މަޝްރޫއެއް ހިންގުމަކީ އީގަލް ހިލްސްގެ ޗެއާމަން، މުހައްމަދު އަލައްބާރު ވިދާޅުވި ގޮތުގައި އޭނާއަށް އާ ކަމެއް ނޫނެވެ؛ މާލެ ކައިރިން މިހާރު ހިއްކަމުން އަންނަ ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން އުފައްދާ ކަންބޮޑުވުންތަކަށް އަލްއައްބާރު ދެއްކެވީ 29 އަހަރު ހިންގެވި 450 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކެވެ. ދެން އެދިވަޑައިގަތީ ކޮންމެ މީހަކު ވެސް އިންޓަނެޓުން، އޭނާ ޗެއާމަންގެ ގޮތުގައި ހުންނެވި ދެ ކުންފުނީގެ ޓްރެކް ރެކޯޑު އަމިއްލަ އަށް ބެލުމަށެވެ. 

ރާއްޖެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ދެއްވި ޖަވާބުގައި ތަކުރާރުކުރެއްވީ އޭނާގެ ފެށުމާއި މިހާ ހިސާބަށް އާދެވުނު ގޮތް ފެންނަން އޮތް ކަމެވެ. މިހާތަނަށް 20 ގައުމެއްގައި މަސައްކަތް ކުރަމުން އަންނަނީ އަލްއައްބާރު ވިދާޅުވި ގޮތުގައި، އެ ގައުމުތަކުގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމް ކޮށްގެންނެވެ. 

"އެހެންވީމާ އަޅުގަނޑަށް އިތުބާރުކުރޭ. މީގެ ކުރިން ވެސް އަޅުގަނޑު މިކަން ކޮށްފިން،" ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

"އަޅުގަނޑު ރާއްޖެއަށް އައިސް މިބުނަނީ، އަޅުގަނޑާ ވާހަކަ ދައްކަން ބޭނުންވާ ކޮންމެ މީހަކާ ވެސް ވާހަކަ ދައްކާނަމޭ، ސަބަބަކީ އަޅުގަނޑުގެ ފޮރުވާނެ އެއްވެސް ކަމެއް ނެތް."

އެހެން ގައުމުތަކުގައި ހިންގާފައިވާ މަޝްރޫއުތަކުގެ ތަޖުރިބާގެ ވާހަކަ ދައްކަވަމުން އަލްއައްބާރު ވިދާޅުވީ، ރާއްޖޭގެ މަޝްރޫއު ވެސް އޭނާގެ އުއްމީދަކީ ކުންފުނީގެ ގާބިލްކަން ހުރި ވަރުން 12 މަސް ތެރޭގައި އަމަލީ މަސައްކަތް ފެށުމެވެ. 

ރަސްމާލެގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެެއްވުމަށް ފަހު ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު ސަލާމްކުރައްވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލެގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެެއްވުމަށް ފަހު ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު ސަލާމްކުރައްވަނީ. ފޮޓޯ: ހައުސިން މިނިސްޓްރީ

އިދިކޮޅު ފަރާތްތަކާއި މި މަޝްރޫއާ މެދު ސުވާލު އުފައްދާ ފަރާތްތަކުގެ އެންމެ ބޮޑު ތުހުމަތަކީ 99 އަހަރުގެ ރެޒިޑެންސީ ޕްރޮގްރާމްގެ ސަބަބުން ބިދޭސީ ގެތައް ގަނެ، އެ މީހުން ވަޒަންވެރިވެދާނެ ކަމުގެ ބިރެވެ. 

އެކަމަކު އަލްއައްބާރު ވިދާޅުވީ ކޮންސެޕްޓަކީ އެހެން ގައުމުތަކުގައި ދިރިއުޅޭ މީހުން ދެ ވަނަ ގެއެއް ހޯދުމެވެ. އޭނާ އެދިވަޑައިގަންނަވަނީ މިއީ ދިރިއުޅުން އާރާސްތުކުރާ ތަނެއް ނޫން ކަން ވިސްނެވުމަށެވެ.  

