"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގަން ތައްޔާރުވަމުން އަންނަ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށާއި އެ މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫއުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު ރާއްޖެ ވަޑައިގެން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއުގެ އެންމެ އިސް ފަރާތް އަލްއައްބާރު ވަނީ ރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި މިއަދު ވަނީ ޑުސިޓްތާނީ ރިސޯޓްގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި މީޑިއާތަކާ ބައްދަލުކުރައްވައިފަ އެވެ. 

ރާއްޖޭގެ ވިޔަފާރިވެރިންނާ އެކު ބޭއްވެވި މެންދުރުގެ ފަރިއްކޮޅުގައި އޭނާ ވިދާޅުވީ، ދިވެހި މުޖުތަމައަށް ފައިދާ ނުކުރާ މަޝްރޫއެއް ހިންގަން އޭނާގެ ޝައުގުވެރިކަން ނެތް ކަމަށެވެ. ރާއްޖޭގައި ހިންގާ މަޝްރޫއަކުން ދިވެހިންނަށް ފައިދާ ނުކުރާ ނަމަ އެއީ ނާކާމިޔާބު މަޝްރޫއެއް ކަމަށް އަލްއައްބާރު ވިދާޅުވި އެވެ.

އީގަލްހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ..
އީގަލްހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު "މިހާރު" އަށް މިއަދު އިންޓަވިއު ދެއްވަނީ..

އީގަލްހިލްސް އިން އެހެން ގައުމުތަކުގައި ހިންގި މަޝްރޫއުތަކުގައި ބަލާފައި ވާނީ އެ ގައުމެއްގެ ރައްޔިތުންގެ ބައިވެރިވުން ވީހާ ވެސް ބޮޑުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހުރިހާ ކޮންޓްރެކްޓަރުންނަކީ ވެސް އެގައުމެއްގެ މީހުން، ހުރިހާ ސަޕްލަޔަރުންނަކީ ވެސް އެ ގައުމެއްގެ މީހުން، ހުރިހާ އާކިޓެކްޓުންނަކީ ވެސް އެ ގައުމުގެ މީހުން،" އަލްއައްބާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީގަލްހިލްސް އިން އެގޮތަށް މަޝްރޫއު ހިންގަނީ ވަރަށް ސާފު ސާދާ ސަބަބަކާ ހެދި އެވެ. އެއީ އޭނާ ވިދާޅުވިގޮތުގައި އެ ގައުމެއްގެ މާހައުލާއި ތިމާވެށީގެ މައްސަލަތައް ފަދަ އެންމެހާ ކަންތައްތައް އެނގޭނީ އެ ގައުމެއްގެ ރައްޔިތުންނަށް ކަމަށް ވާތީ އެވެ. 

އީގަލްހިލްސް އިން ޕްރޮޕަޓީތައް ހިންގާ އެކި ގައުމުތަކުގެ ނަންތައް ފާހަގަކުރައްވަމުން އަލްއައްބާރު ވިދާޅުވީ އެއިން ކޮންމެ ގައުމެއްގައި ވެސް އެ ކުންފުނީގެ މުވައްޒަފުންގެ 100 ޕަސެންޓަކީ އެ ގައުމެއްގެ ރައްޔިތުން ކަމަށެވެ. 

ރަސްމާލޭގައި ހިންގާ މަޝްރޫއުގައި ދިވެހިންގެ ބައިވެރިވުން އޮންނާނީ ވަޒީފާ އާއި ކޮންޓްރެކްޓްތަކާއި ސަޕްލައި ކުރުމާ ހިސާބުގައި އެކަނި ނޫން ކަމަށާއި ދިވެހި ވިޔަފާރިވެރިންނަށް އެ މަޝްރޫއުގައި އިންވެސްޓްކުރެވޭނެ ކަމަށް ވެސް އަލްއައްބާރު ވިދާޅުވި އެވެ. 

އެ މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިން އިންވެސްޓްކުރަން އެދިވަޑައިގަންނަވަނީ އީގަލްހިލްސްއަށް ރައުސްމާލް ބޭނުންވާތީ ނޫން ކަަމަށާއި އެކަމަކު އެއީ އެކަމުގެ ފައިދާގައި ދިވެހި ވިޔަފާރިވެރިން ބައިވެރިކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ބައިވެރިވާން އެދޭ ކޮންމެ ބަޔަކަށް ވެސް މަރުހަބާ. އަޅުގަނޑުމެން ރައުސްމާލެއް ބޭނުމެއް ނޫން. އެކަމަކު އަޅުގަނޑުމެން މި މަޝްރޫއު ހިންގަން ފެށީމާ ވިޔަފާރިވެރިން ހިތަށް އަރާނެ މި މީހުން ބޮޑު އާމްދަނީއެއް އެބަ ހޯދައޭ. އަހަރެމެންނަށް އޮތީ ކޯޗެއްހޭ، [ދިވެހިން ވެސް] ބައިވެރިވެވަޑައިގަންނަވާ. އަޅުގަނޑުމެންގެ ވެބްސައިޓްގައި މިހާރު ވެސް ވާނީ ހުޅުވާލާފައި،" އަލައްބާރު ވިދާޅުވި އެވެ.

އެންމެންގެ ބައިވެރިވުން އޮތް މަޝްރޫއަކަށް އެ މަޝްރޫއު ހެދޭނީ އޭރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21 ގަ އެވެ. 

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން މިދިޔަ މަހުގެ 21 ގައި ސޮއިކުރަނީ.---ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން މިދިޔަ މަހުގެ 21 ގައި ސޮއިކުރަނީ.---ފޮޓޯ: ހައުސިން މިނިސްޓްރީ

އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓް ކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.

އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ. 

ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި މި ރަސްމާލެ މަޝްރޫއުގައި ބައިވެރިވާނެ އެވެ. 

ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސް ގުޅިގެން ނެރެފައިވާ ބަޔާނުގައި ވެ އެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ އީގަލް ހިލްސްއި އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަށް ރަސްމާލޭގެ ބިޔަ ޕްރޮޖެކްޓުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށެވެ. 

"..."އީގަލް ހިލްސްއާ އެކު ވެވުނު މި ތާރީީ ކޮމާޝަލް ޓާމްސް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމް. މިއީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި، އަދި ޓެކްސް އިނާޔަތްތަކެއް ނުދީ، 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ދިވެހިރާއްޖޭގެ އިގްތިސާދަށް ވައްދައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ މަޝްރޫއެއް،" ހައުސިން މިނިސްޓަރު ދރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައި ވެ އެވެ.