ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި އެ ގަރާރަށް ކުރި ބަހުސްގެ ތެރެއިން ނަޝީދު ވިދާޅުވީ އެ މަނިކުފާނު ހުންނެވީ އެ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ނޫން ނަމަވެސް ބައެއް ބޭފުޅުން އެ މަނިކުފާނުގެ ނަން ގެންނެވުމުން އެ މައުލޫއަށް އެއްޗެއް ދަންނަވަން ޖެހުނީ ކަމަށެވެ.
"މިހާރު އަޅުގަނޑު ވިދާޅުވި ކަމަށް އެއްޗެއް ބުނުއްވާ ކަމަށް ވަނީ ވިއްޔާ އަޅުގަނޑަށް ޖެހޭ އެބަ އެއްޗެއް ދަންނަވަން. އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން [އަހާ] 100 އަހަރު ވީމާ ކިހިނެއްތޯ ވާނީ؟ އަޅުގަނޑު އަޑު އަހާފައި އޮތް ގޮތުގައި، އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން... ހޯރަފުއްޓަށް މީގެ 300 އަހަރު ކުރީގައި އައި ތިން ނާ. އޭގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ، އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް ހޯރަފުށީ ދާއިރާގެ ރައީސް [ސަލީމް] ތިއީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ އާއިލާއެއްގެ ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ."
ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ ޖަލްސާގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް ބޭރު ގައުމުތަކުން އައިސް ރާއްޖޭގައި ވަޒަންވެރިވެގެން އުފެދިފައި އޮތް އާބާދީއެއްގެ "ފަހުރުވެރި ދިވެހި ދަރިން" ކަމަށެވެ.
މިރޭގެ ބަހުސްގައި ބައެއް މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް ކަމަކީ އީގަލް ހިލްސްއަށް ރަސްމާލެ 99 އަހަރަށް ދޭއިރު، އެ މުއްދަތު ހަމަވުމުން ދެން ސަރުކާރުން އަމަލުކުރާނެ ގޮތަކާ މެދުގަ އެވެ.
އަދި ރަސްމާލޭގެ މަޝްރޫއުގެ ދަށުން، އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވައި، ޒަޔަނިސްޓުންނަށް އެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް ބައެއް މެންބަރުން ބަހުސްގެ ތެރެއިން ފާހަގަކުރެއްވި އެވެ.
އެކަމާ ވެސް ނަޝީދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި، "ސާބިތު ނުހިފޭ" ގޮތަށް މުސްތަގުބަލުގައި ވާން އޮތް ކަމެއްގެ ވާހަކަ ނުދެއްކުމަށް ތަކުރާރުކޮށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް މި ގަރާރު ހުށަހެޅުމާ އެކު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.
ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީން ފެންނަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށި، ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން ކަމަށާއި އެއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން ކަމަށެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެފައިވަނިކޮށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މެންބަރުން އެދެން ފެށުމުން ޗެއާޕާސަން ނަޝީދު ވަނީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުވުން ރަނގަޅު ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ.
އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމާއި އެގޮތުގައި ކުރިއަށް ދާން ނަޝީދު އެދިވަޑައިގެންފައިވެ އެވެ. އެ ސްޓޭންޑާ އިދިކޮޅުވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުތައް ނުބެހެއްޓުމަށް އިންޒާރު ވެސް ދެއްވި އެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ.
އެ ގަރާރުގައި ނުވަ ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލަން ހިމަނާފައިވެ އެވެ.