ތަރައްގީއާ ގުޅޭ ކަންކަމުގައި ބަސް ބުނަން ވާނީ އެކުވެރި ގައުމުތަކާ މޫނު ނުކެނޑޭ ގޮތަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުއާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން މިރޭ ސްޓޭންޑެއް ކަނޑައަޅަން ގައުމީ މަޖިލިސް ބާއްވަން ނިންމާފައިވަނިކޮށް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކުވެރި ގައުމުތައް ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަކީ މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށެވެ.
"...ތަޖުރިބާއިން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވަނީ، އެކުވެރި ގައުމުތަކާއި އަޅުގަނޑުމެންގެ ޒަމާންވީ ތަރައްގީގެ ބައިވެރިން ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ދެމުމަކީ ގައުމީ މަސްލަހަތު އޮތް ކަމެއް ނޫން ކަން. އެ ގައުމުތަކާ އެކު އޮންނަ ގުޅުންތަކަކީ ޕާޓީ ސިޔާސަތަށްވުރެ މަތީގައި ބާއްވަންޖެހޭ ގުޅުންތަކެއް،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން ފާޑުކިޔުން އޮންނަންވާނީ ސަރުކާރަށް ކަމަށާއި ދެކޮޅު ހަދަން ޖެހޭނީ ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކާއި އަޑިއަޑިން ހިންގާ ނޭއްގާނީ މުއާމަލާތްތަކަށާއި އަދި ގައުމީ މަސްލަހަތަށް ގެއްލުންވާ ސިޔާސަތުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޮޅު ހަދަނީ ސަރުކާރުގެ ތެރޭގައި އޮތް ކޮރަޕްޝަނަށާއި، ސިޔާސަތުތަކަށް ތަކުރާރުކޮށް ގެންނަ ކުއްލި ބަދަލުތަކަށާއި، އަދި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ހިލާފުވުމަށް. އެހެން ގައުމުތަކާ އެކު އޮތް އަޅުގަނޑުމެންގެ ޒަމާންވީ ރަހުމަތްތެރިކަމަށް އެއްވެސް ބުރުލެއް ނާރާނެހެން، ގައުމީ މަސްލަހަތުގައި މި ކަންކަމުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު މިހެން ވިދާޅުވިއިރު، ރަސްމާލެ މަޝްރޫއުއާ ދެކޮޅު ހަދަން ފާސްކުރަން ގަރާރެއް މިރޭ ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމާފައިވެ އެވެ. އަދި، އެކަމަށް ގައުމީ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ތާއިދުކުރާ ކަމަށް ވެސް އެނގިފައިވެ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވީ އެއް އިރެެއްގައި އެމްޑީޕީ އަކީ ހުޅުވާލުމުގެ ސިޔާސަތާއި ތަފާތުފިކުރުތަކުގެ މީހުންނާ އެކު ސުލްހަވެރިކަމުގައި އުޅުމާއި ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުން ކަމަށާއި އެ ޕާޓީއަށް އެންމެ ފުރަތަމަ ތާއީދުކުރި މީހުން ތާއީދުކުރީ އެ އުސޫލުތަކަށް ކަމަށެވެ.
"މިހާރު މި ފެންނަނީ ބޭރުމީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށީ ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން. މިއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން މީހުންގެ އިހުސާސްތަކާ ކުޅުމަކީ އިންތިހާބުތައް ކާމިޔާބުކުރެވޭނެ ގޮތެއް ކަމަށް ގަބޫލުކުރާ މީހުން އެމްޑީޕީގައި މިހާރު ދަނީ ގިނަވަމުންނެވެ. އެ ސްޓެރެޓެޖީއަކީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދަމަހައްޓަން ވޯޓް ދެމުން އަންނަ ތަފާތު ސަގާފަތްތަކާއި މިނިވަންހިޔާލުގެ މީހުން ނިކަމެތިވާނެ ސްޓްރެޓެޖީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސިޔާސީގޮތުން ކުރުމުއްދަތުގައި ލިބެން އޮތް ފައިދާއަކަށްޓަކައި އެގޮތަށް ކަންތައް ކުރުމުން ޕާޓީ ބަލިކަށިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.