އެމްޑީޕީ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން މަގުޗާޓު ތަންފީޒު ކުރުމުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މުގައްރިރަކަށް ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހަމަޖައްސައިފި އެވެ. 

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ޕާޓީ އަށް އިސްލާހީ ބަދަލުތަކެއް ގެންނަން މަގުޗާޓެއް މަސައްކަތް ކުރަން އޭރު އެ ޕާޓީން ނިންމި އެވެ. 

ފައްޔާޒުގެ ޗެއާޕާސަން ކަމުގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވާލައިފަ އެވެ. އެ މަގުޗާޓުގެ މަސައްކަތް ނިންމައި، އެކަންކަން ތަންފީޒު ކުރަން ކޮމިޓީއެއް އެކުލަވާލައި، އޭގެ މުގައްރިރަކަށް ފައްޔާޒު އައްޔަންކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. 

އެމްޑީޕީން އަލަށް އެކުލަވާލި ކޮމިޓީގައި ފައްޔާޒުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ އިމްތިޔާޒް ފަހްމީ އާއި މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަދި ޔާސިރު އަބްދުލްލަތީފް ހިމެނެ އެވެ. 

އޭގެ އިތުރުން އެމްޑީޕީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދާއި މާލީ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ އާއި ލީގަލް ޑައިރެކްޓަރު މައުރޫފް އަހުމަދު އަދި ކުރީގެ ލީގަލް ޑިރެކްޓަރު މަހުފޫޒް ސައީދު ވެސް ކޮމިޓީގައި ހިމެނެ އެވެ. 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންނެވި ފަހުން އެ ޕާޓީގެ އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނެސް އާ ކޮމިޓީތައް އެކުލަވާލައްވަމުން ގެންދަވަ އެވެ. "ބޮޑު ބަދަލު"ގެ ނަމުގައި އާ އޮފީހެއް ވެސް މިފަހުން ވަނީ އުފައްދައިފަ އެވެ. 

ކުރީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބެއްލެވުމުގެ ދަށުން ހިންގާ އެ އޮފީހަކީ ނަޝީދާއި ފައްޔާޒު ހުށަހަޅުއްވާފައިވާ ސިޔާސަތުތަކަށް ޕާޓީގެ ތާއިދު ހޯދައި، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތަށް އުފެއްދި އޮފީހެކެވެ.