ބީބާގެ ޓުއާގެ ތެރެއިން މުމްބާއީގައި ބާއްވާ ކޮންސަޓްގެ ޓިކެޓް މި މަހުގެ 22 އިން ފެށިގެން ވިއްކަން ފަށާނެ.
ޖަސްޓިން ބީބާ: އަންނަ މެއި މަހު މުމްބާއީގައި ކޮންސަޓެއް ބާއްވާނެ.
16 ފެބުރުއަރީ 2017 - 06:08
ކެނެޑާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ޓުއާ "ޕާޕަސް" އިންޑިއާ އަށް މިސްރާބު ޖަހަން ނިންމައިފި އެވެ.
އެ ޓުއާ އިންޑިއާގައި ޕްރޮމޯޓް ކުރާ ވައިޓް ފޮސްކް އިންޑިއާ އިން ވެސް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. އެ ކުންފުނިން ބުނީ އިންޑިއާގެ މުމްބާއީގައި ބީބާގެ ޓުއާ އޮންނާނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.
ބީބާ، 22، ގެ ޓްވިޓާގައި ވެސް ވަނީ އޭނާ އިންޑިއާ އަށް މޭ މަހު ޓުއާގައި ދާނެކަން އިއުލާންކޮށްފަ އެވެ.
ވައިޓް ފޮކްސްގެ ޑިރެކްޓަރު އަރުން ޖެއިން ބުނީ ބީބާގެ އިންޑިއާ ކޮންސަޓްގެ ޓިކެޓް މި މަހުގެ 22 އިން ފެށިގެން ވިއްކަން ފަށާނެ ކަމަށާއި ކޮންސަޓް އޮންނާނީ މުމްބާއީގެ ޑީވައި ޕަޓިލް ސްޓޭޑިއަމްގައި ކަމަށެވެ.
ޓިކެޓްގެ އަގުތައް ފެށެނީ 4،000 ރުފީސްއިންނެވެ.
"މިއީ އިންޑިއާގައި ތިބި ބީބާގެ ފޭނުންނަށް ވަރަށް ބޮޑު އީދަކަށް ވާނެ. އަނެއްކޮޅުން ބީބާގެ ޕާޕަސް ޓުއާއަކީ އެންމެ ކާމިޔާބު އެއް ޓުއާ ވެސް މެ. އެހެންވެ އިންޑިއާ އިން މިއަށް ބޮޑު ތަރުހީބެއް ލިބޭނެކަމާ ދޭތެރޭ އެއްވެސްް ޝައްކެއް ނެތް،" އޭނާ ބުންޏެވެ.
India tickets go on sale Feb 22. See u May 10th at DY Patil Stadium pic.twitter.com/lVBHPwhohq
— Justin Bieber (@justinbieber) February 15, 2017
އިންޑިއާގެ ޓުއާއާ ގުޅޭ ގޮތުން ބީބާ ޓްވީޓްކޮށްފައި.
އަރުން އަދި ބުނީ ބީބާ ކަހަލަ މަޝްހޫރު އަދި ނުފޫޒު ގަދަ އާޓިސްޓުންގެ ޓުއާތައް އިންޑިއާ އަށް މިސްރާބު ޖެހުމަކީ، އެފަދަ އެހެން ފަންނާނުން ވެސް ކުރިއަށް އޮތް ތަނުގައި އިންޑިއާ ޓުއާ ކުރާނެ ކަމެއް ކަމަށެވެ.
"އެހެންވެ ވަރަށް ފުރިހަމަ އަށް މި ޓުއާ އިންޑިއާގައި ބާއްވަން އަހަރެމެން މަސައްކަތް ކުރާނަން،" އޭނާ ބުންޏެވެ. "މި ފުރުސަތު މި ލިބުނީ ވެސް ބީބާގެ ޓީމާ ވާހަކަ ދައްކާތާ ހައެއްކަ މަސް ފަހުން."
އިންޑިއާގެ އިތުރުން ޓުއާގައި މި ފަހަރުގެ ޓުއާގައި ބީބާ ޑުބާއީ އާއި އިޒްރޭލަށް ވެސް ދާނެ އެވެ.
މިދިޔަ އަހަރު އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ކޮލްޑްޕްލޭ" ވެސް ވަނީ އިންޑިއާ އަށް ޓުއާއެއްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިޒޫ
16 February 2017
މައި ލަވް