ހިޔާ ސަރަހައްދުގައި އުޅޭ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
03 އެޕްރީލް 2024 - 00:27
މި ސަރުކާރުން މަޝްރޫއުތައް ހިންގަމުންދަނީ ފައިސާ ޗާޕުނުކޮށް ކަމަށް ވިދާޅުވެ، މިދިޔަ އަހަރާ އަޅާބަލާއިރު ކެޕިޓަލް ހަރަދު ދަށްވެފައިވާ ތަފާސްހިސާބުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ މާޗު މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކެޕިޓަލް ހަރަދަށް 3.64 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، މި އަހަރު އެ އަދަދު ވަނީ 2.06 ބިލިއަން ރުފިޔާ އަށް ވެއްޓިފައި އެވެ.
މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ތެރޭގައި ހިމެނޭ ޕީއެސްއައިޕީ އަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިދިޔަ އަހަރު ޕީއެސްއައިޕީ އަށް 2.88 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މި އަހަރުގެ އެ މުއްދަތުގައި ހޭދަކޮށްފައިވަނީ 1.13 ބިލިއަން ރުފިޔާ އެވެ.
ހިޔާ ފްލެޓް ސަރަހައްދުގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ރައީސް ވިދާޅުވީ ޕީއެސްއައިޕީއަށް ކުރި މި ހޭދައިގެ ފަރަގަކީ ވެސް ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޕީއެސްއައިޕީގެ މަޝްރޫއުތައް އެ މުއްދަތުގައި މިދިޔަ ސަރުކާރުން ހިންގާފައިވަނީ ދެ ބިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށާއި ހަގީގަތުގައި ހިންގިފައިވަނީ 900 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫއު އެވެ.
"އަޅުގަނޑުމެން ލޯނު ނުނަގައި، އޯވާޑްރާފްޓު ނުނަގައި 1.1 ބިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫއު އެހެރީ ހިންގާފައި،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކާ އެކު 500 އަށް ވުރެ ގިނަ މަޝްރޫއު ހުއްޓައިނުލައި މި ސަރުކާރުން ހިންގަމުންދަނީ، ރައީސް ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށެވެ.
އެ މަނިކުފާނު ވިދާޅުވީ ބޭރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ފައިސާ ޖަމާކުރަން އުފައްދާފައިވާ ސަވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި މި ސަރުކާރުން ހަވާލުވިއިރު، ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ.
އެކަމަކު މި ސަރުކާރުން އިތުރު ލޯނެއް ނުނަގައި، ފައިސާ ޗާޕުނުކޮށް، މަޝްރޫއުތައް ހުއްޓައިނުލައި ކުރިއަށް ގެންދަމުން އެ ފަންޑަށް މިހާރު ވެސް 35 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަން ރައީސް ފާހަގަކުރެއްވި އެވެ.
"މި ރޭޓުގަ ގޮސް މި އަހަރު ނިމޭއިރު، ދިވެހި ރައްޔިތުންގެ ނަމުގައި ނަގާފައިހުރި ލޯނުތައް ދެއްކުމަށް އެ އެކައުންޓުގައި 100 މިލިއަން ޑޮލަރު ހަމަވާނެ އިރާދަކުރެއްވިއްޔާ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ފައިސާ ޗާޕުނުކޮށް ލިބޭ އާމްދަނީއަކުން އަޅުގަނޑުމެން މި ގައުމު ހިންގާނީ."
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ނަތީޖާ ނެރުމަށް މަޖިލިސް އިންތިހާބު ކާމިޔާބުވުން ވަރަށް މުހިންމެވެ.
ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު ކަން ތަކުރާރުކޮށް ފާހަގަކުރައްވައި، ރައީސް ވަނީ މި މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބޮޑު އަގުލަބިއްޔަތެއް ޕީޕީއެމް/ޕީއެންސީއަށް ދިނުމަށް އެދިވަޑައިގެންފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު2.0
04 April 2024
ލޯނާއި އޯވަޑްރާފްޓު އަދި ފައިސާ ޗާޕު ކުރުމަކީ އެކަން ކުރަން އެނގިގެން ކުރާކަމުގައިވަނީ ނަމަ، ކުރު ރާސްތާގައި ހާލުގައި ނުޖެހި ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކުރެވޭނެ ކަންތައްތަކެވެ. އިޤްތިސޯދު ހިނގޭނީ އަބަދުވެސް ސަރުކާރުގެ ފިސްކަލް ޕޮލިސީ އަދި މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ގެ ޑިސްޕޯސަލްގައި ހުރި ޓެކްސް، އިންޓްރަސްޓް ރޭޓް، ފައިސާ ޗާޕުކުރުން، ޑެޓް ފަދަ ޓޫލްތައް ހާލަތާއި ވަގުތާއި ގުޅޭގޮތަށް ބޭނުން ކުރަން އެނގިގެންނެވެ. ރައީސަށް ނެނގެނީއެވެ.
