ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބަލަން އާންމު ވޯޓަކަށް ދިޔުމަށާއި އެކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ސީދާ ހަރަކާތަށް ނުކުންނަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރު މިރޭ ފާސްކޮށްފި އެވެ.

އެ ގަރާރު ފާސްކުރީ މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ ތާއީދާ އެކުގަ އެވެ. މިރޭ ބައްދަލުވުން ފެށީ ކޯރަމް ހަމަނުވެގެން އިރުކޮޅަކު މަޑުކުރުމަށް ފަހުގަ އެވެ. 

އެ ގަރާރަށް ގައުމީ މަޖިލީހުގެ މެމްބަރުން ކުރެއްވި ބަހުސްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ ރަސްމާލެއަކީ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ބޯހިޔާވަހިކަމަށް ހިއްކި ތަނެއް ކަމަށާއި އެތަން ކުއްލިއަކަށް ބޭރުގެ ބަޔަކަށް ވިއްކާލާ އަޑުއިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ސަރުކާރަށް އެ މަޝްރޫއު އިން ހިއްސާއެއް ނުލިބޭ ކަމަށާއި ބިން ދެނީ ހިލޭ ކަމަށް އަޑުއިވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން ވިސްނަން ޖެހޭ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ 99 އަހަރަށް އެ އޮންނަ އޮތުން އިތުރުވެގެންދާ ދިއުން. 99 އަހަރާ ހިސާބަށް ނިމިފައި އޮންނަ އެއްޗެއް ނަމަ، މީގައި އެއްވެސް މައްސަލައެއް ނެތް، މިހާރު ވެސް ރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީގައި އެގޮތަށް ޖާގަ އެބަ ލިބޭ،" ފައްޔާޒު ވިދާޅުވި އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފައްޔާޒު ވިދާޅުވީ ރަސްމާލޭގެ ބިން ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް ފަހު ދާއިމަށް އިތުރުކުރެވޭ ގޮތަށް އޮންނަ ނަމަ، އެއީ ކޮންމެ ރައްޔިތަކު ވެސް އެކަމާ މެދުގައި ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް ކަމަށެވެ. ސަރުކާރުން އެފަދަ ނިންމުމެއް ނިންމަން ވާނީ ރިފަރެންޑަމް ވޯޓަކާ އެކު ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށާއި ރައްޔިތުން އެގޮތަށް ތާއިދުކޮށްފި ނަމަ، އެއަކު އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"އޭގެ ބަދަލުގައި މުސްލިމު ސުންނީ ޖަމާއަތުގެ މުސްލިމުންނަށް ބިން އެތަނުން ވިއްކާ ސިޓިޒަންޝިޕް ދޭ ނަމަ ވެސް އަޅުގަނޑުގެ މައްސަލައެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ. 

އެމްޑީޕީގެ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރަސްމާލެ މަޝްރޫއުގެ މުޅި މަޝްރޫއަކީ ވެސް ބޮޑު އޮޅުވާލުމެއް ކަމަށެވެ. ރަސްމާލޭގެ ނަން ދިން ކުރީގެ ފުޅިދިއްގަރުފަޅު ހިއްކަން ސަރުކާރުން ހަރަދުކުރަމުންދިޔަ ގޮތް ވެސް އޮޅުވާލި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަސްމާލެ ހިއްކީ ދައުލަތުގެ ފައިސާއިން 800 މިލިއަނެއްހާ ޑޮލަރު ހަރަދުކޮށްގެން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ކަމަށްވީ ނަމަވެސް، މިހާރު މި އިވެނީ ބޭރުގެ ބަޔަކަށް އެ އަގުބޮޑު ބިން ހިލޭ ދޭން އުޅޭ އަޑުތައް ކަމަށް ޝާހިދު ވިދާޅުވި އެވެ. 

