އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ޓެސްޓު ހަދަނީ.-- ފޮޓޯ: މިހާރު
19 މާޗް 2024 - 12:10
މަޖިލިސް އިންތިހާބު ބާއްވާ ދުވަހާ ޓެސްޓްތައް ދިމާވާތީ، ގްރޭޑް 7، 8 އަދި 9ގެ ދަރިވަރުންގެ ފައިނަލް ޓެސްޓުތައް ނެގުން އަވަސްކުރުމުން ޓީޗަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މި ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އެ ގްރޭޑްތަކުގެ ދަރިވަރުންގެ ދެވަނަ ޓާމުގެ ޓެސްޓުތައް ނަގަން ކުރިން ނިންމާފައި ވަނީ އަންނަ މަހުގެ 16 އިން 27ގެ ނިޔަލަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަކީ އަންނަ މަހުގެ 21 ކަމުގައި އިލެކްޝަން ކޮމިޝަން (އިސީ)ން ކަނޑައެޅުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓެސްޓު ބާއްވާ ތާރީހަށް ބަދަލު ގެނެސްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީން ތާރީހު ބަދަލުކޮށްފައި ވަނީ އަންނަ ބުދަ ދުވަހު ޓެސްޓުތައް ނަގަން ފަށާ ގޮތަށެވެ. ޓެސްޓުތައް ނަގާ ނިންމަން ދީފައިވާ ތާރީހަކީ އަންނަ މަހުގެ 25 އެވެ.
ޓެސްޓުތައް ފެށުން އަވަސްކޮށް، ކުލިއަކަށް ގެނައި އެ ބަދަލާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބެލެނިވެރިންނާއި ޓީޗަރުން ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ.
"މިހާރު" އާ ވާހަކަ ދެއްކި ގްރޭޑް 8ގައި ކިޔަވާ ބެލެނިވެރިޔަކު ބުނީ ޓެސްޓަށް ތައްޔާރުވާ ވަރަށް ކުދިންނަށް ކިޔަވައިދީފައި ނުވާ ކަމަށެވެ. އަދި އެ ގްރޭޑްގެ ދަރިވަރުން އޯލެވެލްގެ ސިލަބަސް ކިޔަވައިދޭން ފެށި ނަމަވެސް ފޮތްތައް ވެސް ހަމަ ނުވާ ކަމަށް އޭނާ ބުންޏެވެ.
"މި ސްކޫލުގައި ޓީޗަރު އަންނަނީ ކޮންމެ ދުވަހަކު ޕްރިންޓް ނަގައިގެން. ފޮތްތައް އަދިވެސް ކުދިންނަކަށް ނުލިބޭ، އަނެއްކާ ޓެސްޓު ނެގުން އަވަސް އެ ކުރީ. ކުދިންނަށް ކިހާ ބޮޑު ގެއްލުމެއް މިއީ،" އެ ބެލެނިވެރިޔާ ބުންޏެވެ.
ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ޕޭޕަރު ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެން ސްކޫލެއްގެ ގްރޭޑް 9ގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔަކު ބުނީ އެ ސްކޫލުގެ ސިލަބަސް ވެސް އެއްކޮށް ކިޔަވައިދީ ނުނިމޭ ކަމަށެވެ. އޭނާ ވަނީ ސިޔާސީ މީހުން ދަރިވަރުންނާ ދޭތެރެ ނުވިސްނާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ޓެސްޓް ހަދަނީ ކުދިންނަށް ކިޔަވައި ދިނުމަށް އޮންނަ ވަކި މުގައްރަރެއް ކިޔަވައި ދީ އަދި އެ ފިލާވަޅުތައް މުރާޖާކުރުމަށް ފަހު. ކުދިން އަދި އެ އުޅެނީ ކިޔަވަން ޖެހޭ ބައި ކިޔަވާ ނުނިމިގެން. އެކަމަކު އަނެއްކާ ޓެސްޓު މި އަވަސް ކުރީ،" އެ ބެލެނިވެރިޔާ ބުންޏެވެ.
