ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކުރީ ޓެކްސް ލުޔެއް ދޭ ގޮތަށް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ

ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން އީގަލް ހިލްސްއާ އެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރީ މިއަދު އެވެ. 

ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސްއާ އެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ އަބޫދާބީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުަހައްމަދު އަލްއައްބާރެވެ.

"މި މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވެފައި ވަނީ އެއްވެސް ޓެކްސް ހޮލިޑޭއެއް ނުވަތަ ޓެކްސް އިސްތިސްނާއެއް ނުހިމެނޭ ގޮތަށް. ރަސްމާލޭގައި ހިންގޭ ހުރިހާ ހަރަކާތްތަކުން ޓެކްސް ނެގޭނީ ދިވެހިރާއްޖޭގެ އާންމު ގާނޫނުތަކުގެ ދަށުން،" މިނިސްޓަރު މުއްތަލިބް "މިހާރު" އަށް ވިދާޅުވި އެވެ. 

މީގެ އިތުރުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ދައްކާނީ ދިވެހިރާއްޖޭގައި ލައިސަންސް ދީފައިވާ ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތައް މެދުވެރިކޮށެވެ. އަދި ޔުނިޓްތައް ވިއްކައިގެން ލިބޭ ފައިސާގެ މުއާމަލާތްތައް ހިންގާނީ މިހާރު އެކުލަވާލައި ހުށަހަޅަން ތައްޔާރުވަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން، ރާއްޖޭގައި ބަލަހައްޓާ އެސްކްރޯ އެކައުންޓްތައް މެދުވެރިކޮށެވެ.

މީގެ ސަބަބުން މަޝްރޫއުގެ ފައިސާގެ ދައުރުވުން ދިވެހި ބޭންކިންގ ނިޒާމުގެ ތެރޭގައި ހިފެހެއްޓޭނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ. 

ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ލިބޭނެ އެވެ. އަދި ފުރަތަމަ އަދި ދެވަނަ މަރުހަލާގެ ކޮންމެ ރިއަލް އެސްޓޭޓް މުޢާމަލާތަކުން 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ލިބޭނެ އެވެ. ޓެކްސްގެ އާމްދަނީއާ އެކު، ދައުލަތުގެ ބަޖެޓަށް މި މަޝްރޫއުން ލިބޭނެ ކަމަށް ލަފާކުރެވޭ ޖުމްލަ އާމްދަނީ 11 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބިމުގެ މިލްކުވެރިކަން ދެމިއޮންނާނީ ދައުލަތުގެ ހައްގެއްގެ ގޮތުގަ އެވެ. ދޫކުރެވެނީ ކުލީގެ (ލީސްހޯލްޑް) ކޮންސެޝަނެކެވެ. މިއީ ގާނޫނު އަސާސީގެ އިމުގެ ތެރެއިން، ގާނޫނު އަސާސީއަށް އެއްވެސް އިސްލާހެއް ނުގެނެސް މިހާރުވެސް އޮތް ގާނޫނީ އިމުގެ ތެރޭގައި ކުރެވޭ ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.---ފޮޓޯ: ހައުސިން މިނިސްޓްރީ

އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.

ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8 ބިލިއަން ޑޮލަރުގައި ހުރި އިރު، ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު އޭގެ ދެ ގުނައަށް ވުރެ ބޮޑެވެ. 

ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި މި މަޝްރޫއުގައި ބައިވެރިވާނެ އެވެ.

ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ވިއްކުމުގެ މުއާމަލާތަކުން ނުވަތަ ވާރުތަވުމުގެ ތެރެއިން މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އަލުން ލީސްހޯލްޑް މުއްދަތެއް ފަށާނެ އެވެ. މިއީ އިންވެސްޓަރުންނާއި ވެރިފަރާތްތަކަށް ޖީލުތަކަކަށް ދެމިގެންދާނެ ފަދަ ގާނޫނީ އަދި މާލީ ރައްކާތެރިކަމެއް ކަށަވަރުކޮށްދޭނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.