ރިލްވާންއަށް އިންސާފު ހޯދުމަށް ގޮވާލައި ބޭއްވި އެއްވުމެއް ތެރެއިން: މަރު ކޮމިޝަންގެ ހޯދުންތައް ހާމަކުރަން ޖަމިއްޔާތަކުން ގޮވާލައިފި - ފޮޓޯ: މިހާރު
14 މެއި 2024 - 15:35
މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރި ރިޔާސީ ކޮމިޝަންގެ ހޯދުންތައް އަނިޔާވި މީހުންގެ އާއިލާތަކާއި އާއްމުންނަށް ހާމަކުރަން ގިނަ ޖަމިއްޔާތަކަކުން މިއަދު ގޮވާލައިފި އެވެ.
ރާއްޖޭގައި ހިނގި ބޮޑެތި މަރުގެ މައްސަލަތައް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދެވި މަރު ކޮމިޝަނުން ތަހުގީގުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލަ ވެސް ހިމެނެ އެވެ.
މި މައްސަލަތަކުގެ ތަހުގީގު އަދިވެސް ކުރިއަށް ގެންދާތީ، އާއިލާތަކުގެ އެދުމުގެ މަތިން މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަރު ކޮމިޝަންގެ މުއްދަތު މި މަހުގެ ނިޔަލަށް ދަންމާލައްވައިފަ އެވެ.
ރާއްޖޭގެ ފަސް ޖަމިއްޔާއަކާއި ބައިނަލްއަގުވާމީ ފަސް ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކޮމިޝަންގެ ހޯދުންތައް ހަމައެކަނި ރައީސް އޮފީހާ ހިއްސާ ކުރުމަށް އަންގާފައިވާކަން މި މަހުގެ ތެރޭގައި ޖަމިއްޔާތަކުން މަރު ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި ބުނެފައިވާ ކަމަށެވެ. އޭގެ މާނައަކީ ކޮމިޝަންގެ ނިންމުންތައް އާންމުންނަށް ސިއްރު ކުރުމެވެ.
ނަމަވެސް، ޖަމިއްޔާތަކުން ގަބޫލުކުރާ ގޮތުގައި އެ ހޯދުންތައް އާންމުކުރަން ޖެހެ އެވެ. އެ ކަމަށް ގާނޫނީ ހުރަހެއް ނެތް ކަމަށް ވެސް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވެ އެވެ.
ނޫސްވެރިޔާ ރިލްވާން (ކ) އާއި ބްލޮގަރު ޔާމީން: ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުނު އިރު ވެސް އިންސާފު ނުލިބޭ.
"...މައްސަލައިގެ ހެކިވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ގޮތަށް ބައެއް މައުލޫމާތުތައް އުނިކުރެވިފައިވާ ހޯދުންތައް އާއްމު ކުރުމަށް އަނިޔާ ލިބިފައިވާ އާއިލާތަކާއި މަދަނީ ޖަމިއްޔާތަކުން ވަނީ އެއްބަސްވެފައި. ކޮމިޝަންގެ ހޯދުންތައް ހާމަނުކޮށް ހިފެހެއްޓުމަކީ އަނިޔާ ލިބިފައިވާ އާއިލާތަކުގެ އިންސާނީ ހައްގުތަކަށް އަރައިގަތުން،" ބަޔާނުގައި ބުންޏެވެ.
"ހާއްސަކޮށް އެ އާއިލާތަކަށް ލިބިފައިވާ މައުލޫމާތު ލިބިގަތުމުގެ ހައްގާއި އިންސާފު ހޯދުމުގެ ހައްގުތައް ފާހަގަކުރަން."
ޖަމިއްޔާތަކުން ވަނީ މަރު ކޮމިޝަނުން މައްސަލަތަކުގެ ތަހުގީގު ނިންމައި، ކުށްވެރިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމުގައި މިހާތަނަށް ނާކާމިޔާބު ވެފައި ވާތީ، އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބަޔާނުގައި ބުނީ މަރު ކޮމިޝަނަށް ފަސް އަހަރާއި ހަ މަސް ވީއިރު ވެސް އެއްވެސް މައްސަލައަކަށް އިންސާފު ނުލިބޭ ކަމަށެވެ.
"އާންމުންގެ މަސްލަހަތާއި ރައްކާތެރިކަމާ ގުޅުން ހުރި މައްސަލަތައް ބެލުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ރާވައި އާއިލާތަކަށް އިންސާފު ހޯދުމަށް ހުރަސްނޭޅޭ ގޮތަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށް ޖަމިއްޔާތަކުން ބުންޏެވެ. އެ ކޮމިޝަނުން ބަލަމުންދިޔަ 24-27 އާ ދެމެދުގެ މައްސަލަތަކަށް އިންސާފު ހޯދައި ނުދިނުމުގެ އިތުރުން އެ ކޮމިޝަނުން މިހާތަނަށް ދައުލަތުގެ ވަސީލަތްތަކާއި ބައިނަލްއަގްވާމީ އެހީ ފަސް އަހަރަށް ވުރެ ގިނަ ދުވަހު ބޭނުންކޮށްފައިވާކަން އެ ކޮމިޝަނަށް ހަނދާން ކޮށްދެމެވެ،" ބަޔާނުގައި ވެ އެވެ.
ޖަމިއްޔާތަކުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ:
- 2019-2021 އާ ހަމައަށް ކޮމިޝަނުން 5.5 މިލިއަން ރުފިޔާއާ (ގާތްގަނޑަކަށް 357،00 އެމެރިކާ ޑޮލަރު) ގާތްކުރާ އަދަދަކަށް ފައިސާ ހަރަދު ކޮށްފައިވޭ.
- ފައިސާ ބޭނުންކޮށްފައިވާ ގޮތާއި ކޮމިޝަނުން ދައުވާ އުފުލާފައިވާ މައްސަލަތައް ކާމިޔާބު ނުވި ސަބަބުތައް ދިވެހިންނަށް ހާމަކޮށްދޭން ޖެހޭ.
- ގާނޫނުއަސާސީ އިން ކަށަވަރު ކޮށްދޭ މައުލޫމާތު ލިބިގަތުމުގެ ހައްގު އާއިލާތަކުން ހޯދަން ކުރާ މަސައްކަތަށް އެ ކޮމިޝަނުން އިހުތިރާމް ކުރަންޖެހޭ.
- މަޢުލޫމާތު ހާމަކުރުމަށް ދެކޮޅު ހެދުމަކީ މަދަނީ ނިޒާމްގެ ތެރެއިން އިންސާފު ހޯދުމަށް އާއިލާތަކަށް ހުރަސް އެޅުން. އެއީ އާއިލާތަކުން މަދަނީ ނިޒާމުގެ ތެރެއިން މައްސަލަ އަށް އިންސާފު ހޯދުމަށް އެ ކޮމިޝަނުން އެއްކޮށްފައިވާ މައުލޫމާތުތައް މުހިއްމު ވާތީވެ.
- އާންމުންގެ މަސްލަހަތާއި ރައްކާތެރިކަމާ ގުޅުން ހުރި މައްސަލަތައް ބެލުމުގައި ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންގޮސް، އާއިލާތަކުން އިންސާފު ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް ނޭޅުމަކީ ވަރަށް މުހިއްމު ކަމެއް.
ޖަމިއްޔާތަކުން ބުނީ މީގެ ކުރިން ގާއިމްކުރި ރިޔާސީ ކޮމިޝަންތަކުން ވެސް ދައުލަތުގެ މާލިއްޔަތުން ފައިސާ ހަރަދު ކޮށްގެން މަސައްކަތްކޮށް، އެ ކޮމިޝަންތަކުގެ މެންޑޭޓް ހާސިލުނުކޮށް، އެއްވެސް މައުލޫމާތެއް ހާމަނުކޮށް ކޮމިޝަންތަކުގެ މަސައްކަތްތައް ނިންމާލާފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ، ސަރުކާރުގެ ފަރާތުން އުފައްދާ މިނިވަންކަން ނެތް ރިޔާސީ ކޮމިޝަންތަކުގެ ބޭނުންތެރިކަމާ މެދު ޖަމިއްޔާތަކުން ސުވާލު އުފެއްދި އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ޒިންމާދާރު، ދެފުށް ފެންނަ ސަރުކާރެއް ހިންގުމަށާއި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަންގެ ހޯދުންތައް އާއްމުންނާ ހިއްސާކުރުމަށް ޖަމިއްޔާތަކުން ވަނީ ބަޔާން ނިންމާލަމުން ރައީސް މުއިއްޒަށް ގޮވާލައިފަ އެވެ.
މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަން އުފައްދާފައިވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނޮވެމްބަރު 2018 ގަ އެވެ. އެ ކޮމިޝަން އުފެއްދުމަށް ފަހު، އޭރުގެ ސަރުކާރުން ބުނެފައިވަނީ ކޮމިޝަންގެ ތަހުގީގުތައް ދެ އަހަރުގެ ތެރޭގައި ނިންމާނެ ކަމަށެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރު ނިމި އޭގެ ފަހުން ހަ މަސްވިއިރު ވެސް އެ އިން އެއްވެސް މައްސަލައަކަށް އިންސާފެއް ނުލިބުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
15 May 2024
މަރުކޮމިސަންއައް 5 އަހަރުވީއިރުވެސް މުސާރަ ނޫންއެއްޗެއް ފެނުނުކަމުގެ އެއްވެސް އަލާމާތެއްނެތް.
