ކުރީގެ ރައީސް ނަޝީދު ދެ އަހަރު ފަހުން އެމްޑީޕީގެ ޕޯޑިއަމްގައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
23 ޖޫން 2025 - 21:48
ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން މިރޭ އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށްޓަކައި ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ޖަލްސާގައި ދެ އަހަރު ފަހުން އެމްޑީޕީގެ ރީނދޫ ޕޯޑިއަމްގައި ވަނީ އެ މަނިކުފާނުގެ "ސްޓައިލް" ގައި ޖޯޝާއި ފޯރީގައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެ ޖަލްސާ ބޭއްވީ ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ އެހެން ގިނަ މެމްބަރުންތަކެއް އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ކުލަގަދަކޮށް ފާހަގަކުރުމަށެވެ. ފޯރިގަދަ އެ ޖަލްސާގައި ނަޝީދުގެ އެންމެ އަރިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ކުރީގެ މެމްބަރުން ކަަމަށްވާ އީވާ އަބްދުﷲ އާއި އިލްޔާސް ލަބީބާއި އިމްތިޔާޒު ފަހުމީ އާއި ހަސަން ލަތީފު އަދި މުހައްމަދު ޝިފާޒު ހިމެނެ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން އެ މަނިކުފާނު ޕޯޑިއަމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ނަޝީދާ ދެ ބޭފުޅުންގެ މެދުގައި އުފެދުނު ސިޔާސީ އަރައިރުންތަކުގެ ސަބަބުންނެވެ.
ޕާޓީން އިސްތިއުފާ ދެއްވައި ޖޫން 21، 2023 ގައި އެމްޑީޕީއަށް އޭރު ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުން ގޮތުން ބަލައި އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމުން، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވީމެވެ،" ކަމަށެވެ.
އޭގެ ފަހުން ނަޝީދު އިސްވެހުންނަވާ ޑިމޮކްރެޓްސް އުފެއްދީ ޖުލައި 12، 2023 ގަ އެވެ. ނަމަވެސް، އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އިސްބޭފުޅުންތަކެއް މި އަހަރުގެ ކުރީކޮޅު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު، ޑިމޮކްރެޓްސް ޕާޓީއަށް އެމަނިކުފާނު ސޮއިކުރެއްވި ޖަލްސާގައި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ. އެ ޖަލްސާގައި އެމަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލައްވާނެ ކަމަށެވެ.
ނަމަވެސް، މި މަހުގެ 16 ވަނަ ދުވަހު ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ބައްދަލުކުރައްވައި، އަލުން އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިފަ އެވެ.
ނަޝީދާއި އިބޫ ވެސް ވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ނުކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.
އެމްޑީޕީން މިދިޔަ އޭޕްރީލް 12 ގައި ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް 15 އިގެ ކުރިން އެ ޕާޓީގެ ކޮންގްރެސް ބާއްވާށެވެ. ބެލެވޭ ގޮތުގައި އެއީ 2028 ގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކާ މެދު ގޮތެއް ކަނޑައަޅަން ބާއްވާ ކޮންގްރެސްއެކެވެ.
އިބޫއަށް މިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ނަޝީދު އާއެކު އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެމްޑީޕީ ބައިބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރެއްވިޔަސް، ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ގޮތުގައި އިލްޔާސް ލަބީބް ވާދަކުރައްވައި، ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ.
24 June 2025
އަޅުގަނޑުގެ ވޯޓް ގައިމުވެސް ނުދޭނަށް. މި ގައުމު އަނދަވަޅަށް ވައްޓާލުމުގެ ވޭސްތިރި އަކީ އެމްޑީޕީ. މިދިޔަ ނިމުނު ވެރިކަމުގަ ކަންތަށް ކުރިގޮތް އަދިވެސް ހަނދާނުގައި އެބަހުރި. ރަގަޅު އެކަކުވެސް ނާދޭ ވަރަށް ސަލާމް. ކެޔަސް ބުޔަސް އަދިވެސް ޔާމީންގެ ވަރުގެ މީހަކު ނާދޭ.
ސިޔާސީ ލައްގަނޑު
24 June 2025
އަންނި އިރެއްގައި ސިޔާސީ ގޮތުން ބުރަދަނެއް ހުއްޓަސް މިއަދު ދިވެހި ރައްޔިތުން ބަލައެއް ނުގަނޭ. މިހާރު ގޮތް ހުސްވެ އުނބަށް އެޖެހީ މާޒީގައި ހިނގި ހުރިހާ ކަމަކީ ނުވާކަމަކަށް ހަދާފަ. ވައްކަން ކުރާތީ ޕާޓީއާއި ފޭވި މީހާ މިހާރު އެހުރީ އެމީހުންގެ އުނގަށްއެރި. ރާއްޖެ ދަރުވާލީ އިބޫއޭ ބުނެ އެނބުރި އެހުރީ އެމްޑީޕީގެ ފައިބުޑަށް ވެއްޓި ސަލާންޖަހަން. ސަހަރޯ ސިޔާސީ ކަންކަމުގައި ހުރި ހުތުރު ސިފަ މިހިރަދަނީ އެންމެން ކުރިމަތީ ތަމްސީލްވަމުން. ސަހަރޯ ހީވޭ ހަމަ.
