ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުަހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު އިއުލާނު ކުރެއްވި ނިޒާމަކީ ބަރުލަމާނީ ނިޒާމެއް ނޫން ކަމަށާއި އެއީ "މަސްހުނި ނިޒާމެއް" ކަމަށް ފައްޔާޒް ވިދާޅުވެއްޖެ އެވެ.

"ބޮޑު ބަދަލު" ގެ ނަމުގައި އެ ދެ ބޭފުޅުން ބޭއްވެވި ޕްރެސް ބްރީފިންގައި ފައްޔާޒް ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން އެ ނިޒާމުގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ އެންމެ އިސްވެރިޔާ އަކީ ވަކި ދެ މަގާމެކެވެ. 

އެގޮތަށް ހުށަހެޅުއްވުމުން، އެއީ ބަރުލަމާނީ ނިޒާމްތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ ވޯޓަކުން ސަރުކާރުގެ އިސްވެރިޔާ އިންތިހާބު ކުރުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ނޫން ކަަމަށެވެ. އަދި ރާއްޖޭގައި މިހާރު އޮތް ނިޒާމަކީ ވެސް މަސްހުނި ކަންތައްތަކެއް ހުރި ނިޒާމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ. 

ފައްޔާޒު މިއަދު ޕްރެޒެންޓޭޝަން ހުށަހަޅުއްވާއިރު ނަޝީދު އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފައްޔާޒު މިއަދު ޕްރެޒެންޓޭޝަން ހުށަހަޅުއްވާއިރު ނަޝީދު އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އަދިވެސް އަޅުގަނޑުމެން މި ގެންދަނީ [މަސައްކަތް ކުރަން މި އުޅެނީ] އެ މަސްހުނި ކޮށްގެން އިނގޭތޯ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ވަކި ނިޒާމެއް އެއީ މިހާރު އަޅުގަނޑުމެންނަށް މި ތަޖުރިބާ ކުރެވުނު އިރުގައި ދިވެހިރާއްޖެ އަށް އެންމެ ސޫޓަބުލްއެއް ހަަމަ ނޫނޭ. އަޅުގަނޑުމެން މި ޖެހެނީ އަޅުގަނޑުމެންގެ އަމިއްލަ ގޮތްތަކެއް އޭގެ ތެރެއަށް ގެންނަން،" ފައްޔާޒް ވިދާޅުވި އެވެ.

 ރާއްޖެއަށް ގެންނަން މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމު ނޫންކަން އިތުރަށް ސާބިތުކޮށް ދެއްވަން ފައްޔާޒް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފަޔަކީ ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުން ކަމަށެވެ. 

"އެ އެއް ނޫން އަޅުގަނޑުމެން މި ހުށަހަޅާ ހުށަހެޅުމަކީ،" ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެންނަން އުޅުއްވާ ބަަދަލަކީ މިހާރު އޮތް ރައީސްގެ މަގާމަކީ ސަރުކާރުގެ ވެރިޔާ ކަމަށް ބޭއްވުމަށް ފަހު، ދައުލަތުގެ ވެރިއަކަށް އެހެން ބޭފުޅަކު އިންތިހާބު ކުރުމެވެ. އަދި ސަރުކާރުގެ ވެރިޔާގެ މަގާމުގެ ނަން ރައީސްގެ ބަދަލުގައި އެހެން ނަމެއް ދެވިދާނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ އަށް ނަން ކިޔަންވީ، ރަންނަބަނޑޭރިކިލެގެފާނު ވެސް ކިއިދާނެ، ދޮށިމޭނާ ވެސް ކިއިދާނެ، ޗާންސެލާ ވެސް ކިއިދާނެ، ޕްރައިމް މިނިސްޓަރު ވެސް ކިއިދާނެ،" އޭނާ ވިދާޅުވި އެވެެ. 

ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި ބައެއް ބަދަލުތައް

  1. ސަރުކާރުގެ ވެރިޔާގެ އިތުރުން ދައުލަތުގެ ވެރިއަކު ހުރުން
  2. ސަރުކާރުގެ ވެރިޔާއަކީ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމަކަށް ހެދުމާއި ދައުލަތުގެ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައް ބައިވެރިވެގެން ނަގާ ވޯޓަކުން ހޮވާ ފަރާތަކަށް ހެދުން
  3. ދައުލަތުގެ ވެރިޔާ މަގާމުން ވަކިކުރާ ނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން
  4. މަޖިލީހުގެ ކޮމްޕޮޒިޝަން ބަދަލުކޮށް، މެންބަރުންގެ އަދަދު ކޮންޓްރޯލްކުރުން
  5. ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިކުރުން
  6. ފަނޑިޔާރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ހެދުން
  7. ދައުލަތުގެ މާލިއްޔަތަށް އަސަރުތައް ކުރާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ގޮތަށް ބަދަލުކުރުން

އެ ބަދަލުތަކުގެ އިތުރުން ވެސް ގެންނަވަން ގިނަ ބަދަލުތަކެއް ފައްޔާޒް މިއަދު ހުށަހެޅުއްވި އެވެ. އޭގެ ފަހުން ނަޝީދު ވިދާޅުވީ ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ހޮވުމަށް ތާއީދު ކުރައްވާނެ ކަމަށާއި އަދި ދައުލަތުގެ ވެރިއަކަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި ބަދަލުތައް ގެނައުމަށްޓަކައި އަޅުގަނޑު ތާއީދު ކުރަން. ފައްޔާޒް އިސްމާއީލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލުމަށް، އަދި އަޅުގަނޑު ހަމަ އެއާ އެކުގައި މަސައްކަތް ކުރާނީ ފުރަތަމަ ކަމަކަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެއްބަސްވުމާއި އެ މީހުންގެ ބަލައިގަތުން މި ބަދަލުތަަކަށް ހޯދުމަށް. އެހެންވީމާ އަޅުގަނޑު ގަސްދު ކޮށްފިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލާން،" ނަޝީދު ވިދާޅުވި އެވެ.

މިއަދުގެ މީޑިއާ ބްރީފިންގައި ނަޝީދު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު
މިއަދުގެ މީޑިއާ ބްރީފިންގައި ނަޝީދު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.--- ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދު ހުށަހެޅުއްވި ބަދަލުތަކަކީ 2028 ވަނަ އަހަރުގެ ފަހުން ގެންނަންޖެހޭ ބަދަލެެއް ނޫން ކަަަމަށާއި އަދި އެކަމުގައި މި ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވާ ކަަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި މަޝްވަރާކޮށްގެން އެ ބަދަލުތައް މިހާރުން މިހާރަަށް ގެންނަން ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.