ތާލަ
15 May 2024
މިދިޔަ 05 އަހަރު މަރު ކޮމިޝަން ހަދާގެން ބޮޑު މުސާރަ ނެގިއިރު މި ޖަމްއިއްޔާތައް ކޮބަޔޯ. މި އުޅެނީ ވެރިކަން ބީވެގެން ދުލި ބަދަލުކޮށްގެން. މަގުމަތި ހަލަބޮލިކުރަން. މިފެންނަނީ ޤައުމު ހަލަބޮލިކުރާ ޕާރޓ އަތުން ވެރިކަން ގެއްލުނީމާ ވާނެހާ ކަންތައް. އުތުރި އަރަންފެށި ކޮންމެވްސް އއްޗެކޯ ގޮވާފަ
ލެއްގިޔޯ ލެއްގިޔޯ
14 May 2024
ވެއްޖެޔޯ ވެއްޖެޔޯ، ފާލުވެއްޖެޔޯ! 'ޖަމިއްޔާ' ބޮޓުންތައް ފާޅުވެއްޖެޔޯ! ކޮށްފިޔޯ ކޮށްފިޔޯ، ޑިމާންޑު ކޮށްފިޔޯ! އެވެރިންގެ ސޫޕަރު މެޖޯރިޓީ ސަރުކާރުން ކުރިކަންކަން ހާމަކުރުމަށް ޑިމާންޑު ކޮށްފިޔޯ! އެންގިޔޯ އެންގިޔޯ، ހަލަބޮލިކުރަން އެންގިޔޯ! ކީއްވެ ކަމެއް، ނޭނގުނަސް ހެވޯ ބޮޓުންނަކަށް ތިމަންނާމެންނީ އޮޓޯބޮޓުން ވިއްޔާދޯ!
ރަނާ
14 May 2024
އަންނިގެ ވެރިކަމުގަވެސް ފާޑެއްގެ ކޮމިޝަނެއް ހެދި ޔާމީނު 800މިލިއަން ޑޮލަރެއްގެ ތެލުގެގެ މައްސަލަ ބަލަން ކަމަށް ބުނެ އެވަރުން ނުވެގެން ބޭރުގެ ބަޔަކަށް 800މިލިއަނަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްގެންވެސް ނަތީޖާއެއް ނުނެރެވުނު. އަހުންނަށް ހީވަނީ ރައްޔިތުންގެ ބޮލަށް ޗިޕްޖަހާފަ ޕާރޓީ ކުދިންނަށް ވަޒީފާދޭން ކުރާ ކަމެއްހެން މި ރިޔާސީ ކޮމިޝަން އުފެއްދުމަކީ އެހެންނާފަހެ ކުރާކަމެއް ފެންނަނީކީ ނޫން.
އޮޅާލާއޮޅާލާ
14 May 2024
މިތިލަވަނީ ތިލަވަނީ އެމްޑީޕީ ތައް ދުލި ބަދަލުކޮށް ގެން ޖަމްއިއްޔާ ތަކުގެ ނަމުގައި މީ މަމެން ނުދަންނަ ގޭސް ގަނޑެއް ނުނޭ ތަމެން ތިޔާ އަނބުރަނީ
ބެރުހަސަންމަނިކު
14 May 2024
އަހާ. އެއްކަލަ ޖަމިއްޔާތައް މާލެއަތުވެއްޖެ. ކޮންތާކުބާ މިއޮތްހާދުވަހު އުޅުނީ. އަތަކަށް ޖެހިލާނަމަ ގޮވެލިތައް ގޮވަން ބަޔަކާއި ހަވާލުކޮށްފައި ދާނަމަ އެއްވާމަކަށް ގޮވާލަ ގޮވާލާ ތިބެވޭނެއެއްނުން. ރާޅުބަޑަށްދަމާލީމަ ބޯހިއްލާފަ ގޮވާއެއްޗަކަށް ބަޔަކު އަޅައެއްނުލާނެ.
ކިހިނެއް
14 May 2024
އިބޫ ސަރުކާރުން ހިންގި ޖަރީމާތައް މަރުތައް ބަލަނިއްޔޭ ކިޔާގެން
ސޯލިހު ހޭވި ހަޑި
14 May 2024
ރައީސް ސާލިޙް ކުރިކަމެއްގެ ހިތިފިލުވަން މިޖެހުނީ ރައީސް މުއިއްޒުއަށްތާ. މީގެކުރިންވެސް ތިޔަކޮމިޝަނުގެ ރިޕޯރޓެއް ލީކްކޮށް ބައެއްގެ އަބުރު ކަތިލައިފި. މިފަހަރު ނަމަނަމަ އެހެން ނުހަދާތީ. ރިޕޯރޓް އާއްމުކުރުމުގެ ކުރިން ޗެކްކޮށްލާތި. އެއޮތީތާ އެރިޕޯރޓްގައި އާއްމުނުކުރެވޭނެ ވާހަކަތައް ހުރިވާހަކަ. އެހެންވެ މަމިބުނީ.
އޭނާގެ
14 May 2024
އޮމްބަޓްސް ޕާސަންވެސް ހޯދަންޖެހޭ. އެންމެފަހުން ޚަބަރެއްވީ މުސާރަ ބޮޑުނުކޮށްގެން އުޅުއްވިވާހަކަ.