ރިޕޯޓް / އޯލެވެލް އިމްތިހާން

އަލަން: މަރަދޫ ސްކޫލްގެ ފުރަތަމަ އޯލެވެލްގައި އިނގިރޭސިން ދުނިޔޭގެ އެއް ވަނަ

އަލަން އަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ސްކޫލުން މަރުހަބާ ކިޔަނީ: އަލަން ވަނީ އިތުރު ހަތަރު މާއްދާ އަކުން އޭ ހޯދާފައި.-- ފޮޓޯ: މަރަދޫ ސްކޫލު

އައްޑޫގެ މަރަދޫ އަވަށު ސްކޫލުގައި ކިޔަވައިދޭތާ 24 އަހަރު ވީއިރު ވެސް ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެވޭ ވަރު އޮތީ ނުވެފަ އެވެ. އެއީ ސްކޫލްތަކުގައި އޮންނަ ވާދަވެރިކަމުގެ ތެރޭ އެ ސްކޫލްގެ ދަރިވަރުން ގްރޭޑް 9 ނިންމާފައި 10 އަށް އެހެން ސްކޫލްތަކަށް ބަދަލުވާތީ އެވެ. މިހެން ވަމުން ދަނިކޮށް މިދިޔަ އަހަރު އެ ސްކޫލުގައި ގްރޭޑް 10 ކިޔަވަން ދަރިވަރުން ލިބުނީ އެވެ.

އެ ހިސާބުން ސްކޫލުގެ ޕްރިންސިޕަލް، އަބްދުއްލަތީފް އާއި މުޅި ސްކޫލުން ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ އެ ދަރިވަރުންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދެވޭތީ މަސައްކަތް ކުރުމަށެވެ. ޓީޗަރުންނާއި ބެލެނިވެރިން ވެސް އެ ދަރިވަރުންނަށް ހުރިހާ ވަގުތެއް ހުސްކޮށް އޯލެވެލްއަށް ތައްޔާރުކުރި އެވެ.

މަރަދޫ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާގައި އައްޑޫގެ މޭޔަރު، އަލީ ނިޒާރު އާއި އެ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް ލަތީފް، އިނާމް ހާސިލް ކުރި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: މަރަދޫ ސްކޫލު

ނަތީޖާ އަކީ މިދިޔަ އޮކްޓޫބަރު/ނޮވެމްބަރުގައި ބޭއްވި އޯ ލެވެލްގައި އެ ސްކޫލުން ބައިވެރިވި 24 ކުދިންގެ ތެރެއިން 60 ޕަސެންޓް ދަރިވަރުން ފާސްވުމެވެ. އޭގެ ތެރެއިން އެއް ދަރިވަރު ކަމަށްވާ އަހުމަދު އަލަން އުމަރު އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދައި ރާއްޖެ އާއި ސްކޫލަށް ވެސް ހޯދައިދިނީ ރީތި ނަމެކެވެ.

އަލަން އާއި އާއިލާއަށް ވެސް ލިބުނު ސަޕްރައިޒެއް

އިނގިރޭސި ބަހަށް އަލަންގެ ލޯބި ޖެހުނީ ކުޑައިރު ކިޔަމުންދިޔަ އިނގިރޭސި ވާހަކަތަކުގެ ސަބަބުންނެވެ. އޭގެ ފަހުން އިނގިރޭސިން ލިޔެފައި ހުންނަ ފޮތްތައް ކިޔަން ހާއްސަ ޝައުގުވެރިކަމެއް އޭނާގެ ހުރެ އެވެ.

އަބަދު ވެސް އެންމެ ކިޔަވާ ހިތްވީ އިނގިރޭސި ކަމަށްވެފައި އެންމެ ރަނގަޅު ނަތީޖާ ވެސް ލިބެނީ އެ މާއްދާއިން ކަމަށް ވިޔަސް ދުނިޔެއިން އެއް ވަނަ ލިބިދާނެ ކަމަށް އޭނާ ދުވަހަކު ވެސް ހިއެއް ނުކުރެ އެވެ.

"ކްލާސް ޓީޗަރު މެސެޖުކުރީ މަރުހަބާ ކިޔާފައި. އޭރު ވެސް ނޭނގޭ ކިހިނެއް ވެގެން ކަމެއް މަރުހަބާ ކީ. ދެން ޓީޗަރު ބުނީ އެ ނަތީޖާ ލިބުނު ވާހަކަ،" އަލަން ބުންޏެވެ.

"ކުޑަކޮށް ވެސް ހީވެސް ނުކުރަން ދުނިޔެއިން އެއްވަނަ ލިބިދާނެ ކަމަކަށް. އުންމީދެއް ވެސް ނުކުރަން އިންގްލިޝް އިން ދުނިޔެއިން އެއްވަނަ ލިބޭނެ ކަމަކަށް."

އަލަން މަންމަ އާއި ބައްޕައާ އެކު

އެ ނަތީޖާ ވީ އަލަންގެ އިތުރުން އާއިލާއަށް ވެސް ލިބުނު ސަޕްރައިޒަކަށް ކަމަށް އޭނާ ބުންޏެވެ.

