ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ދެންމެ ސޮއިކޮށްފި އެވެ.

އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓް ކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.

އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ. 

ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8 ބިލިއަން ޑޮލަރުގައި ހުރި އިރު، ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު އޭގެ ދެ ގުނައަށް ވުރެ ބޮޑެވެ. 

ހައުސިން މިނިސްޓްރީ އާއި ޔޫއޭއީގެ އީގަލްސް ހިލްސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ، ޔޫއޭއީގެ އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސް ކުންފުނިން ދިވެހި ސަރުކާރާ އެކު އެ އެއްބަސްވުމުގައި ސޮއިކުރީ މިއަދު ކަމަށެވެ.

އަބޫދާބީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުަހައްމަދު އަލައްބާރު އެވެ. އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރުމަށް ފަހު، ރާއްޖޭގެ ހައުސިން މިނިސްޓަރު މުއްތަލިބް (ކ) އާއި އީގަލް ހިލްސްގެ ޗެއާމަން މުަހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހައުސިން މިނިސްޓްރީ

ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި މި މަޝްރޫއުގައި ބައިވެރިވާނެ އެވެ. 

ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު މުއްތަލިބާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު.---ފޮޓޯ: ހައުސިން މިނިސްޓްރީ

މި މަންޒިލުން ދޫކުރާ ބިންތަކާއި އިމާރާތްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުންނެވެ.

ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން 99 އަހަރުގެ ލީސްހޯލްޑް މުއްދަތެއް ފަށާނެ އެވެ. މިއީ އިންވެސްޓަރުންނާއި ވެރިފަރާތްތަކަށް ޖީލުތަކަކަށް ދެމިގެންދާނެ ފަދަ ގާނޫނީ އަދި މާލީ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: ހައުސިން މިނިސްޓްރީ

އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.