އެ އުޅެނީ ދައުލަތް ހުއްޓުވާލަން، ސަމާލުވާން އެބަޖެހޭ: ނިހާން

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެ އިން ދިވެހި ދައުލަތް ހުއްޓުވާލަން ކަމަށާއި މިއީ ރައްޔިތުން ސަމާލުވެ، އަދި ކުށްވެރި ކުރަން ޖެހޭ ކަމެއް ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މި ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީއޭ ހަރުގޭގައި ޕީޕީއެމުން މި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ވިލިމާފަންނު ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު އުޅެނީ "ވަޒީރުންގެ އަދަދު ގާނޫނު އަސާސީގައި ވަކި އަދަދަކަށް ލިޔެފައި ނެތީމައި، ދިހަ ބާރަ ވަރަކަށް މެމްބަރުން ލައްވައި ސޮއި ކުރުވައިގެން ޖެއްސުން ކުރުމަށް" ކަމަށެވެ.

ނިހާން މިހެން ވިދާޅުވި އިރު، އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ވަކި ކުރެވޭނީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ އިމްޕީޗްމެންޓް ވޯޓަކުން އެކަނި ކަމަށާއި ސިޔާސީ ބޭނުމެއްގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓު [ވޯޓް އޮފް ނޯ ކޮންފިޑެންސް] އަކުން ވަޒީރުން ވަކި ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދިފަ އެވެ.

މިރޭ ޕީޕީއެމް ކޯލިޝަނުން ބައިވެރިވި ޖަލްސާގައި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޮޓޯ: ހުސެން ވަހީދު

ގާނޫނުއަސާސީގެ 101 ވަނަ މާއްދާ މިހާރު އޮތް ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ 10 މެމްބަރަކު ސޮއި ކުރައްވައި ހުށަހަޅުއްވާ ހުށަހެޅުއްވުން، މަޖިލީހުން ފާސްވެއްޖެ ނަމަ އެ ވަޒީރަކު މަގާމުން ވަކިވާނެ އެވެ. ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ ވަކި ސަބަބުތަކެއް އޮވެގެން ކަމަކަށް އެ މާއްދާގައި ބުނެފައެއް ނެތެވެ.

ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ކޯލިޝަން މެމްބަރުންނާއެކު 51 މެމްބަރުން އެބަތިބި ކަމަށާއި ﷲގެ އިރާދަފުޅުން މަޖިލީހުގެ ތަޅުމުގައި ޕީޕީއެމް ކޯލިޝަން ބަލި ނުކުރެވޭނެ ކަމަށެވެ. "ޖެއްސުން" ކުރުމުގެ ގޮތުން، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް "ޖަހަން އުޅުނު ސަކަރާތް" ވެސް ގާނޫނީ ހުދޫދުގެ ތެރެއިން ހައްލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިި އެވެ.

"ވަޒީރުންގެ އަދަދު ގާނޫނު އަސާސީގައި ވަކި ގޮތަކަށް ލިޔެފައި ނެތީމައި، ދިހަ ބާރަ ވަރަކަށް މެމްބަރުން ލައްވާ ސޮއި ކުރުވައިގެން، ޖެއްސުން ކުރުމަށް މި ނިކުންނަނީ. މިއީ ދިވެހި ރައްޔިތުންނަށް ވަރަށް މުހިއްމު ވަގުތުކޮޅަކަށް ވާން ޖެހޭ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނާ ގުޅިފައިވާ ފަރާތްތަކުގެ މަސައްކަތަކީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ސަރުކާރު ހުއްޓުވާލާ ޒާތުގެ ކަންކަން ކުރުމެވެ.

"ކުރިން ވެސް 42 މެމްބަރުން އެ ފެނިވަޑައިގަތީ އަޅުއްވަން ޖެހޭ ނަމްބަރު އައިނުގެ އެހެން ނަމްބަރެއް އަޅުއްވައިގެން. 24 ލިޔެފައި އިންދާ ފެނިގެން މި އުޅެނީ 42. ހަމަ އެކަހަލަ ގޮތެއް މި ފަހަރު ވެސް ވާނީ،" ނިހާން ވިދާޅުވި އެވެ.