ސިޓީގެ ކޯޗު ގާޑިއޯލާ (ކ) އާއި އެ ޓީމުގެ ފޯވާޑް އަގުއޭރޯ.-- ފޮޓޯ: އޭއެފްޕީ
18 ފެބުރުއަރީ 2017 - 12:06
މެންޗެސްޓާ (ފެބްރުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސަސް އަށް އަނިޔާވެ ސީޒަން ނިމުމުގެ ބިރާ ކުރިމަތިވެފައިވާއިރު، މިއީ ސާޖިއޯ އަގުއޭރޯގެ އެހީ އެންމެ މުހިއްމު ވަގުތު ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޖީސަސްގެ ފައިތިލަ އަށް ލިބުނު އަނިޔާއާ ގުޅިގެން ވަނީ އޮޕަރޭޝަން ކޮށްފަ އެވެ. އަލުން އޭނާ ދަނޑަށް ނުކުންނަން މަދުވެގެން ތިން މަސް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ސިޓީ އަށް ނުދެވިއްޖެ ނަމަ އެ ޓީމުގެ ފަހު މެޗަކީ އަންނަ މެއި 21 ގައި ޕްރިމިއާ ލީގުގައި ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.
"ޖީސަސް އަށް ސީޒަން ނިމުމުގެ ބިރު ބޮޑު. މިއީ ޖީސަސްގެ އިތުރުން ސިޓި އަށް ވެސް ލިބުނު ގެއްލުމެއް. އެކަމަކު ޓީމުގައި ޖީސަސް ނެތުމަކީ މާ ބޮޑު އުނިކަމެއް ދަށްކާނެ ސަަަބަބެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ޖެނުއަރީ މަހު ޖީސަސް ސިޓީއާ ގުޅުނު ފަހުން އަގުއޭރޯ އަށް ފުރަތަމަ 11 އިން ފުރުސަތެއް ނުލިބެ އެވެ. ސިޓީގައި އަގުއޭރޯގެ މުސްތަގުބަލާ ގުޅޭ ގޮތުން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވޭއިރު ގާޑިއޯލާ ހުރީ އަގުއޭރޯގެ ބޭނުން ފުރިހަމަ އަށް ހިފަން ގަސްދުކޮށްގެންނެވެ.
"އަގުއޭރޯގެ ހުނަރާ ބެހޭ ގޮތުން ސުވާލު އުފެއްދޭކަށެއް ނެތް. އޭނާ ފޯމުގައި ހުރެ ކުޅެފި ނަމަ ކޮންމެ ޓީމެއްގައި ވެސް ތަފާތު ދައްކާނެ ކުޅުންތެރިއެއް އެއީ. ސިޓީ އަށް މި ވަގުތު ބޭނުންވަނީ ކުރިން ފެނުނު މޮޅު އަގުއޭރޯގެ ކުޅުން،" އެފްއޭ ކަޕްގައި މިރޭ ހަޑްލްސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ސިޓީ އަށް އަދިވެސް ތިން މުބާރާތް އެބަ އޮތް ކަމަށާއި ބޭނުންވަނީ ލިބިފައި ހުރި ފުރުސަތުތަކުގެ ބޭނުން ހިފައިގެން ކުރިޔަށް ދާން ކަމަށެވެ.
"ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގުގައި ވެސް އަހަރެމެން އެބަ އޮތް. ތަށްޓަކާ އެކު ސީޒަން ނިންމާލުމުގެ އުއްމީދު ދޫކޮށެއް ނުލަން،" ގާޑިއޯލާ ބުންޏެވެ.
ހަޑްލްސްފީލްޑް ދަނޑުގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy