"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ސޮއިކުރި އެއްބަސްވުމުގައި ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތް ފިޔަވައި އެހެން ބަޔަކަށް ލިބޭނެ ގޮތެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މީހަކު ކުރި ތުހުމަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަސްމާލެއިން ވިއްކާ ޕްރޮޕަޓީ ގަންނަ މީހާގެ މިލްކަކީ އޭނާ ގަންނަ ޕްރޮޕަޓީ ކަމަށާއި ބިން ނޫން ކަމަށެވެ. އަދި އެ ގޮތަށް ޕްރޮޕަޓީއެއް ގަންނަަ މީހަކު މަރުވުމުން އޭނާގެ ވާރިސުންނަަށް އެތަނެއް ދޫކުރާނީ ސަރުކާރުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހުގައި ކަމަށެވެ. އަދި ޕްރޮޕަޓީ ގަންނަ މީހާ މަރުވުމުން ވާރިސުންނަށް އެތަނެއްގެ މިލްކުވެރިކަން ބަދަލުވާނީ އެކަމަަށް ކަނޑައަޅާ ފީއެއް ސަރުކާރަށް ދެއްކުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ހަގީގަތާ ހިލާފު ވާހަކައެކެވެ. ރާއްޖޭގައި ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވެސް ވިއްކާ، ބަދަލުކޮށް، ވާރުތާ މުދާތަކެކެވެ،" އެކްސްގައި ކުރެއްވި ޕޯސްޓްގައި މުއްތަލިބު ވިދާޅުވި އެވެ. 

ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ ބޭރުމީހަކަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫންކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން، ވިސާ ދޫކުރާނީ މޯލްޑިވްސް އިމިގްރޭޝަނުން ކަމަށާއި އަދި ވިސާ ދޫކުރުމާއި ކެންސަލް ކުރުމުގެ ބާރު އޮންނާނީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން އެ އިދާރާއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

"ދިވެހި ދައުލަތަކީ ފަހުރުވެރި މިނިވަން ދައުލަތެކެވެ. ދިވެހި ދައުލަތް ތަނަވަސްވެ ތަރައްގީ ވަމުން ދިއުމަކީ އިސްތިގުލާލު ވަރުގަދަވެ، އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވެ އޮތުމަށް މުހިއްމު ކަމެކެވެ. ދިވެހި ދައުލަތް މުއްސަދިވުމަކީ ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވަން ބޭނުންވާ ފަރާތްތަކުން އެދޭނެ ކަމެއް ނޫނެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއާ ގުޅޭގޮތުން "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއްތަލިބު ވަނީ އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން އީގަލް ހިލްސްއިން ބޭނުން ބަޔަކަށް ވިއްކޭ ގޮތަށް އޮތް ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތައް ސާފުކޮށް ތަފްސީލްކޮށް ދެއްވައިފަ އެވެ.

މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި އެ އެއްބަސްވުމުގެ ދަށުން މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ އެވެ. 

"ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ. ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު، ސަރުކާރަށް ހުށަހަޅަން ޖެހޭނެ. އަދި ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި، އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވޭ،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެތަނުގެ ޕްރޮޕަޓީއެއް ގަތަސް، ރާއްޖޭގައި ހުރުމުގެ އެއްވެސް ހައްގެއް ލިބޭނީ ވިސާ ދިނުމުގައި އަމަލުކުރާ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާ އެއްގޮތަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.