ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ވެސް އޮންނަ އެމްޑީޕީގައި ދެ ފެކްޝަން އުފެދުނު ފަހުން ބޭއްވި އެތެރޭގެ ފުރަތަމަ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ރޭ ކާމިޔާބުކޮށްފި އެވެ.
އެމްޑީޕީގައި ދެ ފެކްޝަނެއް އުފެދުނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްްމަދު ސޯލިހާ ދެމެދު ހިޔާލު ތަފާތުވުން އުފެދުނު ހިސާބުންނެވެ. އޭގެ ފަހުން އެމްޑީޕީގެ އެތެރޭގައި ސިޔާސީ ހުރިހާ ހަރަކާތެއް ހެން ހިންގަނީ ދެ ފެކްޝަން ވަރަށް ބޮޑަށް ފާޅުވެގެންނެވެ.
އެ ދެ ފެކްޝަން އުފެދި، އެމްޑީޕީގެ ތެރޭގައި ސިޔާސީ އަރައިރުން ބޮޑުވި ފަހުން، ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފުރަތަމަ ބޭއްވީ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގެ އިންތިހާބެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބަށް ކެންޑިޑޭޓުން ނުކުތީ ދެ ރައީސުން ތާއީދުކުރައްވާ ބޭފުޅުން އެނގޭނެހެން ކަމަށެވެ. އެ އިންތިހާބަށް ކެމްޕެއިން ކުރީ ވެސް ހަމަ ފާޅުގައި އެގޮތަށް ކަަމަށް އޭނާ ވިދާޅުވި އެެވެ.
"އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ރައީސް ނޮމިނޭޓް ކުރެއްވި ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓުން:
1- އަހުމަދު ރިޝްވާން.
2- ފާތިމަތު އިނާޝާ.
3- ހުސައިން ރަޝީދު.
4- އިބްރާހީމް މުހައްމަދު ދީދީ.
5- އަހުމަދު މައުރޫފް.
6- ނައުޝާދު އަބްދުލް އަޒީޒް.
7- އަހުމަދު ނިޝާދު.
8- އަނަސް އަބްދުއްސައްތާރު.
9- އާދަމް މާހިރު.
ރޭގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސްގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވައި ނާކާމިޔާބުވި އަނަސް އަބްދުއްސައްތާރަށެވެ. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދާދި ފަހުން އައްޔަން ކުރެއްވި އަނަސް 77 ވޯޓް ހޯއްދެވި އެވެ.
ނަޝީދުގެ ތާއީދު އޮތް ކެންޑިޑޭޓުންގެ ތެރެއިން އެންްމެ ގިނަ ވޯޓު ހޯއްދެވި އަބްދުލް މަޖީދު ޝަމީމަށް ލިބުނީ 59 ވޯޓެވެ. ނަޝީދުގެ ކެންޑިޑޭޓުން ތެރެއިން އެންމެ ގިނަ ވޯޓު ލިބުނު އެ ކެންޑިޑޭޓަށް ވުރެ ހަތަރު ވޯޓު އިތުރަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑޭޓުންގެ ތެެރެއިން އެންމެ މަދުން ވޯޓު ލިބުނު ކެންޑިޑޭޓް ވެސް ވޯޓު ހޯއްދެވި އެވެ. ރައީސްގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ކުޑަ ތަފާތަކުން ހޮވުނު ނައުޝާދު އަބްދުލް އަޒީޒަށް 63 ވޯޓް ލިބުނެވެ.
ރައީސްގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި އަނަސް އާއި ނަޝީދުގެ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވި އަބްދުލް މަޖީދާ ދެމެދު 18 ވޯޓުގެ ފަރަގެއް އެބަ އޮތެވެ. މި ނަތީޖާ ރޭ ފެނުނު އިރު ރޭ ވޯޓްގައި ބައިވެރިވީ ގަައުމީ މަޖިލީހުގެ 148 މެމްބަރުންގެ ތެރެއިން 120 މެމްބަރުންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި އޮންނަ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ޕާޓީގެ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭ މެމްބަރުން އެ މައްސަލަ އިސްިތިއުނާފު ކުރަން އޮންނަ މަޖިލީހެކެވެ. އެ މަޖިލިސް ރޭ އިންތިހާބުކުރި އިރު ގައުމީ މަޖިލީހުގެ އިންތިހާބު މިހާރު އޮތީ އަންނަ މަަހަށް ތާވަލް ކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އެ އިންތިހާބަށް ވެސް ކެންޑިޑޭޓުން ނުކުތީ ދެ ރައީސުންގެ ދެ ފެކްޝަން ތަމްސީލުކުރާ ގޮތަށެވެ. އެ ކެމްޕޭން ވެސް ކުރަމުން އަންނަނީ ފާޅުގައި އެގޮތަށެވެ.