ބެލެނިވެރިންގެ އިތުރުން ޓީޗަރުން ވެސް ވަނީ ޓެސްޓުތައް އަވަސް ކުރުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއް ޓީޗަރަކު ބުނީ މިހާތަނަށް ކިޔަވައިދިން ބައިތަކުން ޓެސްޓު ނެގުމަށް މިނިސްޓްރީން ސްކޫލުތަކަށް އަންގާފައިވާ ކަމަށެވެ.
"މިސާލަކަށް ބަލަމާ ގްރޭޑް 8. ޖެނުއަރީގައި މި ކިޔަވައިދޭން ފެށީ އެ ކުދިންނަށް އޯލެވެލްގެ ސިލަބަސް. އަދި އޭގެ ވަރަށް ކުޑަ މިންވަރެއް މި ކިޔަވައިދެވުނީ. އެއިން ޓެސްޓު ނެގީމަ ދަރިވަރަށް އެއިން ހާސިލް ނުކުރެވޭނެ އެއްވެސް އެއްޗެއް،" އެ ޓީޗަރު ބުންޏެވެ.
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް ޕޭޕަރު ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެހެން ސްކޫލެއްގެ ޓީޗަރަކު ކަންބޮޑުވުން ފާޅުކުރީ ޓެސްޓުގެ މެދުން 16 ދުވަހުގެ ބަންދެއް އަންނާތީ އެވެ. ސްކޫލުތަކުން ޓެސްޓުގެ ޓައިމް ޓޭބަލް ދަރިވަރުންނަށް ދީފައި ވާއިރު ގިނަ ސްކޫލުތަކުގެ ޓޭބަލް ތައްޔާރުކޮށްފައި ވަނީ އެ ބަންދު ލައިގެންނެވެ. އެއީ މި މަހު 28 އިން އަންނަ މަހުގެ 14 އަށް ބަންދު ވާ ގޮތަށެވެ.
"ބައެއް ސްކޫލުތަކުގައި ދެ ޓެސްޓު، އަނެއްބައި ސްކޫލުތަކުގައި ތިން ޓްސްޓު ނަގާފަ މި އަންނަނީ ބްރޭކް. އަނެއްކާ ކިޔެވުން މި ފެށެނީ ޓެސްޓާއެއްކޮށް،" އެ ޓީޗަރު ބުންޏެވެ.
ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވީ އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލާއެކު ސިލަބަސް ކަވާ ކުރަން ލިބުނު ވަގުތު އިތުރުވި ކަމަށެވެ.
"މި ބަދަލު ގެނަޔަސް އަސްލު މާ ބޮޑު ތަފާތެއް ނުފެންނާނެ. އައިޖީސީއެސްއީ ސިލަބަހަކަށް މި އޮންނަނީ 160 ގަޑިއިރު. ކަލަންޑަރަށް ގެނައި ބަދަލުން އެބަ އިތުރުވޭ 38 ގަޑިއިރު. އެއީ ކުރިން ކޮވިޑްގައި ގެނައި ބަދަލުން ބައެއް މި ލިބުނީ. އެހެންވެ މި ސްކޫލުގެ ގްރޭޑްތަކަށް ސިލަބަސް ކަވާވި،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.
