ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ 60 މެންބަރަކު އެދިގެން ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ރެ އެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން އަމަލުކުރާނެ ގޮތަކާ މެދު އެ ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވެފައިވެ އެވެ. މިކަމާ ގުޅިގެން ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މެންބަރުން އެދެން ފެށުމުން ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްއާ އެމްޑީޕީން ދެކޮޅުވުން ރަނގަޅު ނޫން ކަމަށް ވިދާޅުވެފަ އެވެ.
އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމާއި އެގޮތުގައި ކުރިއަށްދާން ނަޝީދު އެދިވަޑައިގެންފައިވެ އެވެ. އަދި، އެ ސްޓޭންޑާ އިދިކޮޅުވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުތައް ނުބެހެއްޓުމަށް އިންޒާރު ވެސް ކުރައްވާފައިވެ އެވެ.
ނަޝީދުގެ މި މެސެޖާ ގުޅިގެން ބައެެއް ބޭފުޅުން ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެ ބޭފުޅުން ދެކޭ ގޮތުގައި މި މަޝްރޫއުއަށް ދީލައިގެން އެމްޑީޕީ އޮވެގެން ނުވާނެ އެވެ. އަދި އެކަމާ ދެކޮޅު ހަދަން އެމްޑީޕީން މަސައްކަތް ކުރަން ޖެހޭނެ އެވެ.
އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް، އެ މަޝްރޫއުއާ ދެކޮޅަށް ނަޝީދު މަސައްކަތެއް ނުކުރައްވަ އެވެ. އަދި އެ މަޝްރޫއު ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މައްސަލައަކީ މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޝްރޫއުއާ މެދު ސުވާލު އުފައްދަވައި، އެމްޑީޕީގެ ސަރުކާރެއްގައި އެ މަޝްރޫއުއަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހަރަކާތެއް ފައްޓަވާފައިވާއިރު އެކަމުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެ އެވެ. ނަމަވެސް، އެމްޑީޕީން ރަސްމީކޮށް ހަރަކާތުގައި މިހާތަނަށް ބައިވެރިވެފައެއް ނުވެ އެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ވެސް އެ ޕާޓީން ތަރުހީބުދޭ ކަމަށެވެ. އެކަމަކު އީގަލް ހިލްސްގެ މުއާމަލާތާ މެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.