"[ރާއްޖޭގެ މަޝްރޫއުން ވެސް އުފައްދަނީ] މިއީ ސެކަންޑް ހޯމްއެއް." އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ވަޒީފާތައް އުފެއްދިން، މުޖުތަމައުތަކުން އެ މީހުންގެ ސިޓީތަކާ މެދު ފަހުރުވެރިވާ ފަދަ ކަންކަން ކުރިން، އެއީ ޔޫރަޕްގައި ކަމަށް ވިޔަސް، މިސްރުގައި، ޕާކިސްތާނުގައި، ބަހްރެއިންގައި، މޮރޮކޯގައި ކަމަށް ވިޔަސް މިއީ ސޯޝަލް މީޑިއާގެ ޒަމާން، ހުރިހާ ކަމެއް އޮތީ ހާމައަށް ފެންނަން، ފޮރުވާނެ ކަމެއް ނެތް،"

ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން އަލްއައްބާރު ދެއްކެވި މިސާލު ތަކަކީ ޔޫއޭއީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮވެގެން ޕަބްލިކް ކުންފުންޏެއްގެ ގޮތުގައި ހިންގާ އިމާރްގެ މަޝްރޫއުތަކެވެ. 

މިސްރާއި ބަހްރެއިނާއި މޮރޮކޯ އާއި ޕާކިސްތާނު އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ގޭޓެޑް ކޮމިއުނިޓީތަކާއި ލަގްޒަރީ ރިސޯޓްތައް ހިންގަނީ އީގަލް ހިލްސް އަކުން ނޫނެވެ. އެއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހިއްސާގެ ބާޒާރުގައި ލިސްޓް ކޮށްފައިވާ ޕަބްލިކް ކުންފުންޏެއް ކަމަށްވާ އިމާރުން ހިންގާ ތަންތަނެވެ. 

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން ސޮއިކުރަނީ.---ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސް އާއި ދިވެހި ސަރުކާރުން ސޮއިކުރަނީ.---ފޮޓޯ: ހައުސިން މިނިސްޓްރީ

އެކަމަކު އިމާރާއި އީގަލް ހިލްސް ގުޅޭ ހިސާބަކީ މުޅިން ވަކި ދެ ގޮތަކަށް ވަކިން ހިންގާ އެ ދެ ކުންފުނީގެ ވެސް ޗެއާމަނަކީ މުހައްމަދު އަލައްބާރު ކަމަށް ވުމެވެ. އިމާރަކީ އޭނާ 1997 ވަނަ އަހަރު އުފައްދަވައި އޭގެ ފަހުން އާއްމު ހިއްސާދާރުންނަަށް ހުޅުވާލައި ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށްފައިވާ ކުންފުންޏެކެވެ. އޭޝިއާގެ އިތުރުން އެފްރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް ޕްރޮޕަޓީ ހިންގަނީ އެކުންފުނިންނެވެ.

އީގަލް ހިލްސްއަކީ އަލްއައްބާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި 2014 ވަނަ އަަހަރު ރަޖިސްޓްރީ ކޮށްފައިވާ ކުންފުންްޏެކެވެ. ވަކިވަކި މި ދެ ކުންފުނި ގުޅިގެން ބައެއް މަސައްކަތްތައް ކުރާ އިރު ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި ހިންގަން އުޅޭ މަޝްރޫއު އިއުލާން ކުރީ ވެސް އެ ދެ ކުންފުނި ގުޅިގެން ކުރާނެ މަސައްކަތެއްގެ ގޮތުގަ އެވެ. 

ރަސްމާލޭގައި ހިންގަން ކޮމާޝަލް ޓާމްސް އެގްރިމެންޓެއްގައި މިހާރު ސޮއިކޮށްފައިވާ އެ މަަޝްރޫއުން ރާއްޖޭގެ އާއްމު ވިޔަފާރިވެރިންނަށް ކުރާނެ ފައިދާގެ މިސާލުތަކުގެ ގޮތުގައި އެކި ގައުމުތަކުގައި އިމާރުން ހިންގާ ތަންތަން އަލްއައްބާރު ދެއްކެވީ އެހެންވެ އެވެ. 

މަރާސީ ބިނާކުރީ ލޯބިން، މަގްސަދަކީ ވިޔަފާރީގައި މުޖުތަަމައު ބައިވެރިކުރުން

އިންޓަވިއުގައި އަލްއައްބާރު ތަކުރާރުކޮށް ވިދާޅުވީ އެ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މަޝްރޫއެއް ހިންގުމުގެ މަގުސަދަކީ އޭނާގެ ވިޔަފާރީގައި މުޖުުތަމައު ބައިވެރިކުރުން ކަމަށެވެ. ވިޔަފާރީގައި ހޭދަކުރެއްވި 29 އަހަރު ދުވަހުގެ ތެރޭގައި ބޮޑު އާމްދަނީއެއް ލިބުނުކަން ފަހުރުވެރިކަމާ އެކު ފާހަގަކުރައްވައި އޭނާ ވިދާޅުވީ "ހަގީގަތުގައި އިތުރު އިންވެސްޓްމެންޓްގެ ބޭނުމެއް ނެތް" ކަމަށެވެ.