ނަމަވެސް އެ ގެނައި ބަދަލަކީ ހުރިހާ ދަރިވަރުންނަށް އެންމެ ރަނގަޅު ބަދަލަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ސްކޫލަކަށް އެގޮތަކަށް ނުވާނެ، އެކި ކުދިންގެ ވެސް ހުންނާނީ އެކި ލެވެލް. އެހެންވެ ސްކޫލުތަކުން ވެސް ސިލަބަސް ކަވާ ކުރުމުގައި އުޅޭނީ އެކި ލެވެލްގައި. އެގޮތަށް ވިސްނާ ނަމަ މިއީ ދަރިވަރުންނަށް ވަރަށް ބޮޑު ގެއްލުމެއް. އެ ކުދިންގެ މެންޓަލް ހެލްތަށް އޭގެ އަސަރު ކުރާނެ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ
ޓެސްޓުނަގާ ތާރީހަށް އެ ގެނައި ބަދާލާ ގުޅޭގޮތުން "މިހާރު"ން ސުވާލު ކުރުމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއާ ހަވާލާދީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ރައްޔިތުން މަޖިލީހުން އިންތިހާބު ފަސް ކުރުމަށް ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އިންތިހާބު ބާއްވާ ދުވަސް ދިމާވަނީ ޓެސްޓު އޮންނަ ދުވަހަކާ ކަމަށެވެ.
"އޭޕްރިލް 21 އަދި 22 ވެސް ބަންދު ވާނެ ކަމަށް ނިންމާފައި ވަނީ. އެހެންކަމުން މި ދެ ދުވަހުގެ ބަދަލުގައި ޓެސްޓް ދިނުމަށް އިތުރު ދުވަސްތަކެއް ހަމަޖެއްސީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިއީ އެކަޑަމިކް ކަލަންޑަރަށް ގެނައި ބޮޑު ބަދަލެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ޓީޗަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އިތުރަކަށް ޖަވާބެއް ނުދެއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބޯ
21 March 2024
ޓެސްޓު އަވަސް ކުރި ގަމާރުންނަށް ވެސް ވޯޓްދޭތި ކަލޭ
މަޖިލިސް
19 March 2024
މަޖިލިސް މާދެރަކޮށްފަ ސުރުޚީ ހެދީމަ ކަމަކު ނުދޭ.
ކަނބުރުގެ
19 March 2024
އިންތިހާބަކާ އިމްތިހާނަކާ އެއްވެސް ގުޅުމެއް އޮތްކަމަކަށް މަގޭ ސިކުނޑިއަކަށް ނުވިސްނޭ. އޮތްހާވެސް ކަމަކީ 21 އެޕްރިލްގަ ސްކޫލްތަކުގެ ހޯލްތައް އިންތިހާބުގަ ބޭނުންކުރަން ޖެހުން.
ހޮނިހިރު
20 March 2024
21 ގަ ވޯޓު ލާއިރު 20 ވަނަ ދުވަހާ 22 ވަނަ ދުވަހުވެސް ހޯލު ލިބެން ނެތް. ދެކޮޅުން ދެދުވަސް ޓެސްޓް ނުނެގި ގެއްލޭ!
އައްބެ
19 March 2024
ދެންވެސް މަޖިލިސް އިންތިޚާބު ފަސްކުރި ގަމާރުންނަށް ވޯޓުދޭތި.
އަވަސްލަސް
19 March 2024
އަވަސް ކުރިޔަސް ލަސްކުރިޔަސް ކުދިންގެ ފެންވަރަކަށް ބަދަލެއް ނާންނާނެ. ކުދިން ކިޔަވަނީއެއް ނޫން. ނުކިޔަވާތާނގައި ކޮންމެ ކުއްޖަކު ގޭމް ކުޅުމުގައި. އަދި ސްކޫލްތަކުގައި ކިޔަވައިދެވެނީއެއްވެސް ނޫން. އެވެރިން އުޅެނީ މުސާރައާ ހިފުމުގައި.
