އެމްޑީޕީގެ ތެރޭގައި ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައި ވަނިކޮށް، އިއްޔެ ބޭއްވި ގައުމީ މަޖިލީހުގެ އިންތިހާބުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ތާއީދާ އެކު ނުކުތް "ޓީމު އެމްޑީޕީ"ގެ މައްޗަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދާއި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލްގެ "ބޮޑު ބަދަލު" ޓީމުން ކުރި ހޯދައިފި އެވެ.

މާލެ އާއި ރަށްރަށުގައި ބޭއްވި އިންތިހާބުގައި މާލޭގެ ގިނަ ގޮނޑިތަކާ އެކު އިންތިހާބުގެ މެޖޯރިޓީ ހޯދީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ޓީމުންނެވެ. 

އިބޫ ތާއީދު ކުރެއްވި "ޓީމު އެމްޑީޕީ" އަކީ 2028 ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އޭނާގެ ރަނިންމޭޓް މާލޭ މޭޔަރު އާދަމް އާޒިމް ވެސް ތާއީދު ކުރެއްވި ކެންޑިޑޭޓުންނެވެ. 

ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މުހިންމު ގިނަ ގޮނޑިތަކެއް ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ. މުޅި މާލެ ސިޓީގެ ތަމްސީލުކުރާ 16 ގޮނޑީގެ ތެރެއިން 11 ގޮނޑި އެ ޓީމުން ކާމިޔާބުކުރިއިރު، އިބޫގެ ޓީމަށް ކާމިޔާބުވީ އެންމެ ހަތަރު ގޮނޑި އެވެ.  

މާލޭގެ އިތުރުން އެހެން ސިޓީތަކުގެ ގިނަ ގޮނޑިތަކާއި އަތޮޅު އަދި ރަށްތަކުން ވެސް ގިނަ ގޮނޑި ކާމިޔާބުކުރީ "ބޮޑު ބަދަލު" ޓީމުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ނުކުންނަ ކެންޑިޑޭޓުންގެ ކެމްޕެއިން ބައްދަލުވުމެއްގައި ކުރީގެ ރައީސް އިބޫ، ފައިސަލާއި އާޒިމާ އެކު ބައިވެރިވެވަޑައިގަންނަވަނީ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ނުކުންނަ ކެންޑިޑޭޓުންގެ ކެމްޕެއިން ބައްދަލުވުމެއްގައި ކުރީގެ ރައީސް އިބޫ، ފައިސަލާއި އާޒިމާ އެކު ބައިވެރިވެވަޑައިގަންނަވަނީ.

ގައުމީ މަޖިލީހާ އެކު ކުރިއަށް ގެންދިޔަ އަންހެނުންގެ ރޫހާއި ޒުވާނުންގެ ވިންގުގެ ބޮޑު ބައެއް ވެސް ކާމިޔާބުކުރީ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޓީމުންނެވެ. އެގޮތުން އިބޫގެ ތާއީދު އޮތް "ޓީމް އެމްޑީޕީ" ގެ އަރްޝަމް އަބްދުﷲއާ ވާދަކޮށް ޔޫތު ވިންގްގެ ރައީސް ކަމަށް އިންތިހާބުވީ ނަޝީދާއި ފައްޔާޒުގެ "ބޮޑު ބަދަލު" ގެ އައިކް އަހުމަދު އީސާ އެވެ. އެ ވިންގުގެ ފަސް ގޮނޑީގެ ތެރެއިން ހަތަރު ގޮނޑި ކާމިޔާބުކުރީ ވެސް "ބޮޑު ބަދަލު" ޓީމުންނެވެ. 

އަންހެނުންގެ ރޫހްގެ ރައީސް ކަމަށް އިންތިހާބުވީ "ބޮޑު ބަދަލު ޓީމް" ގެ ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ. އޭނާ ވާދަކުރީ "ޓީމް އެމްޑީޕީ" އިން މަރިޔަމް އީމާ ޝަފީގެވެ.

އަންހެނުންގެ ރޫހްގެ ފަސް ގޮނޑީގެ ތެރެއިން ތިން ގޮނޑި ބޮޑު ބަދަލު ޓީމުން ކާމިޔާބުކުރިއިރު އަނެއް ދެ ގޮނޑި ލިބުނީ ޓީމު އެމްޑީޕީގެ ކެންޑިޑޭޓުންނަށެވެ. 

"ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއާ ގުޅިގެން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވީ އިންތިހާބުގައި އެ ޓީމުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދައިދިނީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ. 

"މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ހާމަކޮށްދިން ނަތީޖާއެއް. ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް. އިރާދުކުރެއްވިއްޔާ އެމްޑީޕީ އެކުގައި ނުކުމެ އަޅުގަނޑުމެން މި ގައުމަށް އަނެއްކާވެސް ހެޔޮ ބޮޑުބަދަލެއް ގެންނާނަން،" ފައްޔާޒު ވިދާޅުވި އެވެ. 

މި އިންތިހާބުގައި ނަޝީދު ތާއީދު ކުރެއްވި "ބޮޑު ބަދަލު ޓީމު" އިން މާލޭގެ ގިނަ ގޮނޑިތައް ކާމިޔާބުކުރީ އެ މަނިކުފާނާ އަރިސް ބޭފުޅުންނެވެ. އެމްޑީޕީގެ 2023ގެ ރިޔާސީ ޓިކެޓާ ހެދި ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމުގައި އުފެއްދި ޕާޓީ، ޑިމޮކްރެޓްސް އަށް ބަދަލުވުމަށް ފަހު އެނބުރި އެމްޑީޕީއަށް ވަޑައިގެންނެވި ބޭފުޅުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. 

ނަޝީދުގެ ޓީމުން ކުރިން ތުހުމަތު ކޮށްފައިވާ ގޮތުގައި، އޭރު ރިޔާސީ ޕްރައިމަރީ އިބޫ ކާމިޔާބު ކުރެއްވީ، ނަޝީދަށް ތާއީދު ކުރައްވާ ގިނަ މެމްބަރުންތަކެއް އެމްޑީޕީން ވަކިކުރުމަށް ފަހު އެވެ. 

"ބޮޑު ބަަދަލު" އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ގެންނަން ނަޝީދާއި ފައްޔާޒު ފެނިވަޑައިގެން އެ ދެބޭފުޅުން އިސްވެ ހިންގަވާ ކެމްޕެއިނެއްގެ ނަމެކެވެ.