އިދިކޮޅު ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބާއްވާ ގޮތަށް ހުށަހެޅުއްވީ ރިޔާސަތުގައި އިންނެވި ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދު އެ ހުށަހެޅުމަށް ގައުމީ މަޖިލީހުގައި ބަހުސް ކުރިއިރު ބައެއް މެންބަރުން އެކަމާ ހިޔާލު ތަފާތުވި އެވެ. އެއީ ގައުމީ މަޖިލީހުގެ ދައުރު ވެސް ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހަށް ހަމަވާތީ އެ އިންތިހާބަށް ފަހު، ގައުމީ މަޖިލިސް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންނެވެ.
ނަމަވެސް، ނަޝީދު ވިދާޅުވީ ގައުމީ މަޖިލީހުގެ އިންތިހާބުގެ ކުރިން ކޮންގްރެސް ބާއްވަން ބޭނުންފުޅު ވަނީ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވައިދަށް ބަދަލުތައް ގެންނަން ނިންމާފައިވާއިރު، އޭގެ ތެރޭގައި ގައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ވެސް އިސްލާހުތަކެއް ގެންނާނެތީ ކަމަށެވެ.
ނަޝީދު ހުށަހެޅުއްވި ގޮތަށް ކޮންގްރެސް އަންނަ މަހުގެ 25 ގައި ބާއްވަން ފާސްކުރީ ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.
ވޯޓަށް ފަހު ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު 19 ގައި ކޮންގްރެސް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެ ކޮންގްރެސް އަށް ފަހު ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން ގައުމީ މަޖިލީހުގެ އިންތިހާބު ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެމްޑީޕީން ކޮންގްރެސް އަށް ތައްޔާރުވަމުން އަންނައިރު، އެ ކޮންގްރެސްގައި އެންމެ ބޮޑު ކަމަކަށް އޮންނާނީ 2028 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއާ މެދު ގޮތެއް ނިންމުން ކަމަށް ބެލެވެ އެވެ. ލަފާކުރެވޭ ގޮތުގައި އެ ޕްރައިމަރީ އަންނަ އަހަރު ބާއްވާ ގޮތަށް ފާސްކުރާނެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ނަޝީދު ވެސް ވިދާޅުވެފައި ވެ އެވެ. ރިޔާސީ ޕްރައިމަރީގައި ޕާޓީގެ ޗެއާޕާސަނަށް ވާދަނުކުރެވޭނެ ގޮތް ހަދާނެ ކަމަށް ވެސް ބެލެވެ އެވެ.
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 19 ގައި ބާއްވާއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކޮންގްރެސް އަންނަ މަހުގެ 15-18 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.