"އަޅުގަނޑުގެ ހަޔާތުގައި އިތުރު ޕްރޮޖެކްޓްތަކެއް ހަގީގަތުގައި ބޭނުމެއް ނުވޭ. [އިމާރް] ކުންފުނި ފެށީއްސުރެ ގާތްގަނޑަކަށް 450 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް އަޅުގަނޑު ހިންގައިފިން،" އޭނާ ވިދާޅުވި އެވެ.

އަލްއައްބާރު ވިދާޅުވާ ގޮތުގައި އެހެން ބައެއް ގައުމުތަކުގައި އިމާރުން ހިންގި ބައެއް މަޝްރޫއުތައް ފަދައިން ރާއްޖޭގައި އީގަލް ހިލްސް އިން މަސައްކަތް ކުރާނީ މުޖުތަމައުގެ ބައިވެރިވުން ވަރަށް ބޮޑަށް އޮންނަ ގޮތަށެވެ. އެކަން އޮންނަ ގޮތް ސިފަކޮށްދެއްވަން އޭނާ އަނެއްކާ ވެސް ދެއްކެވީ އިމާރުން މިސްރުގައި ރަޖިސްޓްރީކޮށް، އާއްމު ހިއްސާދާރުންނަށް ހުޅުވާލައިގެން ހިންގާ "އިމާރް މިސްރު"ގެ މަރާސީ އެވެ. 

އޭނާ ސިފަކުރެއްވި ގޮތުގައި އެތަން އޭނާ ބިނާކުރީ "ލޯތްބާއެކު" އެވެ. 

މިސްރުގެ އުތުރުގައި މެޑިޓަރޭނިއަން ކަނޑުގެ އައްސޭރީގައިވާ މަރާސީގައި ޑިޒައިން މަރުހަލާ އިން ފެށިގެން ހުރިހާ ކަމެއް ވެސް ކުރީ އަލްއައްބާރު ވިދާޅުވި ގޮތުގައި މިސްރުގެ މީހުންނެވެ. އެ ތަނުގައި އެ ގައުމުގެ ގާތްގަނޑަކަށް 15،000 މީހުން ވަޒީފާ އަދާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

"އެތަން ޑިޒައިންކުރީ އެ ގައުމުގެ މީހުން. މިސްރުގައި، އަޅުގަނޑުގެ މުވައްޒަފުންނަކީ 100 ޕަސެންޓް މިސްރު މީހުން. އެތަން އިމާރާތްކުރީ ލޯކަލް ކޮންޓްރެކްޓަރުން. އަޅުގަނޑުމެން ތަކެތި ގަންނަނީ ލޯކަލް ސަޕްލަޔަރުންގެ އަތުން. އަޅުގަނޑުމެންގެ ހުރިހާ އިންޖިނިއަރުންނާއި ހުރިހާ މުވައްޒަފުންނަކީ ލޯކަލް މީހުން. އެކަމާ އަޅުގަނޑު ވަރަށް ފަޚުރުވެރިވަން. އަދި އަޅުގަނޑު ހީކުރަނީ ރާއްޖޭގައި ވެސް އަޅުގަނޑުމެން ކުރަން ބޭނުންވަނީ ހަމަ އެކަން ކަމަށް،" އަލައްބާރު ވިދާޅުވި އެވެ.

އަލްއައްބާރު މިދިޔަ ހަފުގައި "މިހާރު" އާ ވާހަކަ ދައްކަވަނީ.
އަލްއައްބާރު މިދިޔަ ހަފުގައި "މިހާރު" އާ ވާހަކަ ދައްކަވަނީ.

މަރާސީ ޕްރޮޖެކްޓުން ވެސް ވަރަށް ބައިވަރު ފިލާވަޅު ދަސްވިކަން ފާހަގަކުރައްވައި ވިދާޅުވީ ރާއްޖޭގައި މަޝްރޫއު ހިންގާނީ މާރަނގަޅަށް ކަމަށެވެ. 

