ބޭރުމީހުންނަށް ނަފުރަތުކުރުމާއި ހަރުކަށި ވަތަނީ ވިސްނުންތައް އެމްޑީޕީން ބަލައިގަންނަތަން އެބަ ފެންނަ ކަމަށާއި އެ ފަދަ ވިސްނުންތަކަކީ އެމްޑީޕީ އުފެއްދި ފަލްސަފާއާ ހިލާފު ވިސްނުންތަކެއް ކަަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެއް އިރެެއްގައި އެމްޑީޕީ އަކީ ހުޅުވާލުމުގެ ސިޔާސަތާއި ތަފާތުފިކުރުތަކުގެ މީހުންނާ އެކު ސުލްހަވެރިކަމުގައި އުޅުމާއި ޑިމޮކްރެޓިކް ރިފޯމްގެ ޗެމްޕިއަނުން ކަމަށާއި އެ ޕާޓީއަށް އެންމެ ފުރަތަމަ ތާއީދުކުރި މީހުން ތާއީދުކުރީ އެ އުސޫލުތަކަށް ކަމަށެވެ.
"މިހާރު މި ފެންނަނީ ބޭރުމީހުންނަށް ނަފުރަތު ކުރުމުގެ ވިސްނުމާއި ހަރުކަށީ ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންތައްތައް އަޅުގަނޑުމެން ކުރިއަށް ވުރެ ބޮޑަށް ބަލައިގަންނަމުންދާ ތަން. މިއީ އެމްޑީޕީ އުފެއްދި އުސޫލުތަކާއި ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ދޫކޮށްލުން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން މީހުންގެ އިހުސާސްތަކާ ކުޅުމަކީ އިންތިހާބުތައް ކާމިޔާބުކުރެވޭނެ ގޮތެއް ކަމަށް ގަބޫލުކުރާ މީހުން އެމްޑީޕީގައި މިހާރު ދަނީ ގިނަވަމުންނެވެ. އެ ސްޓެރެޓެޖީއަކީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދަމަހައްޓަން ވޯޓް ދެމުން އަންނަ ތަފާތު ސަގާފަތްތަކާއި މިނިވަންހިޔާލުގެ މީހުން ނިކަމެތިވާނެ ސްޓްރެޓެޖީއެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ސިޔާސީގޮތުން ކުރުމުއްދަތުގައި ލިބެން އޮތް ފައިދާއަކަށްޓަކައި އެގޮތަށް ކަންތައް ކުރުމުން ޕާޓީ ބަލިކަށިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީން އެޕާޓީގެ އަސްލު އުސޫލުތައް ކުރިއެރުވުމުން ސިޔާސީ ގޮތުން ވީ ފައިދާގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ގެންނެވީ އެޕާޓީން ކުރިން ގެންގުޅުުނު ޝިއާރެކެވެ. "ބިރަކާ ނުލައި މަޖާކުރުން" މި ޝިއާރު ބޭނުންކުރަން ފެށުމުން ޕާޓީއާ ދުރަށް ބަޔަކު ނުދާ ކަމަށާއި އޭގެ ބަދަލުގައި އެޕާޓީއަށް އިތުރު ވިއްސަކަށް ހާސް ވޯޓު ލިބުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއާ ހިލާފަށް، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރުމާއި ޒަޔަނިސްޓުން ރާއްޖޭގެ މައްޗަށް ވެރިވަމުންދާ ކަމަށް ބުނުން ފަދަ ވުޖޫދުގައި ނެތް ނެރޭޓިވްތައް ކުރިއެރުވުމުން ޕާޓީގެ އިތުބާރު ބޮޑެެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ވަކި ކަމެއްގެ ނަން ވިދާޅު ނުވި ނަމަވެސް އެ މަނިކުފާނު އިޝާރާތްކުރެއްވީ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ"ގެ ނަމުގައި މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏަކާ ހަވާލުކުރަން އުޅޭތީ އެކަަމާ ދެކޮޅު ހަދާ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކަށް ކަމަށް ބެލެވެ އެވެ. އެ މަޝްރޫއުއާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ގެންދަނީ ވާހަކަ ދައްކަމުންނެވެ.
އެއީ ބިންގަލެއް ނެތް ވާހަކައެއް ކަމަށް ސިފަކުރައްވައި ނަޝީދު އެދިވަޑައިގަތީ އެމްޑީޕީއަށް ގެއްލުންވާ ފަދަ ފިކުރުތައް އެ ޕާޓީގެ ތެރެއަށް އަޔަނުދޭން، ޕާޓީގެ އުސޫލުތައް ހިފަހައްޓައި މެންބަރުން މަސައްކަތް ކޮށްދިނުމަށެވެ.