ާއަހްމަދު ސަލީމް
19 March 2024
މީގެ ކުރިން ދަރިވަރުން ކިތަންމެ އިމްތިހާނެއް އިންތިޚާބުގެ ތެރޭގައި ހަދައިފިއެވެ. އަދި މިހާރުވެސް އޭޕްރީލް 25 އާއި ހަމައަށް އިމްތިހާން ބާއްވަން މިނިސްޓްރީއިން އެންގި އިރު އިންތިހާބު އޮތީ އޭޕްރީލް 21 ގައި އިމްތިހާން ތެރޭގައެވެ. އިންތިހާބު އޮންނަ ދުވަސް ބަންދު ދުވަހަކަށް ހަދާފައި އެ ދުވަހު އިންތިޙާބު ނުބޭއްވީމައި މިކަން ނިމުނީނު. ރަމަޟާން މަސް ވެގެން ގްރޭޑް ދިހައެއްގެ ކުދިންގެ މޮކް އިމްތިހާން އަވަސް ކުރިއިރު މިހާރު އެކަން ވެސް އޯކޭ ވެއްޖެއެވެ.
މުހައި
19 March 2024
ޓާމް ކުރުކުރީމަ ބުރަ ބޮޑުވީ. މަޖިލިސް އިންތިހާބާ ހެދިއެއް ނޫން. އެޕްރީލް މަސް 17 ދުވަސް ބަނދު.
ކޮރަލް
19 March 2024
އިންތިހާބުތައް އެއް ތާރީހަކަށް ހަދަން ވީ އެވެ. އޭރުން ހަރަދު ކުޑަ ވާނެ އެވެ. ވައުދު ތައް ވެސް މަދު ވާނެ އެވެ.
48343
19 March 2024
ހައްލަކީ މަޖުލީސް އުވާލުން.
އަދިބުނަން
19 March 2024
ސަރުކާރުވެސް އުވާލަންވީ
އަޑު
19 March 2024
މަޖްލީހާއި މިނިވަނޭކިޔާ މުވައްސަސާތައް އުވާލަބަލަ. ފުލުހުންނަކީވެސް ހަމައެކަނި ދޮގުހެކިދިނުމާއި ވަގު ވިޔަފާރިކުރާ ބައެއް. އެނޫންކަމެއް ނުކުރެވޭ. ކީއްކުރަން ބޮޑެތިމުސާރަދޭބައެއް. އަހަރެމެން ނުދާނަން ތިޔަ ވޯޓެއްލާކަށް
އެރޯޅި
19 March 2024
އަހަންނަން ހީވަނީ އެންމެ ބޮޑު މައްސަލަކީ ރޯދަމުން ބައެއް ބަންދުކޮށްލުންހެން. އެއްވެސް އިސްލާމީ ގައުމެއްގައި ރޯދަމަހު ފަހު ދިހަޔެކޭ ކިޔާފަ ސަރުކާރުގެ އޮފީސްތަކާއި ސުކޫލްތައް ބަންދުކުރޭތޯ. އަދި އަމުލުން އެކަޑަމިކް ކަލަންޑަރަށް ބޮޑު ބަދަލެއް ގެނެސް ސިލަބަސްތައް ކަވަރު ނުވެގެން އުޅެނިކޮށް.
ހަމަރޯޅި
19 March 2024
ފަހު 10އެއް ބަންދުކޮށްގެން ވަރަށް ބޮޑު ގެއްލުމެއް އެވަނީ. ބަންދުކުރީމަ އަޅުކަމުގަ މީހުން ތިބުމުގެއެއްވެސް ގެރެންޓީއެއް ވަކި ނެތް. ގިނަ ބަޔަކު މަޖާކުރަން ދިމަދިމާލަށް ފުރައިގެން ނުދާނެކަމުގެ ގެރެންޓީއެއްވެސް ނެތް. ފަހު 10އެއްގަ ދުނިޔޭގެ ހުރިހާ ކަމެއް ހުއްޓާލާފަ 24 ގަޑިއިރު އަޅުކަންކުރަން އަންގަވާފަވޭބާ؟
ށަވިޔަނި
22 March 2024
ސިޔާސީ ބޭނުމުގައި، ސިޔާސީ ވަޢުދު ވެ، 10 ދުވަސް ބަންދުކުރީމަ ހުރިހާ ވެެސް މައްސަލައަކީ. މީގެކުރިން އިންތިޚާބު ބާއްވަނީ ވެސް ހޮނިހިރު ދުވަހު.