"ދުބާއީގެ މިސާލެއް އަޅުގަނޑު ދޭނަން. އަޅުގަނޑު ހަނދާންވޭ ދުބާއީގައި އަޅުގަނޑުމެން ފެށިއިރު އެނގޭތޯ، ހަމައެކަނި ދެ ގެ ހެދޭވަރުގެ ކޮންޓްރެކްޓަރުން އަޅުގަނޑުމެންގެ ތިބީ. ދެން އެ މީހުން 100 ގެ ހެދި. ދެން އެ މީހުން 200 ގެ ހެދި. ދެން ހަތަރު ބުރީގެ އިމާރާތްތައް ހަދަން ފެށި. މިހާރު އެމީހުން 60 ބުރީގެ އިމާރާތްތައް އެބަ ހަދާ،" އަލައްބާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޝްރޫއު ހިންގާ ގައުމެއްގެ ރައްޔިތުން އެގޮތަށް ބައިވެރިކުރަން އެދިވަޑައިގަންނަވާ ވަރަށް ޒާތީ ސަބަބެއް އޮވެ އެވެ. އެއީ ކުޑަކުއްޖެއްގެ ގޮތުގައި އުޅުއްވި ފަގީރު ދިރިއުޅުމަށް ފަހު ލިބިވަޑައިގެންނެވި ތަނަވަސްކަމުގައި އެހެން މީހުން ބައިވެރިކުރުމެވެ.

"[ކުޑައިރު] އަޅުގަނޑަކީ ފަގީރެއް، ބޭނުންވީ ފައިސާކޮޅެއް ހޯދައިގެން އާއިލާ ބަލަހައްޓަން،" 

މަގުސަދަކީ ލިބުނު ތަނަވަސްކަމުގައި އެހެން މީހުން ބައިވެރިކުރުން ކަމަަށް ވަންޏާ ސީދާ ގޮތެއްގައި އޭނާއަށް ނުވަތަ އީގަލް ހިލްސްއަށް ބޮޑު ފައިދާއެއް ހޯދާކަށް ނުޖެހޭނެ ކަމަށް ކުރިމަތިވާނެ ފާޑުކިއުމަށް ވެސް އޭނާ ރައްދު ދެއްވީ އިންޓަވިއުގެ ފަހުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި އޭނާ ވިދާޅުވި ގޮތުގައި އޭނާގެ ކުންފުންޏަށް ފައިސާ ހޯދަން ޖެހެނީ މުޖުތަމައަށް ފައިދާ ކުރާ އެފަދަ އެހެން އެތައް މަޝްރޫއުތައް ހިންގަން ޖެހޭނެތީ އެވެ.

ކުދި ވިޔަފާރިތަކުގެ ބައިވެރިވުން އޮންނާނީ ކިހިނެއް؟

އަލައްބާރު ވިދާޅުވި ގޮތުގައި ރަސްމާލޭގައި ހިންގަން ރާވާފައިވާ މަޝްރޫއު ކާމިޔާބުވެ، ވޯޓާ ފްރޮންޓް އެންޑް މެރީނާ ގާއިމްވާ ހިސާބުން އެތަނުގައި ވިޔަފާރިކުރަން ފުރުސަތު ދޭނީ މިސްރުގެ މަރާސީ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް އިމާރުން އެކަން ކުރި ގޮތަށެވެ. 

"އެނގޭތޯ މަރާސީގައި ހިންގާ ލޯކަލް ބައެއް ފިހާރަތައް [އަޅައިދީފައި ވެސް އެހެރީ އަޅުގަނޑުމެން] މިސާލަކަށް ތިޔަބޭފުޅުންގެ ފިހާރައެއް، ނުވަތަ ރަނގަޅު ރެސްޓޯރަންޓެއް އެބަހުރި، އެކަމަކު [އާ] ފިހާރަ ހަދާނެ ފައިސާއެއް ނެތް. އެހާލަތުގައި އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ފިހާރަ ހަދައިދެން. އަދި ފައިސާ ލިބުމުން، ފަހުން އަޅުގަނޑުމެންނަށް އަނބުރާ ދައްކާ ގޮތަށް،" އައްބާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަރާސީގައި މިސްރުގެ ކުދި ވިޔަފާރިވެރިން ހިންގާ ގިނަ ތަންތަނަކީ އެގޮތަށް ތަރައްގީކޮށްފައިވާ ތަންތަނެވެ. އެކަމަކު އެގޮތަށް ކަންތައް ކުރުމުގެ ބަދަލުގައި ބައިނަލްއަގުވާމީ ބްރޭންޑްތަކުން މަރާސީ ފުރާލުމުގެ ފުރުސަތު ވެސް އިމާރަށް އޮތް ކަމަށް ވެސް ވިދާޅުވި އެވެ