ބިޝާރާ
24 June 2025
މާޒީ ހަދާންކުރާތި ފިކުރު ހުސްވެފާވަމޭ…….. ޚިޔާދޭން އޮތީ މިލަވަ
ކުންނާރޭ
24 June 2025
ޝައުގު ވެރިކަމެއް މިހާރަކު ނެތް، ލައްކަ ދުވަހު ތި ދަޅަޔަށް ހެއްލުގެން އުޅެވިއްޖެ. ސިޔާސީން އުޅެނީ އެމީހުންގެ އަމިއްލަ އެދުމާ
އެމްޑީޕީ މީހެއް
23 June 2025
ރާއްޖޭގެ ކަނޑުކޮސް ސިޔާސީ މީހުން ކޮންމެ ގޮތަކަށް ވިސްނިޔަސް، އަހަރެން ގަބޫލްކުރާގޮތުގަ ނަޝީދު އެމްޑީޕީއަށް އައުމަކުން އެމްޑީޕީއަށް ލިބޭނެ އެއްވެސް ސިޔާސީ މަންފާއެއްނެތް. ސަބަބަކީ ކުރިން ނަޝީދު ކިތަންމެ ޕޮޕިއުލާރ ވިޔަސް، މިހާރު ނަޝީދަކީ ސިޔާސީގޮތުމް މާ އުރައްޕަތެއް ހުރި މީހެއްނޫން.
ބޭސޮރު
24 June 2025
މިހާރު އެއީ ސިޔާސީ ހައްފުނޑު.
ޝޮކްތެރަޕީ
23 June 2025
ކަތުރު ފަނި ވަރައް ގިނަ އެމްޑީޕީ ތެރޭގަ.
އ
23 June 2025
ނަޝީދަކީ ޑިމޮކްރަސީގެ ބައްޕަ އެކަމަކު ނަޝީދާ ޖެހުނީމައި އޮތީ ޑިމޮކްރަސީގެ ރަތް ރޮނގު ހުރަސްކޮށް ގޮސްފައި... ދެން ގޮތެއް ނެތީމައި އައިތާދޯ..... އަސްލު ޕާޓީގެ އާއްމު މެމްބަރުންނައް ނިހާޔަތައް ގެއްލުން.... ޖެހޭނެ މެމްބަރުން ކިބައިން މައާފައް އެދެން.. އޭރުން އެކުގައި ކުރިޔައް ދެވޭނީ...
އަސްލިތާރީޚް
24 June 2025
ނަޝީދެއް ނޫން ޑިމޮކްތެސީ މިތަނައްގެނައީ އޮޅުވާނުލާ އޭނަޔަކީ އެހެން މީހުން ކުރި މަސައްކަތުގެ ފޮނިކޮޅު ބޯލި މީހާ
ރަދީފްއޮފިޝަލް / ސ.ހިތަދޫ ފެންމުލި ސަރަހައްދުން
23 June 2025
މަރުހަބާ ނަޝީދު.
އުނބު
23 June 2025
އެމްޑީޕީގެ ލީޑަރޝިޕަށް ވަގަށް ގޮވައި އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތު ކުރުމަށްފަހު، އެމްޑީޕީން ވަކިވި ބޭފުޅުންނާއި އެކު ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑަިއގެންފި.
އޮނަރަބްލް އަފީފު ދީދީ
23 June 2025
ލާމަރުކަޒުކޮށް އިދާރީ ދާއިރާ ހިންގާ ވާހަކަ ދެއްކި ކަމުގައިވިޔަސް "ނަޝީދުގެ ވެެިކަމުގައި ވެސް އެކަން އެންމެ ރަނގަޅަށް ކޮށްފައިނުވާކަން" އެމްޑީޕީގެ އާންމު މެންބަރުންނަށްވެސް އިގޭނެ. އެކަން އެހެން ދިމާވާންޖެހުނީވެސް އެތައް ޒަމާނެއްވަންދެން "އެއްރަށް ދައުލަތް ސިޔާސަތުގެ ތެރޭގައި އުޅެ ބޮޑުވި ބޭފުޅުން ތަކެއް" ނަޝީދުގެ ކެބިނެޓްގައި ތިއްބަވައިގެން އެކަން ކަމަށް އެމީހުން ހުރަސް އެޅުމުންކަން އިގޭނެ އެތައް ބަޔަކު އޭރު އެމްޑީޕީ ގެ ތެރޭގައި ތިބި.