ޚަބަރު / ހައި ކޯޓް

ޔާމީން ރަޝީދުގެ ދައްތައަށް ފުލުހުންގެ ވަޒީފާ އަލުން ދޭން ހުކުމްކޮށްފި

ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި އޭނާގެ އެކުވެރިޔާ ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގައި އިންސާފަށް އެދި ބޭއްވި ހިނގާލުމެއްގައި އާއިލާގެ މެންބަރުން ބައިވެރިވަނީ. -- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގިތާ ތިން އަހަރު ފުރުމާ ދިމާކޮށް މާލޭގައި ބޭއްވި ހިނގާލުމެއްގައި އޭނާގެ އެކުވެރިޔާ ޔާމީންގެ ރަޝީދުގެ ދައްތަ އައިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއެއްގައި ހުރެ ބައިވެރިވުމުން ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ނިންމައި އޭނާ އަށް އަލުން ވަޒީފާ ދިނުމަށާއި ހަ މަސް ދުވަހުގެ މުސާރަ ދިނުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުންގެ ސާޖަންޓެއްގެ ރޭންކުގައި ހުއްޓާ 2008 ވަނަ އަހަރު ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ ފިޒިކަލް ޓެސްޓަކުން ފެއިލްވުމުން އައިޝަތު ވަނީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ފުލުހުންގެ ސިވިލް މުވައްޒަފެއްގެ ގޮތުގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އެއީ އޭނާ ކިޔަވައިގެން ހުރީ ފުލުހުންނަށް މުހިންމު ދާއިރާއަކުން ކަމަށް ވާތީ ފުލުހުން ބޭނުންވެގެން ހުށަހެޅި ގޮތެވެ.

އޭނާ އެ މަގާމުން ވަކިކުރީ ރިލްވާން ގެއްލުވާލި މައްސަލައިގައި ބޭއްވި އެއްވުމެއްގައި ބައިވެރިވުމުން އެއީ ފުލުހުންގެ ގަވައިދުތަކާއި މަސްލަހަތަށް ފުށުއަރާ އަމަލެއް ކަމަށް ބަލައި އޯގަސްޓް 16، 2017 ގަ އެވެ.

އޯގަސްޓް 2014 ގައި ރިލްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށް ތަހުގީގުތަކަށް އެނގިފައި ވާއިރު އޭގެ ފަހުން އޭޕްރީލް 23، 2017 ގައި ވަނީ އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ ޔާމީން ރަޝީދު ވެސް އަނިޔާވެރި ހަމަލާތަކެއްގައި މަރާލައިފަ އެވެ. އެހެންވެ ރިލްވާނާއި ޔާމީންގެ އާއިލާއިން އިންސާފަށް އެދި ގިނަ މަސައްކަތްތަކެއް ކުރި އިރު މާލޭގައި އެކި އެއްވުންތައް ވެސް ބާއްވާފައިވެ އެވެ.

ހައި ކޯޓުން އަންގާރަ ދުވަހު އާއިޝަތު ރަޝީދުއާ އެއްކޮޅަށް ހުކުމް ކުރީ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބުވުމުން ކުރި އިސްތިއުނާފުފަ އެވެ.

މާލޭގައި އެއްވުންތައް ބާއްވަން ވާނީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަ ނަގައިގެން ކަމަށް އޮންނަ އިރު އައިޝަތު ބައިވެރިވި އެއްވުމަކީ ހުއްދަ ނުނަގާ ބޭއްވި އެއްވުމެއް ކަމަށް ފުލުުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ އޭނާ ވަޒީފާއިން ވަކިކުރި ސަބަބުތަކުގެ ތެރޭގައި ބުނެފަ އެވެ. އެކަމަކު އޭނާ ބުނެފައިވަނީ އެއްވުން ބާއްވަން ހުއްދަ ހޯދުމަކީ އެއްވުން އިންތިޒާމްކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ވާއިރު އެއީ ހުއްދަ ނެތި ބޭއްވި އެއްވުމެއް ކަމެއް ނޭނގޭ ކަމަށެވެ. އެހެންވެ ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވި ކަމަށް އައިޝަތުގެ އިއުތިރާފް އޮތް ކަމަށް ދަށު ކޯޓުން ނިންމި ގޮތް ގޯސް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.