"ބައިނަލްއަގުވާމީ ބްރޭންޑެއްވެސް އަޅުގަނޑަށް ގެނެވިދާނެ. އެކަމަކު އަޅުގަނޑު ބޭނުންވަނީ އެ ރަނގަޅު ލޯކަލް ރެސްޓޯރެންޓް ހިންގަން، އޭނާ އަމިއްލައަށް ވަޒީފާތައް އުފައްދާތަން ފެންނަން، އޭނާ ފައިސާ ހޯދާތަން ފެންނަން،" އޭނާ ވިދާޅުވި އެވެ.

އިމާރުގެ މޮޑެލްގައި ކުދި ވިޔަފާރިވެރިން ބާރުވެރިވާ ގޮތުގެ މިސާލު އަލްއައްބާރު ދެއްކެވީ އަމިއްލަ ގައުމުންނެވެ. ޔޫއޭއީގެ ވިޔަފާރީގެ މަރުކަޒީރަށް ދުބާއީގެ ކުދިކުދި ބައެއް ކޮންސްޓްރަކްޝަން ކުންފުނިތައް ކުރިއަރައި ދިޔައީ އޭނާ ސިފަކުރެއްވި ގޮތުގައި އެގޮތަށް ދިން ފުރުސަތުގެ ސަބަބުންނެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: ރަސްމާލޭގައި ބިޔަ މަޝްރޫއުތަކެއް ހިންގުމަށްޓަކައި ޔޫއޭއީގެ އީގަލް ހިލްސް އިން މިހާރު ވަނީ ލީސް ރައިޓްސް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައި.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: ރަސްމާލޭގައި ބިޔަ މަޝްރޫއުތަކެއް ހިންގުމަށްޓަކައި ޔޫއޭއީގެ އީގަލް ހިލްސް އިން މިހާރު ވަނީ ލީސް ރައިޓްސް ގަންނަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައި.

ރަސްމާލޭގައި މެރީނާ މަޝްރޫއު ހިންގަން އީގަލްހިލްސް އަށް 500 ހެކްޓަރުގެ ބިން ދޫކުރާތީ ރާއްޖޭގެ އިދިކޮޅު ބައެއް ލީޑަރުންނާއި އާއްމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މަޝްރޫއު ހިންގަން އެ ކުންފުންޏާ އެކު ސަރުކާރުން ފުރަތަމަ ސޮއިކުރި އެއްބަސްވުމުގައި އޮތީ ކޮންކަމެއް ކަން ނޭނގުމަަކީ އެއް ކަންބޮޑުވުމެވެ. 

އަލައްބާރުގެ ވާހަކައިން ދޭހަވި ގޮތުގައި އީގަލް ހިލްސް އާއި ސަރުކާރަށް އޮތް އެންމެ ފަސޭހަ ގޮތަކީ މައުލޫމާތު ހާމަކޮށްގެން ކުރިއަށް ގެންދިއުމެވެ. 

"މިއަދު ދުނިޔެއަކީ ވަރަށް ހާމަކަން ބޮޑު ތަނެއްކަން ހަނދާންކުރަން ޖެހޭ، ވިހި ގައުމެއްގައި، ޚާއްސަކޮށް ޔޫރަޕްގައި މަސައްކަތްކުރާއިރު، ހުރިހާ ވަގުތެއްގައިވެސް މީހުން ތިބޭނީ [އަޅުގަނޑުމެން ކުރާ ކަންތައްތަކަށް ]ވަރަށް ބޮޑަށް ފާރަވެރިކޮށް. އަދި އިންޓަނެޓް އޮތީ ހުޅުވިފައި، ސޯޝަލް މީޑިއާ އޮތީ ހުޅުވިފައި، ފޮރުވިގެން އެއްގޮތަކަށް ވެސް ނޫޅެވޭނެ،" އަލްއައްބާރު ވިދާޅުވި އެވެ.