ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ އެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން ހިންގާ މަޝްރޫއު ނިމޭއިރު، އޮންނާނީ ހުރިހާ ހިދުމަތެއް ލިބޭ އިންޓަގްރޭޓެޑް ސިޓީއެއް ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި  މިނިސްޓަރު ވިދާޅުވީ އީގަލް ހިލްސް އިން ތަރައްގީކުރާ 500 ހެކްޓަރުގެ ސަރަަހައްދުގައި ތިން ރިސޯޓާއި ޓައުންތައް ހިމެނޭނެ ކަމަށާއި އެކި ފެންވަރުގެ ޕްރޮޕަޓީ އެ ޓައުންތަކުގައި ހުންނާނެ ކަމަށެވެ. އިންޓަނޭޝަނަލް ސްކޫލްތަކާއި ހޮސްޕިޓަލްތައް އެ ތަނުގައި ބިނާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރިއަލްއެސްޓޭޓްގެ ތަފާތު ލެވެލްތަކުގެ ޕްރޮޕަޓީތައް ހުންނާނެ. ކުދިން ކުޅޭ ތަންތަނާއި ތީމްޕާކްތަކާއި އެގޮތަށް ގޮސް، ކިޔާނެ ކަމެއް ނެތް، އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓެއްގެ ތެރޭގައި، ކުރިއަރާފައިވާ ގައުމެއްގައި އޮންނަ އިންޓެގްރޭޓެޑް ސިޓީއެއްގެ ތެރޭގައި ހުންނަ ހުރިހާ ކަމެއް މި ޑިވެލޮޕްމެންޓްގެ ތެރޭގައި ހުންނާނެ،" ޒަރީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުަގައި އީގަލް ހިލްސް އާއި އިމާރުން މިސްރުގައި ހިންގާ ހަމަ އެފަދަ ދެ މަަޝްރޫއެއްގެ މަސައްކަތް އޭނާ ވަނީ އެ ތަންތަަނަށް ވަޑައިގެން ބައްލަވައިލައްވައިފަ އެވެ. އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމަކީ "މަދު ބަޔަކު ގޮސް ވާހަކަ ދައްކާލާފައި" ސޮއިކޮށްލި އެއްބަސްވުމެއް ނޫން ކަމަށް ވެސް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ވެސް އަޅުގަނޑުގެ ޓީމާ އެކު، މިކަން ޔަގީން ކުރަން މި ޕްރޮޖެކްޓް މިއީ ކިހިނެއް ހިނގާ ޕްރޮޖެކްޓެއްތޯ ބަލަން، މި ޕްރޮޖެކްޓްގެ ފީސިބިލިޓީއަކީ ކޮބައިތޯ މިކަހަލަ އެހެން ކޮން ޕްރޮޖެކްޓްތަކެއްތޯ އެ ބޭފުޅުން ހިންގަވަނީ އެ ކަންކަން އަޅުގަނޑުމެން ބެލިން،" ޒަރީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު: އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ 500 ހެކްޓަރުގެ ސަރަަހައްދުގައި ތިން ރިސޯޓާއި ޓައުންތައް ހިމެނޭނެ ކަމަށާއި އެކި ފެންވަރުގެ ޕްރޮޕަޓީ އެ ޓައުންތަކުގައި ހުންނާނެ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފިނޭންސް މިނިސްޓަރު ޒަރީރު: އީގަލް ހިލްސް އިން ރަސްމާލޭގައި ތަރައްގީކުރާ 500 ހެކްޓަރުގެ ސަރަަހައްދުގައި ތިން ރިސޯޓާއި ޓައުންތައް ހިމެނޭނެ ކަމަށާއި އެކި ފެންވަރުގެ ޕްރޮޕަޓީ އެ ޓައުންތަކުގައި ހުންނާނެ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އީގަލް ހިލްސް އާއި އިމާރުން މަސައްކަތްތައް ކުރާ ގޮތް ބައްލަވަން ވަޑައިގެންނެވި އެއް ތަނަކީ ޒަރީރު ވިދާޅުވި ގޮތުގައި މިސްރުގެ އިސްކަންދަރިއްޔާގައި "މަރާސީ" ގެ ނަމުގައި އެ ދެ ކުންފުނިން ޕްރޮޖެކްޓެއް ހިންގާ ތަނެކެވެ. އެ ތަނުގައި ގެންގުޅެނީ އީގަލް ހިލްސް އިން ރާއްޖެ އަށް އިއުލާންކުރި ކަހަަލަ ކޮންސެޕްޓްތަކެއް ކަމަށާއި އެ ތަަނަށް ވަޑައިގެންނެވުމުން ރަސްމާލެ މަޝްރޫއަށް އިތުބާރު ލިބިވަޑައިގެންނެވި ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

"އެގޮތުން ޔޮޓްމެރީނާއެެއް ހަމަ އެތާ ވެސް އޮވޭ. ހަމަ އެގޮތަށް ތިން ހޮޓަލެއް ހުރޭ އެކި ފެންވަރުގެ، ހަމަ އެގޮތަށް އެތަނުގައި ވެސް ތިން ލެވެލްއެއްގެ ތިން ރޭންޖެއްގެ ޕްރޮޕަޓީތައް ތިން ޓައުނުގެ ގޮތުގައި ހެދިފައި ވޭ،" ޒަރީރު ވިދާޅުވި އެވެ.

މަރާސީގައި ހުރިހާ ހިދުމަތެއް ދެނީ ސްމާޓް ސިޓީއެއްގެ ގޮތުގައި ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރުމަށް ފަހު، ރާއްޖޭގެ ހައުސިން މިނިސްޓަރު މުއްތަލިބް (ކ) އާއި އީގަލް ހިލްސްގެ ޗެއާމަން މުަހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގަން ޔޫއޭއީގެ އެންމެ މަޝްހޫރު އެއް ކުންފުނި، އީގަލް ހިލްސްއާ އެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރުމަށް ފަހު، ރާއްޖޭގެ ހައުސިން މިނިސްޓަރު މުއްތަލިބް (ކ) އާއި އީގަލް ހިލްސްގެ ޗެއާމަން މުަހައްމަދު އަލައްބާރު ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ހައުސިން މިނިސްޓްރީ

"އެހެންވީމާ އަޅުގަނޑުމެންނަށް މިހާރު ވިޝުއަލައިޒް ކުރެވޭ އަޅުގަނޑުމެންގެ ރާއްޖޭގައި، ރަސްމާލޭގައި މި އަންނަ ޑިވެލޮޕްމެންޓް އޮންނާނީ ކޮން ގޮތަކަށް ކަން،" ރަޒީރު ވިދާޅުވި އެވެ.

މަރާސީގައި ބައެއް ހިދުމަތްތައް ދޭން ތިބީ ދިވެހިން ކަމަށާއި އެ ތަނުގެ ބައެއް ޕްރޮޕަޓީތައް ހިންގަނީ ދިވެހިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އީގަލް ހިލްސް އިން ދިވެހިންނަށް އިތުބާރުކުރާ ކަން އެކަމުން އެނގޭ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.