17 އެޕްރީލް 2024 - 06:23
މެންޗެސްޓާ (އޭޕްރީލް 17) – ސީޒަން ރަނގަޅަށް ފެށި ނަމަވެސް، ފަހުން އޭނާގެ ރިދަމް ގެއްލުނީ އަނިޔާ އާއި ސަސްޕެންޝަނާ ހެދި ކަމަށް ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑެ ބެލިންހަމް ބުނެފި އެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން، 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގަކަށް، މި ސީޒަނުގައި ރެއާލް އަށް ބަދަލުވެ، ބެލިންހަމް ވަނީ 20 ލަނޑު ޖަހައިފަ އެވެ. ސީޒަނުގެ ފުރަތަމަ ހާފުގައި އޭނާ ގިނަ ލަނޑުތަކެއް ޖެހި އެވެ.
އެކަމަކު ސީޒަން ދެބައިވެ، މި އަހަރު ފެށުނު ފަހުން އޭނާގެ ލަނޑު ޖެހުމުގެ ރޭޓް ވަނީ ވަރަށް ބޮޑަށް ދަށް ވެފަ އެވެ. މި އަހަރު އޭނާ އަށް ޖެހުނީ ތިން ލަނޑެވެ.
ބެލިންހަމް ބުނީ ސީޒަންގެ ފުރަތަމަ ހާފުގައި ގިނަ މެޗުތަކެއް ގަވާއިދުން އޭނާ ކުޅެމުން ގޮސް އަނިޔާއާ ހެދި މެޗުތައް ގެއްލިގެން ދިއުމުން، ކުރީގެ ފޯމަށް އެނބުރި އަންނަން މުއްދަތެއް ހޭދަ ވާނެ ކަމަށެވެ.
"ސީޒަނުގެ ފުރަތަމަ ހާފު ފެށީ ވަރަށް ރަނގަޅަށް. އަހަރެން ދެކޭ ގޮތުގައި އަހަރެންގެ ރިދަމް ގެއްލުނު މައިގަނޑު ކަމަކީ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަނިޔާ، ޖިރޯނާއާ ދެކޮޅަށް [ފެބްރުއަރީ 10 ގައި]. އެހާ ގިނަ މެޗުތައް ގެއްލިގެން ދިއުމުން އަދިވެސް ތަންކޮޅެއް ނުތަނަވަސްކަން އިހުސާސް ކުރެވޭ،" މެންޗެސްޓާ ސިޓީއާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރި މެޗު ޕްރެސް ކޮންފަރެންސްގައި އިނގިރޭސި މީޑީއާތަކުން ސުވާލު ކުރުމުން ބެލިންހަމް ބުންޏެވެ.
"އެންމެ ފަހުން އަހަރެންގެ ފައިގެ ކުޑަހުޅުގައި ރިހުމުގެ އިހުސާސް ފިލައިގެން ދިޔަ. އޭގެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅެ އަހަރެންގެ ގަބޫލުކުރާގޮތުގައި ވަރަށް ފުރިހަމަ ގޯލެއް ޖެހިން. އެކަމަކު ސަސްޕެންޑް ކުރެވުނީ [ގޯލް ނުޖެހޭ ކަމުގެ ނިންމުމާ ދެކޮޅު ހެދި ކަމަށް ބުނެ ރަތްކާޑު ދެއްކުމުން. ... އެއީ ކަނޑައެޅިގެން އަހަރެންގެ ރިދަމް އަށް އަސަރު ކުރި ކަންތައްތަކަކީ."
އޭނާ ބުނީ، އޭރު ޓީމުގައި އަދާކުރި ދައުރާއި މިހާރު އަދާ ކުރާ ދައުރު ތަފާތުވުމަކީ ލަނޑު ޖެހުމުގެ ރޭޓް މަދުވިކަން ފާހަގަވާ ސަބަބަކަށް ވެދާނެ ކަމަށެވެ.
"މިހާރު އަހަރެން މި އަދާކުރާ ދައުރަކީ ޓީމުގެ އެހެން ކުޅުންތެރިންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުން. އެކަން ކުރަން އަހަރެން ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.
"އެކަމަކު އަހަރެންގެ ރިދަމް ގެނައުމުގެ މަސައްކަތް ކުރަން ޖެހޭ މީހަކީ އަހަރެން."
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރަންޖީ
17 April 2024
އިންގިރޭސިން ދުވަހަކުވެސް އަނގައިން ބައްޔެއް ނުވާނެ.