ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި ގައުމުގެ އިގްތިސާދު ވަރުގަދަވެ، މިނިވަންކަން ދެމެހެއްޓުމުގެ ގާބިލުކަން އިތުރުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގައި ތަރައްގީކުރާ ވޯޓާފްރަންޓް އަދި މެރީނާ ބިޔަ މަޝްރޫއަށް ނުސީދާކޮށް އިޝާރާތް ކުރައްވައި، 'އެކްސް' ގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވި ގައުމުތަކުގެ ތެރެއިން ތަރައްގީގެ މަގުގައި ކުރިއެރުން ހޯދާފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، އެ ފުރުސަތުތަކުގެ ބޭނުން ހިފި ގައުމުތައް ކަމަށެވެ.

ނަމަވެސް، އެފަދަ އިންވެސްޓްމަންޓްތަކަކީ ހަމައެކަނި ގުދުރަތީ ވަސީލަތްތައް ނެގުމަށް އަމާޒު ކުރެވޭ ކަންކަމަށް ވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެ ވަސީލަތްތައް ބޭނުންކޮށްގެން އާ އުފެއްދުންތައް އުފައްދައި، އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިވާންޖެހޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ، އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ފޯރާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި، އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، މިނިވަންކަން ދެމެހެއްޓުމުގެ ގާބިލުކަން އިތުރުވެ، ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ މަގާމެއް ކަށަވަރުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ނަޝީދު ގެންދަވަނީ މި މަޝްރޫއުއަށް ފާޅުގައި ތާއީދު ކުރައްވަމުންނެވެ.

މިގޮތުން، މި މަޝްރޫއު އިއުލާން ކުރުމާއެކު އެކަމަށް މަރުހަބާ ވިދާޅުވެ، ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީ ކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ނަޝީދު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ސިޔާސީ ގޮތުން ގެއްލުންވާނެ ކަމެއް ކަމަށާއި އީގަލް ހިލްސް ފަދަ ބޮޑެތި އިންވެސްޓަރުންނާއި ޔޫއޭއީ ފަދަ ގައުމުތަކާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް ވެސް އެ މަނިކުފާނު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.