މިއޮތީ
03 April 2024
މިކިޔާ އެއްޗެއް ނުވިސްނުނު. ބަޖެޓަކު ފައިސާއެއްނެތް. އެކަމަކު މަތިން އޮހޭ ފައިސާއިން ކުރި ކަމެއް މި ކުރީ. ޖާދޫ ހަދައިގެންތޯ ފައިސާ ހޯދީ؟؟ ބަޖެޓަކީ އެއްވެސް ބޭނުމެއް ނެތް އެއްޗަކީތޯ؟؟ މި ހިންގަނީ ސަރުކާރެއް ކަމާމެދު މިހާރު ސުވާލު އުފެދިއްޖެ!!!
އަހްޝަމް
03 April 2024
އޭރުވެސް އިނގޭ އެމްޑީޕީ އިން ހެދީ ދޮގުކަން. ފެނިގެން މިދަނީ ތަރައްގީ. ތަރައްގީ ވެސް އެބަ ކުރޭ. އަޅުގަނޑުމެން ރަށުގަވެސް ބަނދަރު ފަށައިފި
މުހައްމަދު ސަނީހް
03 April 2024
މިއޮތީ ހަގީގަތް ހާމަކޮށްފަ. މިޔަށް ދެން ރައްދު ދީބަލަ. ހަމަޖެހޭ ރައްދެއް ދޭތި
މަރުޒޫގް
03 April 2024
މުއިއްޒު މެން ހުސް ވާހަކަތަކެއް ނުދައްކާނެ. އަދަދަކުން ދައްކާނީ
ރީއްޗެއްނު
03 April 2024
ލޯނެއް ނުނަގައޭ ބުނާއިރި ރަސްމާލެ ހިއްކަންށޭ ކިޔާފައި ރާޖޫއަށް މާލެއިން 70 ހެކްޓަރު ބިންދީފި. ހިވަދުއަތޮޅުގައި ދެއެއާޕޯޓު އަޅަންށޭ ކިޔާފައި ތައިލެންޑުގެ ހެދުންވިއްކާ މީހަކަށާއި އެހެން ބޭރުމީހަކަށް އެއަތޮޅުން 30 ހަކަށް ރަށްދީފި. މިއީ ފައިސާއެއް ނޫންތަ؟ މިއީ ރައްޔިތުންގެ މުދާ ނުއަގުގައި ވިއްކުމެއް ނޫންތަ؟
ނިހާމް ހަސާން
03 April 2024
ދެން ކީކޭ އެމްޑީޕީ އިން ބުނާނީ؟ މިޔަށް ހަމަ ރައްދު ދެވޭނެ އެއްވެސް ގޮތެއް ހަމަ ނޯންނާނެ
ސިއްބަތު އަޒީޒް
03 April 2024
މިއީ ވަރަށް ފުރިހަމަ ޖަވާބެއް. ފައިސާ ޗާޕްކުރުން އެއީ އެއްވެސް އުސޫލެއް ނޫން
އަލީއަސް
03 April 2024
ކޮންތާކު ހިންގި ކޮން މަޝްރޫއެއްގެ ވާހަކަތޯ ތިޔަ ދައްކަނީ
ކޮމެންޓޭ1
03 April 2024
މިދިޔަ އަހަރު ތިހުރިހާ ޚަރަދެއްވެސް ބޮޑުވަނެތާ ރިޔާސީ އިންތިހަބަށް ކޮއްފަ ނުކުރާނެ ކަމެއް ނެތް. އެތައް މިލިއަން ރުފިޔާގެ ގޯތި ތައް ބަހާލީ. ދެން ކޮމަންޑޫ ގޮނޑި ހޯދަން ފައިސާ އޮއްސި ވަރެއްވެސް ނޭންގެ