ދުނިޔެ / ރައީސް ޑޮނަލްޑް ޓްރަމްޕް

ސްޓޯމީ އަށް ފައިސާ ދޭން ޓްރަމްޕް އެންގެވި ކަމަށް ކުރީގެ ވަކީލު ކޯއެން ހެކިބަސް ދީފި

ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯއެން ޓްރަމްޕްއާ ދެކޮޅަށް ހެކިބަސް ދޭން ކޯޓަށް ވަންނަނީ. --ފޮޓޯ: އޭއެފްޕީ

14 މެއި 2024 - 09:12

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ޑޮނަލްޑް ޓްރަމްޕް ގުޅުން ބޭއްވި ކަސްބީ އަންހެނަކަށް ފައިސާ ދޭން ޓްރަމްޕް އެންގެވި ކަމަށް، ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯއެން ޝަރީއަތުގައި ހެކިބަސް ދީފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީން މިިހާރުގެ ރައީސް ޖޯ ބައިޑެންއާ ވާދަކުރައްވާ ޓްރަމްޕް ވިޔަފާރީގެ ހިސާބުތައް އޮޅުވާލައްވައި އޭނާގެ ކުރީގެ ވަކީލް ކޯއެން އަށް 130،000 ޑޮލަރު ލިބޭނެ މަގު ފަހިކޮށް، އެ ފައިސާ ޑެނިއަލްސް އަށް ދީފައިވާ ކަމަށް ދައުވާގައި ވެ އެވެ.

މި ފައިސާ އޭނާ އަށް ދީފައި ވަނީ ޓްރަމްޕް، ހިލަރީ ކްލިންޓަންއާ ވާދަކުރެއްވި 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކަމަށް ކެމްޕޭނަށް ގެއްލުންވެދާނެތީ ކަމަށް ވެސް ބުނެފައި ވެ އެވެ.

ދައުލަތުގެ އެންމެ މުހިންމު ހެކީގެ ގޮތުގައި، ކޯއެން ހެކިބަސް ދެމުންދިޔަ އިރު، ކޯޓު ތެރޭގައި އަޑުއައްސަވަން ޓްރަމްޕް އިސް ޖައްސަވައިގެން އިންނެވި އެވެ.

"އަޅުގަނޑު ޓްރަމްޕްއާ ވާހަކަ ދައްކައި، އެ ފައިސާ ހަމަޖައްސައިދޭނެ ކަމަށް ބުނިން،" ކޯއެން ބުންޏެވެ.

"އެ ފައިސާ އަނބުރާ ލިބޭނެ" ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށް ވެސް ކޯއެން ހެކިބަސް ދެމުން ބުންޏެވެ.

ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: އޭއެފްޕީ

"އަޅުގަނޑު އަބަދުވެސް ކަން ކުރި ގޮތަށް، އަޅުގަނޑުގެ ބޮސް ސަލާމަތް ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން،" ކޯއެން ބުންޏެވެ.

ކޯއެންގެ ހެކި ބަސް ނެގުން މިއަދު ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ދިފާއީ ވަކީލުން އަމާޒު ކުރާނީ ކޯއެން އަކީ މީގެ ކުރިން ވެސް ދޮގު ހަދާފައިވާ މީހެއް ކަމާއި އޭނާގެ ހެކިބަހަށް އިތުބާރު ނުކުރެވޭނެ ކަން ދެއްކުން ކަމަށް ބެލެވެ އެވެ.

ކޯއެން ވަނީ ކޮންގްރެސް އަށް ދޮގު ހެދި ކަމަށް އިއުތިރާފުވެ 2018 ވަނަ އަހަރުގެ ތެރޭގައި 13 މަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ.

ދައުލަތުގެ ސުވާލުތަކަށް ޖަވާބު ދެމުން، ކޯއެން ބުނީ އެކި ފަހަރު މަތިން ޓްރަމްޕް ސަލާމަތް ކުރުމަށް ދޮގު ހަދައި އެކި މީހުންނަށް ބުލީކޮށްފައިވާ ކަމަށެވެ. ނޫސްވެރިންނަށް ފައިސާ ދީގެން ޓްރަމްޕަށް ގެއްލުންވާ އާޓިކަލްތައް ޝާއިއު ނުކޮށް "ގަންނަން" ވެސް އިރުޝާދު ދެއްވާ ކަމަށް އޭނާ ބުންޏެވެ.

ސްޓޯމީ އަށް ފައިސާ ދޭން ޓްރަމްޕް އެންގެވީ، ކޯއެން ބުނި ގޮތުގައި ނަހަމަ ގުޅުމުގެ ވާހަކަ ބޭރުވެއްޖެ ނަމަ ކެމްޕޭނަށް ގެއްލުން ވާނެތީ އެވެ.

ދައުލަތުގެ ހެއްކެއްގެ ގޮތުން، ސްޓޯމީ ޑެނިއަލްސް ވަނީ ޓްރަމްޕާ އެކު ބޭއްވި ޖިންސީ ނަހަމަ ގުޅުންތަކުގެ ވާހަކަތައް ވަރަށް ތަފުސީލުކޮށް މިދިޔަ ހަފުތާގައި ޝަރީއަތަށް ކިޔައިދީފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި އެ ގައުމުގެ ރައީސްކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް، ޝަރީއަތް ހިންގާ ފުރަތަމަ ފަހަރެވެ. -- އޭއެފްޕީ

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454