ރެއާލް މެޑްރިޑުގެ ޓޯނީ ކްރޫޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
16 ފެބުރުއަރީ 2017 - 09:15
މެޑްރިޑް (ފެބްރުއަރީ 16) – ފަހަތުން އަރައި އިޓަލީގެ ނަޕޯލީ އަތުން 3-1 އިން މޮޅުވެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފަައިނަލަށް ދިއުމަށް ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ މަގުކޮށައިފި އެވެ.
މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި އެ ޓީމުން ހޯދި މޮޅާ އެކު އަންނަ މަހު ނަޕޯލީގެ ސްޓޭޑިއޯ ސޭން ޕައޮލޯގައި ކުޅޭ މެޗުން ކުޑަ ތަފާތަކުން މޮޅުވެގެން އެ ޓީމަށް އަނެއް ބުރަށް ދެވޭނެ އެވެ. ނަޕޯލީ އަށް އެންމެ ފަސޭހަ ފުރުސަތަކަށް އޮންނާނީ 2-0 އިން މޮޅުވުމެވެ.
ރޭގެ މެޗުގެ 8 ވަނަ މިނެޓުގައި ލޮރެންޒޯ އިންސީނޭގެ ލަނޑުން ނަޕޯލީ ވަނީ ލީޑު ނަގައިފަ އެވެ. ނަލޯލީގެ ރަންޒަމާނުގައި އެ ޓީމަށް ކުޅުނު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާގެ ހާޒިރުގައި ކުޅުނު މި މެޗުގައި މެޑްރިޑުން ނަތީޖާ ހަމަހަމަކުރީ 18 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ޖެހި ގޯލުންނެވެ.
މެޑްރިޑުން ލީޑު ނެގީ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޓޯނީ ކްރޫޒް ވައްދާލި ގޯލުންނެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖެހީ ކަސެމީރޯ އެވެ. އޭނާ މި ގޯލް ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުންނެވެ.
ރޭގެ މެޗުގައި މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑެއް ނުޖެހި ނަމަވެސް އޭނާ ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ރޭގެ މެޗާ އެކު ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯގެ ލަނޑެއް ނުފެނި 523 މިނެޓު މިވަނީ ހޭދަވެފަ އެވެ. މިއީ އޭނާ މެޑްރިޑަށް ބަދަލުވި ފަހުން ޗެމްޕިއަންސް ލީގުގައި ލަނޑެއް ނުޖެހި ހޭދަވި އެންމެ ގިނަ ވަގުތެވެ.
"އަހަރެމެން ވަރަށް މޮޅަށް ކުޅުނިން. ނަޕޯލީގެ ގޯލަކީ ހިތްހަމަނުޖެހުމެއް. އެކަމަކު ފަހުން ހުރިހާ ކަމެއް ހަމަޔަކަށް އެޅުނު. މިއީ ރަނގަޅު ނަތީޖާއެއް،" މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުންޏެވެ. "އަދިވެސް އެކަމަކު މިއީ ހުޅުވިފައިވާ ލެގެއް. އަހަރެމެން އެބަޖެހޭ ނަޕޯލީގެ ދަނޑަށް ގޮސް މިކަން ނިންމާލަން. އެކަމަކު އެއީ ވަރަށް އުނދަގޫ ދަނޑެއް."
ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ބުނީ ދެ ވަނަ ލެގުގައި ނަތީޖާ ބަދަލުކުރަން މަސައްކަތްކުރާނެ ކަމަށާއި އެ މެޗުގައި ޖެހޭނީ ގޯސްތައް ނަހަދައި ވީހާ ވެސް ގިނައިން ފުރުސަތު ތަނަވަސްކުރަން ކަމަށެވެ.
"އަހަރެން އަދިވެސް ގަބޫލުކުރަނީ އަނެއް ބުރަށް ދެވޭނެ ކަމަށް. އިތުބާރާ އެކު މިހިރީ،" ސާރީ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބ ފޭން
16 February 2017
މަދެން މިފަހަރު ބޭނުންވަނީ މެޑްރިޑައް ތަށި ލިބެން. އެއީ ވާގޮތަކީ އަދި އެހެން އެއްޗެއް ޖަހާލިއެއްކަމަކު ރާމޮސްމެން ހިފަހައްޓާނެ. ބާސާގަ ވާގޮތަކީ ޕީކޭމެން ފޮޅިއަކައްފަހު ފޮޅިއެއް އަޅަނީ. މެސީމެން ކިތަންމެ ހިތްވަރެއް ކުރިއެއްކަމަކު ޑިފެންސް ޗޮކުންދިޔާމަ އެދިޔައީ..