"ސަރުކާރުން މިކަން ކުރަމުން ގެންދާ ގޮތުން އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ފިތުނައަށް ޖާގަ ލިބިގެން ދިއުން. އަޅުގަނޑުމެންގެ ގާތް ގައުމުތަކާ ދޭތެރޭގައި މީހުންގެ ހިތުގައި ނަފުރަތު އުފެދިގެން ދިއުން،" ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ ސަރުކާރުން މިހާރުން މިހާރަށް ކުރަންވީ ކަމަކީ އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި ހުރިހާ އެއްޗެއް އާންމުންނަށް ސާފުކޮށްދީ، އެ އެއްބަސްވުން އާންމުކުރުން ކަމަށެވެ. 

ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތަކާއި ބޭރު ގައުމުތަކާ ވެސް އެ ޕާޓީން ދެކޮޅު ނޫން ކަމަށެވެ. އެ ޕާޓީން ދެކޮޅު ހަދަނީ ދެފުށް ނުފެންނަ ގޮތަށް ހަދާ އެއްބަސްވުންތަކާ ކަމަށް ގިނަ މެމްބަރުން ވިދާޅުވި އެވެ. 

ގަރާރުގައި ބުނަނީ ކީކޭ؟

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުތުމަށް ގައުމީ މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު އެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު އެވެ. 

އެ ގަރާރުގައި ނުވަ ކަމަކަށް ސަރުކާރަށް ގޮވާލަން ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ރަސްމާލެ މަޝްރޫއުއާ ގުޅޭ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި އެ މަޝްރޫއު އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލަން ހިމަނާފައިވެ އެވެ. 

  • ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިއަށް މަޝްރޫއު އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރަސްމާލެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް ކަމެއް ނުކުރުން. 
  • މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތެއް ބެލުމަށް ނަގާ ވޯޓެއްގައި ރައްޔިތުން ހިޔާރުކުރާ ގޮތަކަށް އަމަލުކުރުން. 
  • މަޝްރޫއާ ގުޅިގެން އެމްޑީޕީން ސަރުކާރަށް ފާރަވެރިވެ ޖަވާބުދާރީވުން
  • އެމްޑީޕީގެ މަޖިލިސް މެންބަރުން މެދުވެރިކޮށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކުރުން.
  • އީގަލް ހިލްސްއާ އެކު އޮތް މުއާމަލާތުގެ ނުރައްކާތަކާ މެދު ޕާޓީ އިސްވެ އޮވެ ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ރާވައި ހިންގުން.
  • އެ ކަންކަމަށް ސަރުކާރުން އިޖާބަ ނުދޭ ނަމަ ޕާޓީ އިސްވެ އޮވެ ސީދާ ހަރަކާތަށް ނުކުތުން. 
  •  އެމްޑީޕީން ހިންގާ ހަރަކާތްތަކާ ގުޅުމަށް އެދޭ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި ވަކިވަކި ފަރުދުންނާ ގުޅިގެން މަސައްކަތްކުރުން.  
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޑީޕީގެ ގައުމީ މަޖިލީހުން މި ގަރާރު ފާސްކުރިއިރު، ޕާޓީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި މިއަދު ޕޯސްޓެއް ކުރައްވައިފަ އެވެ. 

ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީން ފެންނަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށި، ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން ކަމަށާއި އެއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން ކަމަށެވެ. 

ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެފައިވަނިކޮށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މެންބަރުން އެދެން ފެށުމުން ޗެއާޕާސަން ނަޝީދު ވަނީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުވުން ރަނގަޅު ނޫން ކަމަށް ވެސް ވިދާޅުވެފަ އެވެ. 

އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމާއި އެގޮތުގައި ކުރިއަށް ދާން ނަޝީދު އެދިވަޑައިގެންފައިވެ އެވެ. އެ ސްޓޭންޑާ އިދިކޮޅުވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުތައް ނުބެހެއްޓުމަށް އިންޒާރު ވެސް ދެއްވި އެވެ. 

ނަޝީދުގެ އެ މެސެޖާ ގުޅިގެން ބައެެއް ބޭފުޅުން ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މި މަޝްރޫއުއަށް ދީލައިގެން އެމްޑީޕީ އޮވެގެން ނުވާނެ އެވެ. އަދި އެކަމާ ދެކޮޅު ހަދަން އެމްޑީޕީން މަސައްކަތް ކުރަން ޖެހޭނެ އެވެ.