން ދިވެހިންނަށް ފައިދާ ނުކުރާ ނަމަ އެއީ ނާކާމިޔާބު މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓް ކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.

އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ. 

ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި މި ރަސްމާލެ މަޝްރޫއުގައި ބައިވެރިވާނެ އެވެ