އައިޝަތު ބައިވެރިވި އެއްވުމަކީ މީހަކު ގެއްލިގެން އުޅޭތީ ހައްގެއް ހޯދައިދިނުމަށް ބޭއްވި އެއްވުމަކަށް ވުރެ ބޮޑަށް، ސިޔާސީ ކުލަ ޖެހިފައިވާ އަދި ފުލުހުންނަށް ތުހުމަތުތަކެއްކޮށް ބޭއްވި އެއްވުމެއްކަން އެކަމުގައި ބޭނުންކުރި ލިޔުންތަކުން އެނގޭ ކަމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާ ވަކިކުރި އިރު ބުނެފައިވެ އެވެ. މި ސަބަބަށް ބަލައި އޭނާއަށް ފިޔަވަޅު އެޅީ ފުލުހުންގެ މުވައްޒަފުންނަށް ހަދާފައިވާ ގަވައިދަކާ ހަވާލާދީފައި ކަމަށް ވިޔަސް އޭނާގެ މައްޗަށް ތަހުގީގު ހިންގާފައި އޮތީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް އެއްވުމެއްގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފަ އެވެ. އެހެންވެ ހައި ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކުރި ތުހުމަތާއި އޭނާއަށް ފިޔަވަޅު އެޅުމަށް ބެލި ގަވައިދު ގުޅިގެންދާ ގޮތެއް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ.

އައިޝަތަށް ފިޔަވަޅު އެޅީ އޭނާގެ މައްޗަށް ހިންގި ތަހުގީގު ފުރިހަމަ ނުކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެހެންވެ އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާއި ގަވައިދާ ހިލާފަށް ކަމަށް ވާތީ އޭނާ ކުރިން ހުރި ވަޒީފާ ދިނުމަށް އިސް ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިއްތިފާގުން ހުކުމްކުރީ އެވެ.

ވަޒީފާ ދިނުމުގެ އިތުރުން ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތް ހަތް ދުވަހުގެ ތެރޭގައި ދިނުމާއި އެކަމުގައި ނިންމި ގޮތެއް ހަތް ދުވަސް ތެރޭ ސިވިލް ކޯޓަށް އެންގުމަށް ވަނީ ހުކުމްކޮށްފަ އެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޯސި

22 February 2024

ދެފަހަރަށް ފެއިލްވެފައިވާ އަންހެނަކު ކޮންވަޒީފާއެއް ދޭކަށް

The name is already taken The name is available. Register?

‫އަންފެއަރ ޓު ޕޮލިސް

22 February 2024

‫މީނާއަށް އަލުން ވަޒީފާ ދިނުމަކީ ފުލުހުންނަށް އަދި ސަރުކާރަށްވެސް އެތައް އެތައް އުނދަގުލެއް ކުރިމަތިކުރުވާނެ ކަމެއް. ހައްދުފަހަނަ އަޅާ ދިއުމުގެ އަނެއްކޮޅުގެ އެންމެކުރީސަފުގައި ހުރިއެކަކު. ރައީސް މުއިއްޒު މިކަމާދޭތެރޭ ފުންކޮށް ވިސްނާނެކަމަށް ހީކުރަން.

The name is already taken The name is available. Register?

ފެންނަގޮތް

22 February 2024

އެމްޑީޕީގެ ވެރިަމުގަ...ކަނޑުން 45،000 ކިލޯ މީޓަރު ދިވެހިން އަތުން ގެއްލިއްޖެ، 120 ބިލިަޔަން ދަރާފި، ކުންފުނިތަށް ދަރާފި، ކަނޑުގެ ޗާޓު އެހެން ބަޔަކަށް ލިބިއްޖެ، 8 ބިލިޔަން ޗާޕްކޮށްފި، ވަގު ހިފާ ކޯރަޕްޝަން ލާރި ހޯދަން އައިސް އެމީހުން މިނިވަންކޮށްފި އެކަމަކު..ބުރިޖެއް ނޭޅުނު،.ފުލެޓެއް ނޭޅުނު،.ބިން ހިއްކާ ގޯތި ނުދެވުނު،.އަމީނީ މަގު ތާރެއް ނޭޅުނު،.އެމްއެމްޕީއާރްސީ އިން ގެއްލުނު އެންމެ ރުފިޔާ އެއްވެސް ނުޙޯދުނު،،ގެއްލުނު މީހުންނަށް އިންސާފެއް ނުދެވުނު

The name is already taken The name is available. Register?

ޕީއެސް

22 February 2024

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އަކީ ވަރަށް ބޭއިންސާފުން ކަންކުރާ ބަޔަކު ތިބޭ ތަނެއް. އެތަކެއް މުވައްޒަފުންނަށް އަނިޔާތައް ދީފައިވާ ބައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454