"މަންމަ ކައިރީ އަޅުގަނޑު ބުނީ ދުނިޔެއިން އެއްވަނަ ލިބުނު ވާހަކަ. މަންމަ ވެސް ހީ ނުކުރޭ ދުނިޔެއިން އެއްވަނަ ލިބިދާނެ ކަމަކަށް. އާއިލާ އެންމެން ވެސް ވަރަށް އުފާވެފައި ތިބީ،"

އިނގިރޭސިން ދުނިޔެއިން އެއް ވަނަ ހޯދުމުގެ އިތުރުން އަލަން ވަނީ ބިޒްނަސް، އެކައުންޓްސް، ފިޒިކްސް އަދި ދިވެހިން އޭ ފާސް ހޯދައިފަ އެވެ. ކެމިސްޓްރީ އާއި އިސްލާމުން ބީ ލިބުނެވެ.

އަލަން ބުނީ ކްލާހުގައި ޓީޗަރު ދޭ ފިލާވަޅުތައް ހެދުމާއި ގޭގައި އެ ފިލާވަޅުތައް ފަރިތަކުރުމަކީ އޭނާ ކިޔެވުމުގައި މަސައްކަތްކުރާ ގޮތް ކަމަށެވެ.

"ޓެސްޓަށް ތައްޔާރުވާން އެންމެ ފުރަތަމަ ވެސް ހެދީ ކިޔަވަން ޝެޑިއުލެއް. ދެން ކޮންމެ ދުވަހަކު އެ މާއްދާއެއް ކިޔަވަން ވަކި ގަޑިއެއް ކަނޑައަޅައިގެން ކިޔެވީ. ދެން އަޅުގަނޑު ވަރަށް ބެލިން ވީހާ ވެސް ގިނައިން މަސައްކަތް ކުރެވޭތޯ،" އަލަން ބުންޏެވެ.

މަރަދޫ ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާގައި އަލަން، އިނާމާ ހަވާލުވަނީ.-- ފޮޓޯ: މަރަދޫ ސްކޫލު

ކޮންމެ ޓެސްޓަކަށް ފަހު ޓީޗަރުންގެ ފަރާތުން ފީޑްބެކް ހޯދުމަކީ އަލަން ގަބޫލުކުރާ ގޮތުގައި ކޮންމެ ކުއްޖަކު ވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ.

"ފީޑްބެކް ހޯދައި ރަނގަޅުކުރަން ހުރި ކަންކަން ޓީޗަރުންގެ ކައިރީ އަހައިގެން ދެނެގަނެ، އެކަހަލަ ކަމެއް އޮތް ނަމަ ރަނގަޅު ކުރަންވީ ގޮތް ޓީޗަރުންކައިރީ އަހައި އޮޅުން ފިލުވައިގެން މަސައްކަތް ކުރުން ވަރަށް މުހިންމު،" އޭނާ ބުންޏެވެ.

"އެގްޒާމްތަކުގެ ރިޒަލްޓްތަކަށް ފަހު، ޓީޗަރުންނާ އެކު އެ ނަތީޖާތައް އެނެލައިޒްކުރުމުން އެނގޭނެ ރަނގަޅު ކުރަންވީ ކަންކަން."

މަރަދޫ ސްކޫލުން މި އަހަރު އޯލެވެލް ހެދި ދަރިވަރުން އެ ސްކޫލުގެ ޕްރިންސިޕަލާއެކު.-- ފޮޓޯ: މަރަދޫ ސްކޫލު

އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އަލަންގެ ކާމިޔާބީ އަކީ އެ ސްކޫލަށް ލިބުނު ވަރަށް ބޮޑު ފަހުރެކެވެ. އެ ނަތީޖާ އަކީ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުން އަދި އަލަންގެ ބެލެނިވެރިން ގުޅިގެން ކުރި ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ކުރިއްސުރެ ޓާގެޓް ކޮށްގެން މަސައްކަތް ކުރީ. އިރާދު ކުރެއްވިއްޔާ އެ ނަތީޖާއާ ހަމައަށް ދެވިއްޖެ. މީގެން އަޅުގަނޑުމެންނަށް އެނގިގެން މި ދިޔައީ ހިތްވަރާ އެކު ދުރާލައި ރާވައިގެން މަސައްކަތް ކޮށްފި ނަމަ ނަތީޖާއާ ހަމައަށް ދެވޭނެކަން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ޕްރިންސިޕަލްގެ ހުރިހާ ޝުކުރެއް، އަލަންއަށް އަށް އެ ނަތީޖާ ހޯދައިދިނުމަށް މަސައްކަތްކުރި ޓީޗަރާއި ލީޑީން ޓީޗަރުގެ އިތުރުން ބެލެނިވެރިޔާއަށެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 56%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަރާބަރ

14 February 2024

އަލަން އާއި އާއިލާ އަށް މަރުހަބާ...

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

14 February 2024

މަރުހަބާ އަލަން. އަފިރިން ވަރަށް އުފާވެއި ތެހޯދި ކާމިޔާބީއަށް.

The name is already taken The name is available. Register?

4

14 February 2024

މިކިޔާލުމުން ގަބީލާވަންތަކަށް އައްޑޫގާ ކޮންމެސްވަރަކަށް އޮންނަކަން ފާހަގަކުރެވޭ.

The name is already taken The name is available. Register?

ޣޯބެ

14 February 2024

އައްޑޫއަކީ ގަބީލާއެކޭ އަދިކިރިޔާތަ ތި އެނގުނީ. އެއީ ދިވެހިރާއްޖޭގެ އެންމެ ދެކުނުން އޮންނަ އައްޑޫ ގަބީލާ. ނުވަލަ ގަބީލާ އައްޑޫ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454