ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ސަރުކާރުން މިއަދު ހަވާލުކުރި އީގަލް ހިލްސްއި އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށާއި އާންމުންނަށް ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަށް ރަސްމާލޭގެ ބިޔަ ޕްރޮޖެކްޓުގެ ސަބަބުން އަސަރެއް ނުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވެރިރަށް އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސްއާ އެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ އަބޫދާބީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުަހައްމަދު އަލްއައްބާރެވެ.
މިނިސްޓަރު މުއްތަލިބު "މިހާރު" އަށް ވިދާޅުވީ އީގަލް ހިލްސް އިން ރަސްމާލޭގައި ހައުސިން ޔުނިޓްތައް އަޅާނީ އެ ކުންފުނީގެ ހަރަދުގައި ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެ ތަންތަނުގެ އަގު ސަރުކާރުން ދައްކަން ޖެހޭނީ ހައުސިން ޔުނިޓްތައް ސަރުކާރާ ހަވާލުކުރުމުން އެ ތަންތަނުން ލިބޭ ފައިސާއިންނެވެ.
"..."އީގަލް ހިލްސްއާ އެކު ވެވުނު މި ތާރީީ ކޮމާޝަލް ޓާމްސް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓް ޕްރޮގްރާމް. މިއީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި، އަދި ޓެކްސް އިނާޔަތްތަކެއް ނުދީ، 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ދިވެހިރާއްޖޭގެ އިގްތިސާދަށް ވައްދައި، ދައުލަތަށް 11 ބިލިއަން ޑޮލަރަށް ވުރެ ގިނަ އާމްދަނީ ލިބި 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ މަޝްރޫއެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"އެންމެ މުހިންމީ، ކުރިން އިޢުލާން ކުރެވުނު ސޯޝަލް ހައުސިންގް އަދަދުތަކަށް އެއްވެސް ބަދަލެއް މި މަޝްރޫއުގެ ސަބަބުންނެއް ނާންނާނެކަން. އަދި މި މަޝްރޫއާ އެކު 5,000 ހައުސިން ޔުނިޓު އީގަލް ހިލްސް އިން ހުޅުމާލޭގައި އަޅައިދޭނެ."
އޭނާ ވިދާޅުވި ގޮތުގައި، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ ކުންފުނިން 5،000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން މާލީ އެއްވެސް ޒިންމާއެއް އުފުލާކަށް ނުޖެހޭނެ އެވެ.
"ސަރުކާރުން އެ ކުންފުންނަށް މި މަސައްކަތް ކުރުމަށް ސަވަރިން ގެރެންޓީއެއް ދިނުން ފަދަ އެއްވެސް ކަމެއް ނުކުރާނެ. ފައިސާ ދައްކާނީ ހައުސިން ޔުނިޓްތައް ނިންމައި ހަވާލުކުރުމުން އެ ވިއްކުމުގެ މަރުހަލާގައި،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަސްްމާލޭގައި އީގަލް ހިލްސް އިން ހިންގާ މަޝްރޫއަށް އެއްވެސް ޓެކްްސް ލުޔެއް ވެސް ނުދޭނެ އެވެ.
"ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގަނީ ޓެކްސްގެ ލުޔެއް ނުދީ, މަޝްރޫގެ ހުރިހާ ފައިސާއެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ދައްކާ ގޮތަށް،" މުއްތަލިބު ވިދާޅުވި އެވެ.
އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.
އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.
ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8 ބިލިއަން ޑޮލަރުގައި ހުރި އިރު، ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު އޭގެ ދެ ގުނައަށް ވުރެ ބޮޑެވެ.
ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި މި މަޝްރޫއުގައި ބައިވެރިވާނެ އެވެ.
ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމާއި ވޯޓަފްރަންޓް އަދި މެރީނާ މަޝްރޫއެއްގެ ގޮތުގައި ފަރުމާ ކޮށްފައިވާ މި މަޝްރޫއުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި ޒަމާނީ މެރީނާއެއްގެ އިތުރުން ވޯޓަފްރަންޓް މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭއިރު، ވިޔަފާރި އާއި ކެއިންބުއިމާއި ދުޅަހެޔޮކަމާއި ތައުލީމާއި ސިއްހީ ހިދުމަތް އަދި އިޖުތިމާއި އެންމެހައި ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މި މަޝްރޫއު ހިންގަނީ ރަސްމާލޭން މިހާރު ހިއްކާފައިވާ 500 ހެކްޓަރުގެ ސަރަހައްދުގަ އެވެ. ނަމަވެސް، މިކަމުގެ ސަބަބުން ކުރިން އިއުލާން ކޮށްފައިވާ ގޮތަށް ދިވެހި ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ދިނުމަށް ކަނޑައަޅާފައިވާ އަދަދުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.